ޕޯލިއޯ: އަފްޣާނިސްތާނާއި ޕާކިސްތާންގައި

ވަރަށް ބޮޑަށް ފެތުރޭ އަދި ރައްކާތެރިކުރެވޭ ބައްޔެއް ކަމަށްވާ ޕޯލިއޯ އަކީ އެއް ޒަމާނެއްގައި މުޅި ދުނިޔޭގައި ބިރުވެރިކަން އުފެދި އެތައް ހާސް ކުދިންނެއް ޕެރެލައިޒްވެ ނުވަތަ މަރުވާން ދިމާވި ބައްޔެކެވެ.

މިއަދު ދުނިޔޭގެ އެއްބައިވަންތަކަމާއެކު ގިނަ ދުވަސްތަކެއް ވަންދެން ކުރި މަސައްކަތުގެ ސަބަބުން ގިނަ ޤައުމުތަކުން ވަނީ މި ބަލި ކާމިޔާބުކަމާއެކު ނައްތާލާފައެވެ. ނަމަވެސް ޕާކިސްތާނަކީ އަދިވެސް މި ބަލީގެ ބިރުވެރިކަން ފެތުރިފައިވާ ޤައުމެކެވެ.

2024 ވަނަ އަހަރު ޕާކިސްތާންގެ ޕޯލިއޯގެ 68 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އެއާ ޚިލާފަށް އެގައުމުގެ އަވަށްޓެރި އަފްޣާނިސްތާނުން އެ މުއްދަތުގައި 25 ކޭސް ރެކޯޑްކޮށްފައިވާ ކަމަށް ދައްކައެވެ.

މި އަދަދުތަކުން ދައްކުވައިދެނީ ޒަމާނީ ބޭސްވެރިކަމުން މުޅިން ދުރުހެލިވެވޭ ވަބާއަކުން ދަރިން ރައްކާތެރިކުރުމަށް ޕާކިސްތާނުން ކުރަން ޖެހޭ މަސައްކަތެވެ.

1988ވަނަ އަހަރު ގްލޯބަލް ޕޯލިއޯ އެރެޑިކޭޝަން އިނިޝިއޭޓިވް (ޖީޕީއީއައި) ގެ އިސްނެގުމުގެ މަތިން ދުނިޔޭގައި ޕޯލިއޯއާ ދެކޮޅަށް ޖަމާޢަތުގައި ކުރި މަސައްކަތުގައި ޕޯލިއޯ ކޭސްތައް 99 ޕަސެންޓަށް ދަށް ކުރެވުނެވެ.

2023 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ޑަބްލިއުއެޗްއޯގެ ހަތް ސަރަހައްދުގެ ތެރެއިން ހަ ސަރަހައްދެއްގައި ޕޯލިއޯ ނައްތާލާފައިވާ ކަމަށް ކަނޑައަޅާފަ އެވެ. ނަމަވެސް އަފްޣާނިސްތާނާއި ޕާކިސްތާނަކީ ޕޯލިއޯ ވައިރަސް ފެތުރުމުގެ އެންމެ ފަހުގެ ދެ މަންޒިލެވެ.

ސިޔާސީ ނުތަނަވަސްކަމާއި ނާޒުކު ސިއްހީ ނިޒާމެއްގެ ގޮންޖެހުންތަކެއް އަފްޣާނިސްތާނަށް ކުރިމަތިވެފައިވާއިރު، އެ ގައުމާ އަޅާކިޔާއިރު ވަރުގަދަ އިންފްރާސްޓްރަކްޗަރެއް އޮތް ޕާކިސްތާނަށް މި ބަލި ނައްތާ ނުލެވެންވީ ސަބަބެއް ނެތެވެ.

އޭގެ ބަދަލުގައި 2024 ވަނަ އަހަރު އެގައުމުގެ ޕޯލިއޯގެ އަދަދު ވަނީ އިތުރު ވެގެން ގޮސްފައެވެ.

ޕާކިސްތާނުގެ ޕޯލިއޯ ކާރިސާ ދިމާވުމުގައި ފާހަގަ ކުރެވޭ ސަބަބުތަކެއް ހިމެނެއެވެ. ފުރަތަމަ ކަމަކީ، މީހުންގެ މެދުގައި ޔޯލަ ވާހަކަ ފެތުރުމާއި ވެކްސިންއާ ބެހޭ ގޮތުން ގޯސް މައުލޫމާތު ފެތުރުމެވެ. މީހުން ވަނީ ސަގާފީ އަދި ދީނީ ސަބަބުތައްކަމަށް ބުނެ ވެކްސިން ޖެހުމަށް ދެކޮޅު ހަދާފައެވެ.

ބައެއް މީހުންނަށް ވިސްނައި ދީފައި ވަނީ، ޕޯލިއޯ ވެކްސިންއަކީ، ދަރިން ނުލިބޭ ގޮތް ހެދުމަށް ހުޅަނގުން ގެންގުޅޭ އެޖެންޑާއެއް ކަމަށެވެ. އެފަދަ ވާހަކަތަކުން އެ މަސައްކަތުގެ އިތުބާރު ނަގާލާފައި ވެއެވެ.

ހިއްސާ ކުރައްވާ!