އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢިރާޤްޗީ ވިދާޅުވީ، އެމެރިކާއިން ސޮއިކޮށްފައިވާ ފަހުމުނާމާ އަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށާއި އިންޒާރުތައް ދިނުން ހުއްޓާލަންޖެހޭނެ ކަމަށެވެ. ޢިރާޤްޗީ ބަޔާންކުރެއްވި ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާނު ވުޖޫދުން ފޮހެލާނެ ކަމަށް ބުނާ ނާތަހުޒީބު އިންޒާރުތަކާ ގުޅިގެން، ތެހެރާނާއި ވޮޝިންގްޓަނާ ދެމެދު އެންމެ ފަހުގެ އެއްބަސްވުމަކަށް ވާސިލުވުމަށް ކުރެވޭ މަޝްވަރާތައް ކުރިއަކަށް ނުދާނެއެވެ. އަދި އެމެރިކާގެ އިންޒާރުތައް ދެމިއޮތްހާ ހިނދަކު ވާހަކަ ދައްކަން ނުފެށޭނެއެވެ.
"އީރާނުގެ ފަޚުރުވެރި އެތައް މިލިއަން ރައްޔިތުން ވަނީ އެކަތިގަނޑަކަށްވެ، އެންމެ މަތީ ދީނީ މަރުޖިޢު އާޔަތުﷲ ޚާމަނައީއަށާއި ޚާމަނާއިގެ ތަރިކައަށް އިހުތިރާމް އަދާކުރުމަށް ޖަމާވެފައެވެ. އެއްވެސް އިންޒާރަކުން އެ ރައްޔިތުންނެއް، އަދި އަހަރެމެންގެ ކެރޭ ހިތްވަރުގަދަ ހަތިޔާރު އެޅި ބާރުތަކެއްވެސް ގުޑުވައެއް ނުލެވޭނެއެވެ." އަރާގްޖީ އެކްސް އެކައުންޓްގައި ލިޔުއްވާފައިވެއެވެ.
"ފަހުމުނާމާގެ 13 ވަނަ މާއްދާގައި ސާފުކޮށް ބުނެފައިވަނީ: އިންޒާރުތައް ކުރިއަށްދާނަމަ، ފައިނަލް އެއްބަސްވުމުގެ މަޝްވަރާތަކެއް ނުފެށޭނެއެވެ. ތިޔަބޭފުޅުން ކުރެއްވި ސޮޔަށް އިހުތިރާމް ކުރައްވާށެވެ." އަދި އިތުރަށް ވިދާޅުވިއެވެ.
ޢިރާޤްޗީ އިޝާރާތް ކުރެއްވީ ވޭތުވެދިޔަ މަހު އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރެވުނު ވަގުތީ އެއްބަސްވުމަށެވެ. އެ އެއްބަސްވުން ގޮވާލަނީ ދެފަރާތުންވެސް އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ބާރުގެ ބޭނުންކުރުމުގެ އިންޒާރު ދިނުމުން ނުވަތަ ބާރުގެ ބޭނުންކުރުމުން ދުރުހެލިވުމަށެވެ.
ހޯމަ ދުވަހުގެ ރޭ، އެމެރިކާގެ ރައީސް ވިދާޅުވީ ވޮޝިންގްޓަނުން އީރާނާއެކު އެއްބަސްވުމަކަށް އަންނާނެ ކަމަށް ނުވަތަ "މިޝަން ނިންމާލާނެ" ކަމަށެވެ. މިއީ އަސްކަރީ ފިޔަވަޅެއް އެޅުމަށް ވިދާޅުވި އިންޒާރު ތަކުރާރު ކުރެއްވުމެކެވެ.
"އަހަރެމެން އެއްބަސްވުމަކަށް އަންނާނަން ނުވަތަ މިޝަން ނިންމާލާނަން. ބަލާ، މިޝަން ނިންމާލުމަކީ އުނދަގޫ ކަމެއް ނޫން. އަހަރެން ބޮޑަށް އެދެނީ އެއްބަސްވުމަކަށް އަންނަން، އެއީ އޭގެ ސަބަބުން 91 މިލިއަން މީހުންނަށް އަސަރުކުރާން އަހަރެން ބޭނުންނުވާތީ." ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ، އެމެރިކާއިން ވަރުގަދަ ހަމަލައެއް ދީފިނަމަ އިސްރާއީލު ވުޖޫދައި އޮތުމަށް ނުކުޅަދާނ ެވާނަކެ ކަމަށް މުހައްލިލުން ބުނެއެވެ. އަދި އެހެން ވެއްޖެނަމަ އެއީ އެ ގޮތުން ކރާ ފަހު ހަނގުރާމައަށް ވާނެ ކަމަށްވެސް ބެލެވެއެވެ.
"އަހަރެމެންނަށް އެމީހުންގެ ފާލަންތައް އެއް ގަޑިއިރު ތެރޭގައި ހަލާކުކޮށްލެވިދާނެ، އަދި އެމީހުންގެ ހަކަތައިގެ ސަޕްލައި ކަނޑާލެވިދާނެ.. މިހާރު އެމީހުންގެ އަތަކު އެއްވެސް ފައިސާއެއް ނެތް. އަހަރެމެން އެމީހުންނަށް އެއްވެސް ފައިސާއެއް ނުދެން." ހޮޅި ހޮއްލާ ޓްރަމްޕް ބުންޏެވެ.
ޓްރަމްޕްގެ އިންޒާރަކީ "ޚިޔާލީ ވަހުމެއް" ކަމަށް އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙައްމަދު ބާޤިރު ޛުލްޤަދްރު، ސިފަކުރެއްވިއެވެ.
"އީރާނުގެ ރައްޔިތުންނަކީ ނާތަހުޒީބު އިންޒާރުގެ ބަސްމަގު ދަންނަ ބައެއް ނޫން. އެހެންކަމުން އީރާނުގެ ރައްޔިތުންނާ މުޚާޠަބުކުރާނީ އިހުތިރާމާއެކު، އެހެންނޫންނަމަ އަހަރެމެން ރައްދުދޭނީ އެހެން ބަސްމަގަކުންނެވެ." ރަސްމީ މީޑިއާގައި އޭނާ ވިދާޅުވިއެވެ.
އަނެއްކޮޅުން، އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވަނީ، ހުރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން ޖަރުމަނުގެ ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަތަކަށް ފާޑުވިދާޅުވެ، އެއީ "ލަދުވެތި.. އަދި ހަގީގަތް އޮޅުވާލުމެއް" ކަމަށް ވިދާޅުވެފައެވެ. "އަހަރެމެންނާ ދެކޮޅަށް ހިންގި އަސްކަރީ އުދުވާނުގައި ބައިވެރިވުމުގެ ޒިންމާ ޖަރުމަނުން އުފުލަންޖެހޭނެ އަދި އޭގެ ޚަރަދުތައްވެސް ދޭންޖެހޭނެއެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ.
ޖަރުމަނުގެ ޚާރިޖީ ވަޒީރު ޔޯހަން ފާޑެފުލް ނޫސްވެރިންނަށް ވިދާޅުވެފައިވަނީ "ހުރްމުޒް ކަނޑުއޮޅިން ކަނޑުގެ ބޮންތައް ނެގުމުގެ ޚަރަދު އީރާނުގެ ބޮލުގައި އެޅުވުމަކީ އިންސާފެއް" ކަމަށެވެ. ނަމަވެސް މިވަގުތު އެކަމަށް ފީއެއް ނެގުމުގެ ގަސްދެއް ނެތްކަން ހާމަކުރެއްވިއެވެ.
"އީރާނުން ވަނީ ގާނޫނާ ޚިލާފަށް ބައިނަލްއަޤްވާމީ ކަނޑުގެ މަގެއްގައި ބޮން އަތުރާފައެވެ. ޔޫރަޕްގެ އެހެން ބައިވެރިންނާއެކު އަހަރެމެން މި ބޮންތައް ނަގާއިރު، މިވަގުތު އެކަމަށް އެއްވެސް ފީއެއް ނަގާކަށް ގަސްދެއް ނެތް.. ނަމަވެސް އަސާސީ ގޮތުން ބަލާއިރު އެއީ އިންސާފެއް، އަދި އީރާނުން އެ ޚަރަދު އުފުލަންޖެހޭނެ، އެއީ އަހަރެމެން މި ނައްތާލަނީ އެ ގައުމުގެ ރެޖީމުން ދީފައިވާ ގެއްލުމަކަށްވާތީއެވެ." ފާޑެފުލް ޖަރުމަނުގެ "ހޭންޑްލްސްބްލެޓް" ނޫހަށް ވިދާޅުވިއެވެ.
އެމެރިކާއާއި އީރާނާ ދެމެދު ކުރެވުނު ނުސީދާ މަޝްވަރާތައް ވޭތުވެދިޔަ ހަފްތާގައި ނިމިގެންދިޔައީ ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް ކުރިއެރުމެއް ލިބުނުކަމުގެ އެއްވެސް ރަސްމީ ނިޝާނެއް ނުފެނިއެވެ. މިއީ އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކަށްފަހު، ޑިޕްލޮމެސީއަށް ފުރުސަތު ދިނުމުގެ ގޮތުން ކަނޑައެޅުނު 60 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތެކެވެ.





