ޗައިނާގެ ދިފާއީ ސާމާނުތަކަށް ދިމާވަމުންދާ މައްސަލަތަކާ ގުޅިގެން ޗައިނާގެ ދިފާއީ ދާއިރާގެ އެކްސްޕޯޓު ދަށް ވެއްޖެއެވެ. ފާޑު ކިޔާ ފަރާތްތަކުން ބުނަނީ މިހެން ދިމާވެފައި ވަނީ، ކޮލިޓީގެ ކަންބޮޑުވުންތަކުގެ ސަބަބުން ކަމަށެވެ.
ޗައިނާގެ ހަތިޔާރާއި އސްކަރީ އުފެއްދުމުގައި ފެންވަރުގެ މައްސަލައާ މެދު ސުއާލު ކުރެވޭނަމަ، ޗައިނާގެ ދިފާއީ ސިނާއަތުގައި ދުނިޔޭގެ ވާދަވެރިކަން ދެމެހެއްޓުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް (އެސްއައިޕީއާރުއައި) އިން ބުނެފި އެވެ. ސިޕްރީގެ 2023 ވަނަ އަހަރުގެ ރިޕޯޓުން ހާމަވި ގޮތުގައި ދުނިޔޭގެ ހަތިޔާރު ވިއްކުން 632 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއިތުރު ވުމަކީ، %4.2 ގެ އިތުރުވުމެކެވެ. މި އިތުރު ވުމުގައި ޗައިނާގެ ހިއްސާ ފަހަތަށް ޖެހިފައިވެއެވެ. އަދި ކުރިން މަތީގައި އުޅުނު، ނުވަ ފަރާތެއްގެ ތެރެއިން ފަސް ފަރާތެއްގެ އާމްދަނީ ވެސް ދަށްވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ތަޖުރިބާކާރުން މިކަން ނިސްބަތްކުރަނީ ޓެކްނޮލޮޖީގެ ފެންވަރާއި، ހަތިޔާރު ވިއްކުމަށްފަހު ސަޕޯޓް ދޭ މިންވަރު ދަށްވުމާއި އެމެރިކާއިން އަޅާ ދަތިކުރުމުގެ ފިޔަވަޅުގެ ސަބަބުން މުހިންމު ސާމާނުތައް ލިބުމުގައި ދަތތަކެއް ކުރިމަތި ވުމެވެ.
އޭގެ އިތުރުން ފާޑު ކިޔާ ފަރާތްތަކުން ބުނަނީ، ޗައިނާގެ ދިފާއީ ދާއިރާގައި ކޮރަޕްޝަން ގެ ކަންކަން އިތުރު ވެފައި ވުމުން، ފެންވަރު ރަނގަޅު އުފެއްދުންތަކަށް އިތުރަށް ހުރަސްއެޅިފައިވާ ކަމަށެވެ.
މިވާހަކަތައް އެންމެ ބޮޑަށް ސާބިތު ވަނީ، މިއަހަރުގެ ކުރީކޮޅު އަޑިއަށް ދިޔަ ސަބްމެރިނެއްގެ މައްސަލައިންނެވެ. މިއަހަރު ކުރީކޮޅު ފެނިގެން ދިޔައީ، ހަދަމުންދިޔަ ޗައިނާގެ ނިއުކްލިއާ ސަބްމެރިނެއް އަޑިއަށް ދިޔަ ތަނެވެ.
ބަންގްލަދޭޝް ފަދަ ކުރިން ޗައިނާއިން ހަތިޔާރު ގިނަ އަދަދަކަށް ގަތް ބޮޑެތި ފަރާތްތަކުން ވެސް ޗައިނާގެ އަސްކަރީ ސާމާނުތަކުގައި ގޯސްތަކެއް ހުރުމުން ހިތްހަމަނުޖެހުން ފާޅުކޮށްފައި ވެއެވެ.
އަދި ޗައިނާގެ ހަތިޔާރު ކަމުނުގޮސްގެން ބައެއް ގައުމުތަކުން ތުރުކީއިން ހަތިޔާރު ހޯދަން ދިމާކޮށްފައި ވެއެވެ.
ޗައިނާގެ ޑިފެންސް އެކްސްޕޯޓް 2022 ވަނަ އަހަރަށް އައި އިރު، 23 ޕަސެންޓަށް ދަށްވެފައިވާ ކަމަށް ސިޕިރީން ބުނެއެވެ. އެއީ ހައިރާން ވާން ޖެހޭ ފަދަ ހާލަތެކެވެ. އަދި ޗައިނާއަށް އެފަދަ ހާލަތެއް ދިމާވުމުން ހުޅަނގުގެ ހަތިޔާރު އެކްސްޕޯޓު ކުރާ ބޮޑެތި ގައުމުތަކާ ވާދަ ކުރުމުގައި ދަތިތަކެއް ކުރިމަތި ވާނެ ކަމަށް ބުނެފައި ވެއެވެ.