ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި ޖެނުއަރީ އަދި ފެބްރުއަރީ މަހު އެކްސްޕޯޓް 20 އިންސައްތައަށް ވުރެ މައްޗަށް ގޮސްފައިވާއިރު، މިއީ އިގްތިސާދީ މާހިރުން ލަފާކުރި މިންވަރަށް ވުރެ ގާތްގަނޑަކަށް ތިން ގުނަ އިތުރު އަދަދެކެވެ. މީގެ ސަބަބުން، 2025 ވަނަ އަހަރު އެ ގައުމުން ހޯދި ރެކޯޑް މިންވަރުގެ އަހަރީ ވިޔަފާރީގެ ފައިދާ ފަހަނައަޅައި ދިއުމުގެ މަގަށް އެ ގައުމު ވަނީ މަގުފަހިވެފައެވެ.
މިކަން އިއުލާނުކޮށްފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޕްރީލް މަހުގެ ކުރީކޮޅު ޗައިނާއަށް ވަޑައިގެން އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވާނެ ކަމަށް ބެލެވޭ ދަނޑިވަޅެއްގައެވެ.
ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު އޮތް ޗައިނާ، އެކްސްޕޯޓަށް ބޮޑަށް ބަރޯސާވެފައިވަނީ ކަސްޓަމަރުން ކުރާ ހޭދަ ކުޑަވުމާއި، އާބާދީ މަދުވުމާއި އަދި ރިއަލް އެސްޓޭޓް މާކެޓަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާތީއެވެ. ކޮންމެ އަހަރަކު ވެސް ތަފާތު ތާރީޚުތަކެއްގައި އަންނަ ޗައިނީޒް ނިއު އިޔާ ބަންދާ ގުޅިގެން ތަފާސްހިސާބުތަކަށް އަންނަ ބަދަލުތައް ރަނގަޅު ކުރުމަށްޓަކައި، ބެއިޖިންގް އިން އާންމުކޮށް ޖެނުއަރީ އަދި ފެބްރުއަރީ މަހުގެ ވިޔަފާރީގެ މައުލޫމާތު އެއްކޮށްލައިގެން އާންމުކުރެއެވެ.
ޗައިނާގެ އެކްސްޕޯޓް އިތުރުވީ އިލެކްޓްރޯނިކްސް ސާމާނަށް އޮތް ބޭނުން ބޮޑުވުމުގެ ސަބަބުންނެވެ. މީގެ އިތުރުން ދަނޑުވެރިކަމުގެ އުފެއްދުންތަކާއި ފެކްޓްރީތަކުން އުފައްދާ ތަކެތި ބޭރުކުރި މިންވަރު ވެސް ވަނީ އިތުރުވެފައެވެ.
ޔޫރަޕްގެ ގައުމުތަކާއެކު ކުރި ވިޔަފާރި 27.8 އިންސައްތަ އިތުރުވެފައިވާއިރު، އާސިއާންގެ ގައުމުތައް ކަމަށްވާ ތައިލެންޑް، ސިންގަޕޫރު އަދި ފިލިޕީންސް ހިމެނޭ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ކުރި އެކްސްޕޯޓް ވަނީ ގާތްގަނޑަކަށް 30 އިންސައްތަ މައްޗަށް ގޮސްފައެވެ.
ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ތަފާތުކަން ހައްލުކުރުމަށް ޓްރަމްޕް އެޅުއްވި ޓެރިފްތަކާއި އެހެނިހެން ފިޔަވަޅުތަކުގެ ސަބަބުން، އެމެރިކާއަށް ޗައިނާއިން ކުރި އެކްސްޕޯޓް ވަނީ 10 އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ގޮސްފައެވެ.
ނިމިދިޔަ ހަފުތާގައި ޗައިނާއިން ވަނީ އަހަރީ އިގްތިސާދީ ކުރިއެރުމުގެ އަމާޒު 4.5 އިންސައްތަ އާއި 5 އިންސައްތައާ ދެމެދު ކަމަށް ކަނޑައަޅާފައެވެ. މިއީ 2025 ވަނަ އަހަރު ކަނޑައެޅި 5 އިންސައްތައިގެ އަމާޒަށް ވުރެ ދަށް އަދަދެކެވެ. އެ އަހަރުގެ އަމާޒު ހާސިލުކުރެވުނީ މައިގަނޑު ގޮތެއްގައި އެކްސްޕޯޓްގެ ސަބަބުންނެވެ.
އެކްސްޕޯޓަކީ ޗައިނާގެ އިގްތިސާދު ކުރިއަށްގެންދާ މައިގަނޑު ބާރެވެ. އެތެރޭގެ ބާޒާރުގައި ކުރާ ހޭދަ މަދުވުމާއި ރިއަލް އެސްޓޭޓްގެ ދާއިރާ ދަށަށް ދިޔަ ނަމަވެސް، އިގްތިސާދު ހިފަހައްޓައިދީފައިވަނީ އެކްސްޕޯޓުންނެވެ.
ޓްރަމްޕާއި ޝީ ބައްދަލުކުރައްވަނީ، އޭޝިއާގެ ގިނަ ގައުމުތަކެކޭ އެއްފަދައިން ޗައިނާއިން ވެސް، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބުރޫއަރާފައިވާ އެމެރިކާ އިސްރާއީލުގެ ޓެެރަރިސްޓް ހަމަލާތަކާ އީރާނުން ކުރިމަތިލަމުންދާ ދަނޑިވަޅެއްގައެވެ.





