data
data

އިންޑިއާގެ ސެމީކޮންޑަކްޓަރު ސިނާޢަތަށް ސިންގަޕޫރުގެ ކުންފުނިތަކުން ބޮޑެތި އިންވެސްޓްމަންޓްތަކެއް

އިންޑިއާގެ އިގްތިސާދީ މުސްތަގުބަލަށް އަމާޒުކޮށްގެން ސެމީކޮންޑަކްޓަރު އުފެއްދުމުގެ ސިނާޢަތު ފުޅާކުރުމަށް ފަށާފައިވާ ބޮޑު މަޝްރޫޢުގެ ތެރެއަށް ސިންގަޕޫރުގެ ވަރުގަދަ ކުންފުނިތަކުން ވަދެ، ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަން ފަށައިފިއެވެ. އިންޑިއާއިން ސެމީކޮންޑަކްޓަރު ސުޕްލައި ޗޭން އަމިއްލައަށް އުފައްދައި، ޓެކްނޮލޮޖީގެ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރާ މަސައްކަތުގައި ސިންގަޕޫރުގެ ކުންފުނިތަކުން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

އިންޑިއާގެ ސެމީކޮންޑަކްޓަރު މާކެޓަކީ މިހާރު 64 ބިލިއަން އެމެރިކާ ޑޮލަރުގެ މާކެޓެއް ނަމަވެސް، 2035 ވަނަ އަހަރާ ހަމައަށް ދާއިރު މިއަދަދު 200 ބިލިއަން ޑޮލަރަށްވުރެ މައްޗަށް ދާނެ ކަމަށް ވަނީ އަންދާސާކޮށްފައެވެ. ނިއުދިއްލީ ގައި ބޭއްވި ސެމިކޮން އިންޑިއާ 2026 ސަމިޓް ގައި ސިންގަޕޫރުގެ 27 ކުންފުންޏަކުން ބައިވެރިވެ، އިންޑިއާގެ މާކެޓަށް ހުރި ޝައުގުވެރިކަން ވަނީ ހާމަކޮށްފައެވެ. މިއީ 2024 ވަނަ އަހަރު ބައިވެރިވި 10 ކުންފުންޏާ އަޅާބަލާއިރު އިތުރުވުމެކެވެ.

ސިންގަޕޫރުގެ ކުންފުނިތަކުން 2024 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ސެމީކަންޑަކްޓަރު ދާއިރާއިން 180 މިލިއަން ޑޮލަރަށްވުރެ ބޮޑު ކޮންޓްރެކްޓްތައް ހޯދާފައިވާއިރު، 20 މިލިއަން ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމަންޓް ވަނީ ކޮށްފައެވެ. މީގެ ތެރޭގައި ޓާޓާ އިލެކްޓްރޯނިކްސްއާއި ތައިވާންގެ ޕަވަރޗިޕް ގުޅިގެން ގުޖުރާތުގައި ބިނާކުރާ 11 ބިލިއަން ޑޮލަރުގެ ސެމީކަންޑަކްޓަރު ފެކްޓަރީގެ މަސައްކަތްތަކުގައި އެހީތެރިވުން ހިމެނެއެވެ.

އިންޑިއާގެ އިލެކްޓްރޯނިކްސް އެންޑް އައިޓީ މިނިސްޓަރު އަޝްވިނީ ވައިޝްނާވް ވިދާޅުވީ، އިންޑިއާގައި އުފައްދާ ފުރަތަމަ ސެމީކަންޑަކްޓަރު ވޭފާ އޮފީހުގައި ބެހެއްޓުމަށް ޚާއްސަ ތަނެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ. މިއީ ޤައުމީ ފެންވަރުގައި މި ދާއިރާއަށް ދެވޭ އިސްކަން ހާމަކޮށްދޭ ކަމެކެވެ. އިންޑިއާ ސަރުކާރުން "ސެމިކޮން 1.0″ ޕްރޮގްރާމްގެ ދަށުން ހުއްދަ ދިން 12 މަޝްރޫޢުގެ ތެރެއިން 5 މަޝްރޫޢެއްގެ އުފެއްދުންތެރިކަން މިހާރު ވަނީ ފަށާފައެވެ. އަދި ދެވަނަ މަރުޙަލާގެ ދަށުން 1.27 ޓްރިލިއަން ރުޕީސްގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.

މި ސިނާޢަތުގެ ފުޅާވުމާއެކު، ސެމީކޮންޑަކްޓަރު ދާއިރާގައި 38 އަހަރު ވަންދެން މަސައްކަތްކުރުމަށްފަހު ރިޓަޔަރ ކުރި ސަބޫ މުހައްމަދު އަޔޫބް ފަދަ ތަޖުރިބާކާރުން ވަނީ އަލުން މަސައްކަތަށް ނުކުމެފައެވެ. އިންޑިއާއަށް އުފަން ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަޔޫބް މިހާރު ދަނީ ސިންގަޕޫރުގެ "ޑޫ އެންޓަޕްރައިޒަސް" ގެ އިންޑިއާ ބްރާންޗް މެނޭޖަރުގެ ގޮތުގައި ތަމިލްނާޑޫގެ ޗެންނާއީ ގައި މަސައްކަތް ކުރަމުންނެވެ.

ސިންގަޕޫރުގެ ކުންފުނިތަކަށް އިންޑިއާގެ މާކެޓް މުހިންމުވާ އަނެއް ސަބަބަކީ، ޗައިނާ އަދި ތައިވާން ފަދަ މައި މާކެޓްތަކަށް އެކަނި ބަރޯސާވުން ކުޑަކޮށް، ވިޔަފާރި މާކެޓްތައް ސިންދަފާތު ކުރުމުގެ ސްޓްރެޓެޖީއެވެ. ސްޕެކްސްމެކްސް ޓެކްނޯ ފަދަ ކުންފުނިތަކުން ވަނީ އިންޑިއާގައި ލިބޭ ވިޔަފާރި 100 މިލިއަން ރުޕީސްއިން 1 ބިލިއަން ރުޕީސްއަށް އިތުރުކޮށްފައެވެ. ނަމަވެސް، ތައިވާނުން އެތެރެކުރާ ގޭސް ވަލްވް ފަދަ ސާމާނު ހޯދުމުގައި 18 ހަފުތާގެ ލަސްވުމެއް ކުރިމަތިވާތީ، އެ ކުންފުނިން ދަނީ ތަމިލްނާޑޫގައި އަމިއްލަ އުފެއްދުންތެރިކަމުގެ ޔުނިޓެއް 2027 ގައި ހުޅުވުމަށް ތައްޔާރުވަމުންނެވެ.

ސެމިކޮން ސަމިޓުގައި 50 އަށްވުރެ ގިނަ ޤައުމުން 40,000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، ޖަޕާން، ދެކުނު ކޮރެއާ، މެލޭޝިއާ، ނެދަރލޭންޑްސް އަދި ސްވިޑަންގެ ޚާއްސަ ޕެވިލިއަންތައް ވަނީ ގާއިމުކޮށްފައެވެ. ސިންގަޕޫރުގެ ސެމީކަންޑަކްޓަރު އިންޑަސްޓްރީ އެސޯސިއޭޝަނުން ފާހަގަކުރި ގޮތުގައި، 1968 އިން ފެށިގެން ސިންގަޕޫރުން ހޯދާފައިވާ ތަޖުރިބާއާއި މުޅި ސުޕްލައި ޗޭންގެ ޤާބިލުކަން އިންޑިއާގެ މައިދާން އަށް ފޯރުކޮށްދިނުމަކީ ދެ ޤައުމަށްވެސް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

ހިއްސާ ކުރައްވާ!