ލަދަކާ ނުލައި މިކަހަލަ ދޮގުތައް ހަދަން ކެރޭނީ ޓްރަމްޕް ނޫން ދެން ކާކަށްބާ؟

އީރާނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި، ނަމަވެސް އާދައިގެ ހަތިޔާރު ބޭނުންކޮށްގެން އިތުރު ހަމަލާތައް ދިނުމުގެ ފުރުޞަތު އެބައޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އީރާނަކީ އަސްކަރީ ގޮތުން މުޅިން ބަލިވެފައިވާ ގައުމެއް ކަމަށް ސިފަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އެ ގައުމާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި މި ހަނގުރާމައަކީ އެމެރިކާއަށް ނިސްބަތުން ނުހަނު ކުޑަ ހަނގުރާމައެއް ކަމަށް ވިދާޅުވެ، އެމެރިކާގެ ސިފައިންގެ ތައްޔާރީތަކަށް މީއިން ބޮޑު އަސަރެއް ނުކުރާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އީރާނުގެ އިގްތިސާދާއި ނިޒާމު މުޅިން ވިއްސިވިހާލިވެފައިވާ ކަމަށް ބުހުތާނު ދޮގު ހަދަމުން ޓްރަމްޕް ފާހަގަކުރެއްވީ، އެ ގައުމުގެ އިންފްލޭޝަން 300 އިންސައްތައަށްވުރެ މައްޗަށް ގޮސް، ސިފައިންނަށް މުސާރަދެވޭނެ ގޮތެއްވެސް ނެތް ކަމަށެވެ. އަދި އީރާނުގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންގެ ބާރު ވަނީ މުޅިން ކެނޑިފައި ކަމަށް ވިދާޅުވިއެވެ. ނަމަވެސް، އެމެރިކާގެ މަގުސަދަކީ އީރާނަށް ނިއުކްލިއަރ ހަތިޔާރެއް ލިބުނުނުދިނުން ކަމަށާއި، އެ ކަން ކަށަވަރުކުރުމަށްޓަކައި އަދިވެސް ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ.

ހުރުމުޒު ކަނޑުއޮޅީގެ މަސްރަޙާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެ ސަރަހައްދުގެ ކަންކަން އޮތީ އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ. އަދި އެމެރިކާގެ ކަނޑުގެ ސިފައިންގެ އެހީތެރިކަމާއެކު ކޮންމެ ރެއަކު 30 އަށްވުރެ ގިނަ ތެޔޮ އުފުލާ ބޯޓު ދަތުރުކުރަމުންދާ ކަމަށާއި، އޭގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނުނުދީ ހިފެހެއްޓިފައިވާ ކަމަށް ވިދާޅުވިއެވެ. މި ދަނޑިވަޅުގައި އީރާނުން ދަނީ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދެމުންނެވެ.

އީރާނާއެކު ސުލްހައިގެ އެއްބަސްވުމަކަށް އާދެވިދާނެކަމާމެދު ޓްރަމްޕް ވަނީ ޝައްކު އުފައްދަވާފައެވެ. ސަބަބަކީ އީރާނުގައި މިހާރު ވާހަކަދައްކާނެ ސާފު ވެރިކަމުގެ ނިޒާމެއް ނެތުމާއި، ލީޑަރުންގެ އަދަދު މަދުވެފައިވުމެވެ. ނަމަވެސް އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ވިދާޅުވެފައިވަނީ، އެމެރިކާއިން ކުރިން ވެފައިވާ އެއްބަސްވުންތަކަށް ހުރުމަތްތެރިކޮށް ހިތައިފިނަމަ، އީރާނުންވެސް އެއްބަސްވުންތަކަށް ޢަމަލުކުރަން އަލުން ތައްޔާރަށް އޮތް ކަމަށެވެ.

ހިއްސާ ކުރައްވާ!