ރެސްޓޯރެންޓެއްގައި އަންހެނުންނާ ދިމާއަށް ހަޅޭކެއް ނުލަވަން: އެމެރިކާ ނާއިބް ރައީސް

ރެސްޓޯރެންޓެއްގެ ތެރޭގައި އެމެރިކާގެ ނާއިބް ރައީސް ޖޭޑީ ވެންސް އޭނާގެ އަނބިކަނބަލުން އުޝާ ވެންސްއާ ދިމާއަށް ހަޅޭލައިގަތް ކަމަށް ބުނާ ވާހަކަތައް ދޮގުކުރައްވައިފިއެވެ. މި ވާހަކަތައް ފެތުރިފައިވަނީ ފޭސްބުކްގައި ޝާއިއުކޮށްފައިވާ ފޮޓޯއަކާ ގުޅިގެންނެވެ. އެ ފޮޓޯގައި ވެންސް ނުތަނަވަސްކަމާއެކު ވާހަކަ ދައްކަވަނިކޮށް އުޝާ ވެންސް މޭޒަށް ބަލަހައްޓައިގެން އިންނެވި މަންޒަރު ފެނުމުން، އެމީހުން ވަނީ ވެންސްގެ ކައިވެނީގައިި ގޮށް ޖެހިފައިވާ ކަމުގެ ޝައްކުތައް އުފައްދާފައެވެ.

މި އަޑުތަކަށް ވެންސް ރައްދު ދެއްވީ އެކްސް މެދުވެރިކޮށް ފާޑުކިޔުމުގެ ރާގަކަށް ޖޯކު ޖައްސަވަމުންނެވެ.

މި ހާދިސާ ހިނގާފައި މިވަނީ މި ދެމަފިރިންގެ ކައިވެނީގެ ގުޅުމަށް އާންމުންގެ ސަމާލުކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އާންމުންގެ ސަމާލުކަން މިކަމަށް އިތުރުވެފައިވާ އެއް ސަބަބަކީ އުޝާ ވެންސް ފަހަކަށް އައިސް ކައިވެނީގެ އަނގޮޓި ނާޅުއްވައި އާންމު ތަންތަނަށް ނިކުންނަވާތީ ފެނިފައި ވުމުންނެވެ. ވެންސް މީގެ ކުރިން ވިދާޅުވެފައިވަނީ އުޝާ ގޭތެރޭގެ މަސައްކަތްތައް ނިންމާފައި އަނގޮޓި އަޅުއްވަން ހަނދާން ނެތެނީ ކަމަށެވެ. އަދި ދެމަފިރިންގެ ކައިވެނި ބަދަހިކޮށް ވަރުގަދައަށް އޮތް ކަމަށް ވިދާޅުވެއެވެ.

2014 ވަނަ އަހަރު ކައިވެނި ބައްލަވައިގެންނެވި މި ދެމަފިރިންނަށް ތިން ކުދިން ލިބިފައިވެއެވެ. އުޝާ ވެންސް މިހާރު ގެންދަވަނީ ކުޑަކުދިންނަށް އުގަންނައި ދިނުމުގެ މުހިންމުކަން މީހުންގެ ސަމާލުކަމަށް ގެންނެވުމަސް މަސައްކަތް ކުރައްވަމުންނެވެ.

ހިއްސާ ކުރައްވާ!