ރަމަޟާން މަހުގައި ކަލްކައްތާގައި މީހުން އެއްވާ އެންމެ ފޯރިގަދަ އެއް ތަނަކީ ކޮންމެ ރެއަކު ދިރުން ލިބިގެންދާ ޒަކަރިއްޔާ މަގެވެ. "ސިޓީ އޮފް ޖޯއި" ގެ ނަމުން މަޝްހޫރުވެފައިވާ މި ސިޓީގެ އެތައް ހާސް ބަޔަކާއި، އިންޑިއާގެ އެކި ކަންކޮޅުތަކުންނާއި ބޭރުން އަންނަ ފަތުރުވެރިން، 1926 ވަނަ އަހަރު ބިނާކޮށްފައިވާ ތާރީޚީ ނާޚުދާ މިސްކިތް ކައިރީގައި އޮންނަ މި ސަރަހައްދަށް އެއްވެއެވެ.
ޕާކް ސާކަސް އަދި ޗާންދަނީ ޗޯކް ފަދަ އެހެން އަވަށްތަކަކީ ވެސް ފަތިސްވަންދެން ހަލަބޮލިކޮށް އޮންނަ ތަންތަނެވެ. މަޝްހޫރު ރެސްޓޯރަންޓްތަކުގެ އިތުރުން، ރަމަޟާން މަހާ ދިމާކޮށް ސަތޭކައަށްވުރެ ގިނަ މަގުމަތީ ކާބޯތަކެތީގެ ސްޓޯލްތައް ހުޅުވައި، މުޣަލާއި ކެއުމާއި އަވަދީ އަދި އަފްޣާނީ ކާނާގެ ތަފާތު ބާވަތްތައް މިތަންތާނގައި ވިއްކައެވެ. މީގެ ތެރޭގައި ކަބާބު، ހަލީމް، ހަލުވާ، ސެވިއާން، ލައްޗާ ޕަރާޓާ، ޝީރްމާލް އަދި ބަކަރްޚާނީ ރޮށި ހިމެނެއެވެ.
ކަލްކައްތާގެ ބްލޮގަރުން ފާހަގަކުރާ ގޮތުގައި، "ޒަކަރިއްޔާ މަގު މަޝްހޫރުވެގެން އުޅެނީ ސަބަބެއް ނެތިއެއް ނޫނެވެ. މުޅި މަގު އޮންނަނީ ކުލަކުލައިގެ ބޮކިތަކުން ދިއްލާލާފައެވެ. އަދި ރަމަޟާން މަހު ކޮންމެ ސްޓޯލަކުން ވެސް ޚާއްޞަ ބާވަތެއް ލިބެން ހުރެއެވެ." ފަތުރުވެރިން ޝަރުބަތާއި މޭވާއިން ފެށިގެން ކަބާބު، ނިހާރީ، ނާން އަދި ސެވާއީ އާ ހަމައަށް "ގުނާ ނުލެވޭހާ ގިނަ ތަކެތީގެ" ރަހަ ބަލައި ހަދައެވެ.
ގްރިލްކޮށްފައިވާ ކަބާބަކީ އެންމެ ބޮޑު ޝައުގުވެރިކަމެވެ. ދިލަޖައްސާފައިވާ ރަހަ އެކުލެވޭ، ތާޒާކޮށް ތައްޔާރުކުރާ ކަބާބުތައް ހޯދުމަށް ސްޓޯލްތައް ކުރިމަތީގައި ދިގު ކިއޫތައް އޮވެއެވެ. ޑިޖިޓަލް ކްރިއޭޓަރ މުޙައްމަދު ޔަޙްޔާ ސިފަކުރި ގޮތުގައި ޒަކަރިއްޔާ މަގުން ކެއުމަކީ ހަގީގަތުގައިވެސް ހަނދާނުން ފޮހެލަން އުނދަގޫ ތަޖުރިބާއެކެވެ.
އެންމެ މަގުބޫލު އެއް ތަނަކީ، ހައިދަރުއާބާދީ ސަގާފީ ކާނާއެއް ކަމަށްވާ ހަލީމްގެ ތަފާތު ބާވަތެއް ކަމަށްވާ "މަގަޒް ހަލީމް" އެވެ. ޕާކް ސްޓްރީޓްގައި ހުންނަ ޝީރާޒް ގޯލްޑަން ރެސްޓޯރަންޓުން މަޑު ކަމީރުއެޅި ރޮއްޓާއެކު "މަޓަން ޝާހީ ހަލީމް" ހޯދުމަށް ގިނަ ބަޔަކު ކިއޫ ހަދައެވެ.
ޒަކަރިއްޔާ މަގަށް ނަން ދެވިފައިވަނީ ވިޔަފާރިވެރިއެއް ކަމަށްވާ އަދި ކުރީގެ ކަލްކައްތާގެ ފަގީރު މުސްލިމުންގެ ހައްގުގައި ވަކާލާތުކުރެއްވި އިއްޒަތްތެރި ސިޔާސީ ޝަޚްޞިއްޔަތެއް ކަމަށްވާ ޙާޖީ ޒަކަރިއްޔާގެ ނަމުންނެވެ. އިނގިރޭސިންގެ ވެރިކަމުގައި، ކަލްކައްތާއަކީ ބްރިޓިޝް އިންޑިއާގެ ވެރިރަށުގެ ގޮތުގައި އޮތްއިރު، ދާލްހޫސީ މައިދާން ހިމެނޭ "ވައިޓް ޓައުން" އާ ޚިލާފަށް މި ސަރަހައްދަށް ކިޔައިއުޅުނީ "ބްލެކް ޓައުން" އެވެ. މި މަގަކީ އިންޑިއާގެ މަޝްހޫރު ލީޑަރުން ކަމަށްވާ ރަބިންދްރަނާތު ޓޭގޯރާއި ރާޖާ ރާމް މޯހަން ރޯއީގެ ގެތަކާ ވެސް ކައިރީގައި އޮންނަ މަގެކެވެ.
މި މަގުން ލިބެން ހުންނަ ކާބޯތަކެތީގެ ބާވަތްތައް ހައިރާން ކޮށްލާފަދަ ގިނައެވެ. ބޮޑެތި ތަވާތަކުގައި އަޅާފައި ހުންނަ މަޓަން ހަލީމް، ބޯޓީ ކަބާބު، މަޓަން ބިރިޔާނީ، ޗިކަން ޗާޕް، ފިތުނީ މަޓްކާ އަދި ޝާހީ ތުކްޅާ ގެ ބާވަތްތައް ހިމެނެއެވެ. މީގެ އިތުރުން މޭވާއާއި، ފިޔާޖީ އަދި އަލުވި ކަޓްލަސް ފަދަ ތެލުލި ތަކެއްޗާއި، ކަރާ، އަލަނާސި އަދި ތަފާތު ޝަރުބަތްތަކުގެ ރަހަ ޒިޔާރަތްކުރާ މީހުން އަޖުމަ ބަލައެވެ. އަޖުވާ، މަޖްދޫލް އަދި ކީމިއާ ހިމެނޭހެން ތަފާތު ބާވަތްތަކުގެ ކަދުރު އާންމުކޮށް ލިބެން ހުރެއެވެ. މި ކެއުންތައް ނިންމާލުމަށްޓަކައި "މުޙައްބަތު ކާ ޝަރުބަތު" އާއި، ރަންކުލައިގެ އަދި ހުދުކުލައިގެ ލައްޗާ، އަދި ސަގާފީ ފޮނިކާތަކެތި ތައްޔާރުކުރަން ބޭނުންކުރާ ސޭވިއާން ބޭނުންކުރެއެވެ.








