އީރާނުން އަރަބިންގެ ތެޔޮ ދަނޑުތަކަށް ދިފާއީ ހަމަލަ ދެނީ ކީއްވެ؟

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ގަލްފުގެ ހަކަތައާ ބެހޭ ވަސީލަތްތަކަށް އީރާނުން ދިން ދިފާއީ ހަމަލާތަކުގެ ސަބަބުން، ދުނިޔޭގެ ތެޔޮ ސަޕްލައިއަށް ވަނީ ބުރޫ އަރައި އަގުތައް އުފުލިފައެވެ. މި ހަމަލާތަކުގެ ފުންމިނަށް ބަލާއިރު، މިއީ އެތައް ކަމަކަށް މޫލާފައިވާ ޖިއޯޕޮލިޓިކަލް ވާދަވެރިކަމެއް ރަމްޒުކޮށްދޭ ކަމެކެވެ. އެއީ އެ ސަރަހައްދުގައި އޮތް އެމެރިކާގެ ބާރުވެރިކަމާއި، "ޕެޓްރޯޑޮލަރު" ގެ މައްޗަށް ބިނާވެފައިވާ ދުނިޔޭގެ މާލީ ނިޒާމަށް ގޮން ޖެހުމަށް އީރާނުން ކުރާ މަސައްކަތެވެ.

ތެހެރާނުން ދެކޭއ ގޮތުގައި، ގަލްފުގެ ތެލުގެ މުއްސަނދި ވަސީލަތްތަކަކީ ހަމައެކަނި އަވަށްޓެރި ގައުމުތަކުގެ އިގްތިސާދީ މުއްސަނދިކަމެއް ނޫނެވެ؛ އެއީ އެމެރިކާގެ ބާރުގެ މައިގަނޑު އެއް ތަނބެވެ.

އެތައް އަހަރެއް ވަންދެން އެމެރިކާއަށް އިގްތިސާދީ މަންފާ ލިބެމުން އައީ މެދުއިރުމަތީގެ ތެލުގެ އަގު ކަނޑައެޅުމާއި ވިޔަފާރިކުރުން އެމެރިކާ ޑޮލަރުން ކުރިއަށްދާ ނިޒާމެއްގެ ތެރެއިންނެވެ. އަދި އެއިން ލިބޭ ފައިދާ އަރަބިން އެމެރިކާގައި އިންވެސްޓްމަންޓްތަކާއި، ޓްރެޜަރީ ބޮންޑުތައް ގަނެ، ދިފާއީ އެއްބަސްވުންތައް ހެދުމުގެ ޒަރީއާއިން ޑޮލަރު އަނބުރާ އެމެރިކާގެ އިގްތިސާދުގެ ތެރެއަށް ވަދެގެންދެއެވެ. މި އިންތިޒާމުގެ ސަބަބުން ދުނިޔޭގައި ޑޮލަރަށް އޮތް ބާރުވެރިކަން ދެމެހެއްޓުމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ވޮޝިންގްޓަނުގެ ޖިއޯޕޮލިޓިކަލް ނުފޫޒު ފެތުރުމަށް އެހީތެރިވެދެއެވެ.

އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ޓެރަރިސްޓް ހަމަލަތަކުގެ ފުރުސަތުގެ ބޭނުން ހިފައި، އީރާނުން ވަނީ ތަފާތު މަގަކުން ދަތުރުކުރަން ފަށާފައެވެ. އެމެރިކާގެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން، އީރާނުން ވަނީ ޑޮލަރާ ދުރަށް ޖެހި، ޗައިނާއާއެކު އޮންނަ އިގްތިސާދީ ގުޅުން ބަދަހިކޮށް، ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ޗައިނާގެ "ޔުއާން" އިން މުއާމަލާތް ކުރަން ފަށާފައެވެ.

ތެހެރާނަށް ބަލާއިރު، އީރާނުން ޑޮލަރަށް ބަރޯސާވުން ހުއްޓާލުމަކީ ހަމައެކަނި އެގައުމުން ގެނައި މާލީ ބަދަލެއް ނޫނެވެ. އެއީ އެމެރިކާގެ ފިއްތުންތަކުން ސަލާމަތްވުމަށާއި، އެމެރިކާގެ ނުފޫޒު ކުޑަކުރެވޭނެ ފަދަ ބަދަލު އިގްތިސާދީ އޮނިގަނޑެއް ބިނާކުރުމަށްޓަކައި ގެންގުޅޭ ސްޓްރެޓެޖިކް ބޭނުމެކެވެ.

މި މޭރުމުން ބަލާއިރު، ގަލްފުގެ ގައުމުތަކުގެ ހަކަތައިގެ ވަސީލަތްތަކަށް ދޭ ހަމަލާތަކުގެ މާނަ ބަދަލުވެގެންދެއެވެ. މިއީ ހަމައެކަނި އަމާޒެއް ނެތް ހަމަލަތަކެއް ދިނުމެއް ނޫނެވެ.

އޭގެ ބަދަލުގައި އީރާނަށް އެމެރިކާއިން ދިން ޓެރަރިސްޓް ހަމަލަތަކަށް ބަދަލު ހިފުމަށް މިއީ އީރާނުން ގަބޫލުކުރާ ގޮތުގައި މުހިންމު ކަމެކެވެ. އަދި ބޭއިންސާފުން އޮތް އެމެރިކާ ބާރުވެރިކޮށްދޭ ނިޒާމެއް ހުއްޓުވުމަށްޓަކައި ރާވައިގެން ތެހެރާނުން ހިންގާ މަސައްކަތެކެވެ.

ވޮޝިންގްޓަނާ ގާތް ގުޅުމެއް އޮންނަ އަދި އިޒްރޭލުގެ ޖާސޫސީ އިދާރާއަށް އޮފިސް ހުޅުވައި ދީފައިވާ ޔޫއޭއީއާއި ބަހްރޭން، އަދި ސައުދީ އަރަބިއްޔާ، ކުވެއިތުގެ ވަސީލަތްތަކަށް އަމާޒުކޮށްގެން އީރާނުން ދެމުންދާ މެސެޖަކީ، އެމެރިކާގެ ދުނިޔޭގެ ނުފޫޒުގެ އަސާސް ކަމުގައިވާ މި ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގާބިލުކަން އެމެރިކާއަށް މިހާރު ނެތް ކަމެވެ.

ބަހްރޭންގެ ބަޕްކޯ ތެޔޮ ދަނޑަށް ދިން ޑްރޯން ހަމަލާއާ ގުޅިގެން އެ ކުންފުންޏަށް އަމިއްލަ އިޚުތިޔާރުން ބޭރުކަމެއް ދިމާވެގެން އެއްބަސްވުންތަކުގައި ލާޒިމު ކުރާ ގޮތަށް ވިޔަފާރި ސަޕްލައި ކޮށްދެވެން ނެތްކަން ވަނީ އިއުލާން ކޮށްފައެވެ.

ސައުދީގެ ޝައިބާ ތެޔޮ ދަނޑަށް ދިން ހަމަލާއަކީ މި ބޮޑު މެސެޖުގެ ބައެކެވެ. އެއީ ގަލްފުގެ ހަކަތައިގެ ނިޒާމަކީ ނާޒުކު އެއްޗެއް ކަމާއި، އެމެރިކާއަށް ބިލިއަނުން އަރަބިން ޑޮލަރު ދިން އިރު އެމެރިކާއަށް މިތަންތަން ހިމާޔަތް ކޮށް ނުދެވުނު ކަމެވެ. ނަމަވެސް އެމެރިކާގެ އަމާޒަކީ އަރަބިން ހިމާޔަތް ކުރުމަށްވުރެން ބޮޑަށް އިޒްރޭލު ހިމާޔަތް ކޮށްދޭށެވެ.

އީރާނުން ވަނީ އެމެރިކާއަކީ ކަލނާގެ ފިޔަވައި އަރަބިން ބަރޯސާކުރި ހައި ވަރުގަދަ ބޮޑު ބާރެއް ނޫން ކަން ސާބިތުކޮށްދީފައެވެ.

އީރާނުގެ ލީޑަޝިޕުން ދެކޭ ގޮތުގައި މިއީ އެތައް އަހަރެއް ވަންދެން އެ ގައުމާ ދެކޮޅަށް ހިންގަމުންދާ އިގްތިސާދީ ހަނގުރާމައަށް ދޭ ރައްދެކެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ ތެޔޮ އެކްސްޕޯޓް ހުއްޓުވައި، ބޭންކުތައް އެކަހެރިކޮށް، ފައިސާގެ އަގު ވައްޓާލުމަށް އެމެރިކާއާއި ޒަޔަނސިްޓު ނިޒާމުން ވަނީ މަސައްކަތް ކޮށްފައެވެ.

ތެހެރާނުގެ ނަޒަރުގައި، ވޮޝިންގްޓަނަށް އީރާނުގެ އިގްތިސާދީ ނާރެހަށް އަމާޒުކުރެވޭ ނަމަ، ދުނިޔޭގެ ބާޒާރަށް ހަކަތަ ފޯރުކޮށްދޭ އަދި ހުޅަނގުގެ އިގްތިސާދުތައް ހަމަޖައްސައިދޭ ވަސީލަތްތަކަށް ފިއްތުންތައް ކުރިމަތިކުރުމުގެ ހައްގު އީރާނަށް ވެސް ލިބެން ޖެހޭނެއެވެ.

މާނައަކީ އީރާނުން މުޅި ސަރަހައްދީ ހަނގުރާމައަކަށް އެދެނީއެއް ނޫނެވެ. އީރާނުގެ ސްޓްރެޓެޖީއަކީ އަބަދުވެސް މިންކުރެވިފައިވާ ފިއްތުންތައް އެމެރިކާއަށް ކުރިމަތިކުރުމެވެ. އެއީ ބޮޑު ބަދަލުހިފުމެއް އަތުވެދާނެ ފަދަ ރަތް ރޮނގުތަކުން ނުނެއްޓި، ނުތަނަވަސްކަން އުފެއްދުމެވެ.

ޑްރޯންތަކާއި މިސައިލްތަކުގެ ސަބަބުން އީރާނަށް ނުވަތަ އެ ގައުމާ ގުޅިފައިވާ ގްރޫޕްތަކަށް، ކުޑަ ޚަރަދަކުން އަދި ސީދާ އެމީހުން ކުރި ކަމެއްކަން ސާބިތުނުވާނެ ފަދަ ގޮތަކަށް، ސީދާ އަމާޒަށް ހަމަލާދިނުމުގެ ފުރުސަތު ލިބެއެވެ. އަމާޒަކީ ގަލްފުގެ ހަކަތައިގެ ދާއިރާ އެއްކޮށް ސުންނާފަތި ކޮށްލުމެއް ނޫނެވެ. ނަމަވެސް، އީރާނު އަމިއްލައަށް އިގްތިސާދީ ގޮތުން ބަންދުވެފައި އޮންނަ އިރު، އީރާނަށް ނުތަނަވަސްކޮށްގެން މި ސަރަހައްދުގެ ގައުމުތަކަށް ހަމަޖެހުން ނުލިބޭނެކަން ސާބިތުކޮށްދިނުމެވެ.

ހިއްސާ ކުރައްވާ!