ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވަނީ ޔޫރަޕް ބާކީކޮށްލައިގެން އެާބާދީ ބޮޑެތި ގައުމުތަކާއެކު އިއްތިހާދެއް ހަދާށެވެ. މިއަށް ނަން ދީފައި ވަނީ ރިޕޯޓްތައް ބުނާ 'ކޯރ-5′ ބްލޮކްގެ ނަމުންނެވެ. މި ޚިޔާލަކީ، ޖީ7 ގްރޫޕްގެ ބަދަލުގައި އުފައްދަން ޓްރަމްޕް މަސައްކަތްކުރާ ބާރުގަދަ އިއްތިހާދެކެވެ. މި އިއްތިހާދުގައި ހިމެނެނީ އެމެރިކާ، ރަޝިޔާ، ޗައިނާ، އިންޑިއާ އަދި ޖަޕާނެވެ.
ޖޫން މަހު ބޭއްވި ޖީ7 ސަމިޓްގެ ތެރޭގައިވެސް މިކަމަށް އިޝާރާތް ކޮށްފައި ވެއެވެ. މި ޕްލޭނަކީ ޔޫރަޕް އެކަހެރިކުށްލުމަށްފަހު އާބާދީގައި 100 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކޮންމެ ބާރުގަދަ ގައުމު އެމެރިކާއާ ގާތަށް ގެނައުމުގެ މަސައްކަތެކެވެ. މި ޚިޔާލަކީ ދުނިޔޭގެ ބާރުތަކުގެ ހަމަތައް ބަދަލުކޮށްލުމަށް ކުރެވޭ ޖިއޮޕޮލިޓިކަލް ބޮޑު މަސައްކަތެއް ކަމަށް ބެލެވެއެވެ.
މި ބްލޮކްގެ އެންމެ ފުރަތަމަ އެޖެންޑާއަކަށް ވާނީ މެދުއިރުމަތީގެ ސަލާމަތީ ކަންކަން ކަމަށް ވޮޝިންޓަންގެ އެތެރޭގެ ކަންކަމުގެ މަޢުލޫމާތުދޭ ފަރާތްތަކުން ބުނެއެވެ.
ޓްރަމްޕްގެ އަމާޒަކީ އިޒްރޭލާއި ސަޢޫދީ އަރަބިއްޔާ އާ ދެމެދު ގުޅުން ބަދަހި ކުރުމެވެ. މުހައްލިލުން ފާހަގަކުރާ ގޮތުގައި، މި ހުށަހެޅުމުން ދައްކުވައިދެނީ ޓްރަމްޕްގެ ސިޔާސަތު ބިނާވެފައިވަނީ ސިޔާސީ ފިކުރުގެ އެއްބައިވަންތަ ކަމަށްވުރެ ބާރުގަދަ ދައުލަތްތަކުގެ ޢަމަލީ ބައިވެރިވުމަށް އިސްކަން ދިނުމަށެވެ.
ނަމަވެސް، މި ޚިޔާލަށް ފާޑުކިޔާ ފަރާތްތަކުން އިންޒާރުދެނީ މިކަމުގެ ސަބަބުން މިހާރު ހުރި ކުއާދް ފަދަ އޮނިގަނޑުތައް ހީނަރު ވެދާނެ ކަމަށެވެ. އެއީ ޗައިނާއާ ދެކޮޅަށް އުފައްދާފައިވާ އޮނިގަނޑެކެވެ.
އަދި އެމެރިކާގެ ރަހުމަތްތެރިކަމުގައި އޮންނަ ޔޫރަަޕްގެ އެއްބައިވަންތަކަން ހީނަރުވެ، ބައިބައިވެ، ޔޫރަޕާ ދެމެދު ހުރި ގުޅުންތަކުގައި އިތުރު ޚިޔާލު ތަފާތުވުންތައް އުފެދިގެން ހިނގައިދާނެ ކަމަށް ބެލެވެއެވެ. އަދި ޔޫރަޕް އެކަހެރިކޮށް، ރަޝިޔާ އާއި ޗައިނާ ފަދަ ބާރުތަކާ އެކު އެއް މޭޒެއްގައި މަޝްވަރާކުރުމަކީ ހުޅަނގުގެ އިއްތިޙާދަށް ދެވޭ ބޮޑު އަނިޔާއެއް ކަމަށް ވެސް ބައެއް ސިޔާސީ މާހިރުން ދެކެއެވެ.
މި ބްލޮކްގައި އިންޑިއާ ހިމެނުމަކީ ނިއުދިއްލީއަށް ލިބޭ ބޮޑު ޝަރަފެކެވެ. އެއީ ރަޝިޔާގެ ތެލާއި ޓެރިފްގެ މައްސަލަތަކާ ހެދި އެތައް މަސްދުވަހަކު އެމެރިކާއާއެކު އޮތް ހަމަނުޖެހުންތަކަށްފަހު ވޮޝިންޓަނާ އެކު ގުޅުން ރަގަޅު ވަމުންދާ ކަމުގެ ނިޝާނެކެވެ.
މި ޚިޔާލަކީ އެމެރިކާގެ ސްލާމަތީ ސްޓްރެޓެޖީ ލިޔުންތަކުގައި އަދި ކަށަވަރުކޮށްފައި ނެތް ކަމެވެ. ނަމަވެސް، މި ވާހަކަތައް ދައުރުވުމުން ދައްކުވައިދެނީ އަންނާން އުޅޭ ބޮޑު ބަދަލެއްގެ ވާހަކައެވެ. ޓްރަމްޕްގެ އެމެރިކާއިން މިހާރު އެކުވެރިންގެ ގޮތުގައި ބޭނުން ވަނީ ޔޫރަޕްގެ ސަގާފީ އިއްތިޙާދުތަކަށްވުރެ ބޮޑަށް، ދުނިޔޭގެ ބައިބޯ ނަގާކިޔާ ބާރުތަކުގެ ގައުމަތަކެކެވެ.







