އަރަބި ބަހުގެ ތާރީޚުގައި މިހާތަނަށް ކުރިއަށްގެންދިޔަ އެންމެ ބޮޑު އަދި އެންމެ އުންމީދީ އެއް މަޝްރޫޢު ކަމަށްވާ 'ދޯހާ ހިސްޓޮރިކަލް ޑިކްޝަނަރީ އޮފް ދަ އެރަބިކް ލޭންގުއޭޖް' معجم الدوحة التاريخي للغة العربية ނުވަތަ އަރަބި ބަހުގެ ތާރީޚީ ރަދީފު އެކުލަވައިލުމުގެ މަސައްކަތް ނިންމާލައިފިއެވެ. ގަތަރުގެ ދޯހާގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތަކާއެކު މި މަޝްރޫޢު ނިންމާލެވުނީ 13 އަހަރު ދުވަހުގެ ބުރަ މަސައްކަތަށް ފަހުގައެވެ. މިއީ އަރަބި ބަހުގެ 20 ގަރުނުގެ ދިގު ތާރީޚުގައި ބަހަށް އައިސްފައިވާ ބަދަލުތައް ދިރާސާކޮށް އެކުލަވައިލެވުނު މުހިންމު މަސައްކަތެކެވެ.
މި ތާރީޚީ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތު ބޭއްވުނީ ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލްޘާނީގެ ބެއްލެވުމުގެ ދަށުން، ލުސައިލްގެ ފެއަރމައުންޓް ރެފްލްސް ހޮޓަލުގެ ކަޓާރާ ހޯލުގައެވެ. މި ރަސްމިއްޔާތުގައި ގަތަރުގެ އަމީރު ބައިވެރިވެވަޑައިގެންނެވިއިރު، މިއީ 'އަރަބް ސެންޓަރ ފޯ ރިސާޗް އެންޑް ޕޮލިސީ ސްޓަޑީޒް' އާއި ޑިކްޝަނަރީ މަޝްރޫޢު ގުޅިގެން އިންތިޒާމުކުރި ހަރަކާތެކެވެ. މި ރަސްމިއްޔާތުން ރަމްޒުކޮށްދެނީ އަރަބި އިސްލާމީ ތާރީޚާއި ސަގާފަތް ރައްކާތެރިކުރުމަށް ގަތަރުން ދޭ އަހައްމިއްޔަތެވެ.
މި ރަދީފަކީ އަރަބި ބަހުގެ ލަފުޒުތައް އެންމެ ފުރަތަމަ ލިޔެކިޔުންތަކުން ފެންނަން ހުރި ހިސާބުން ފެށިގެން މިއަދާ ހަމައަށް އައިސްފައިވާ ބަދަލުތައް ބަޔާންކޮށްދޭ މަސައްކަތެކެވެ. މީގައި ލަފުޒުތަކުގެ މާނައަށް އައިސްފައިވާ ބަދަލުތަކާއި، ބޭނުންކުރާ ގޮތާއި، އަދި ޖުމުލަ އެކުލަވައިލުމުގައި އަންނަ ބަދަލުތައް ތާރީޚީ ހެކިތަކާއެކު ހިމަނާފައިވެއެވެ. 2013 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި މަސައްކަތުގައި އެއް ބިލިއަނަށްވުރެ ގިނަ ލަފުޒު ހިމެނޭ ޑިޖިޓަލް ބަސްކޮށާރައެއް ބޭނުންކޮށްފައިވެއެވެ.
އަރަބް ސެންޓަރ ފޯ ރިސާޗް އެންޑް ޕޮލިސީ ސްޓަޑީޒްގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޢަޒްމީ ބިޝާރާ ދެއްވި ތަޤުރީރުގައި، މި މަޝްރޫޢަކީ އަރަބި ބަހަށްޓަކައި ޢިލްމީ ދަރަނިވެރިވުމުގެ ވައުދެއް ފުއްދުން ކަމުގައި ސިފަކުރެއްވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މި ރަދީފުގެ ސަބަބުން އަރަބި ބަހުގެ ގަދީމީ ލިޔުންތައް، އެ ލިޔުނު ޒަމާނެއްގައި އެ ލަފުޒުތައް ބޭނުންކުރި މާނައިގައި ދެނެގަތުމަށް މަގުފަހިވެގެންދާނެއެވެ. މިއީ މީގެ ކުރިން ދިރާސާވެރިންނަށް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ.
މި މަސައްކަތަކީ ހަމައެކަނި ބަހަވީ ދިރާސާއެއް ނޫނެވެ. ބިޝާރާ ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން އުފެއްދި ބޮޑު ޑޭޓާބޭސްއަކީ އާޓިފިޝަލް އިންޓެލިޖެންސް (މަބު) އާއި ކޮމްޕިއުޓިންގް ދާއިރާގައި އަރަބި ބަސް ކުރިއެރުވުމަށް ލިބުނު ވަރަށް ބޮޑު ބާރެކެވެ. މީގެ ސަބަބުން ޒަމާނީ ޓެކްނޮލޮޖީގައި އަރަބި ބަސް ފުރިހަމައަށް ބޭނުންކުރުމުގެ ފުރުސަތު އިތުރުވެގެންދާނެއެވެ.
ދޯހާ ހިސްޓޮރިކަލް ޑިކްޝަނަރީ معجم الدوحة التاريخي للغة العربية އަކީ އަރަބި ބަހުގެ މުއްސަނދިކަމާއި ތާރީޚު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އެޅުނު ވަރަށް މުހިންމު ފާލަމެކެވެ. މި މަސައްކަތުގެ ސަބަބުން އަރަބި ބަހަކީ ދިރިހުރި، އަދި ޒަމާނާ އެއްގޮތަށް ބަދަލުވަމުން އަންނަ ބަހެއްކަން ސާބިތުވެގެންދެއެވެ. މިއީ މުޅި އަރަބި އުންމަތަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.
ގައުމެއް އުފެދި އާލާވުމުގައި ބަހުގެ މުހިންމު ކަމާ ބެހޭ ގޮތުން މި މުނާސަބާގައި ޤަތަރުގެ އެޑިއުކޭޝަން މިނިސްޓަރ ލުއުލުއާ ޚާޠިރު ދެއްވި ތަގްރީރަކީ ފާހަގަކޮށްލަން ހައްޤު ތަޤްރީރެކެވެ. އެކަމަނާ މިސާލު ޖެއްސެވީ ޔަހޫދީންގެ ގައުމިއްޔަތުގެ ޕްރޮޖެކްޓުންނެވެ. ލުއުލުއާ ވިދާޅުވީ މަރުވެފައި އޮތް ބަހެއް 19 ވަނަ ގަރުނުގައި ދިރުވައިގެން އެ ބަހުގެ ވަށައިގެން ގައުމިއްޔަތެއް އުފައްދައި ބައެއްގެ ބިމެއް ހިފައި އެމީހުންގެ ގައުމިއްޔަތަށް ގައުމެއް އުފެއްދުމުގައި މައިގަނޑު އެއްޗަކަށ ްބޭނުންކޮށްފައި ވަނީ ބަހެވެ. ލުއުލުއާގެ ތަޤްރީރަކީ ބަހުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވައި ވާހަކަ ދެއްކެވި ވަރަށް ދިގު ތަޤްރީރެކެވެ.







