އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ޓެރަރިސްޓް ހަމަލާތަކާ ގުޅޭ ގޮތުން އީރާނުން ހުރުމުޒު ނުވަތަ ފާރިސީ ކަނޑުއޮޅި ބަންދު ކުރުމުން ދުނިޔޭގެ އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތަކާ ގުޅޭ ދިރާސާއެއް އދ. ގެ ވިޔަފާރިއާއި ތަރައްގީއާ ބެހޭ އިދާރާ (އަންކްޓާޑް) އިން އާންމުކޮށްފިއެވެ.
އީރާނުން ވަނީ އެމެރިކާއާއި އެމެރިކާއަށް ވާގިވެރިވާ ފަރާތަކުން މި ކަނޑުއޮޅި ހުރަސްކޮށް އާގުބޯޓު ނުދުއްވޭނެ ކަމަށް ބުނެފައެވެ. ނަމަވެސް މިއަދު ބަންގްލަދޭޝަށް ގޭސް ހިފައިގެން ދިޔަ އުޅަނދަކަށް އީރާނުން ވަނީ ހުރަސްކުރަްނ ހުއްދަ ދީފައެވެ. އަދި ޗައިނާގެ އުޅަނދުތަކަށްވެސް ހުރަހެއް ނެތް ކަމަށް އީރާނުން ބުނެއެވެ.
އދގެ ވިޔަފާރިއާ ބެހޭ ޖަމާއަތް އަންކްޓާޑްގެ ދިރާސާއިން ދައްކާގޮތުގައި، ފާރިސީ ކަނޑުއޮޅި ބަންދުވުމުގެ ނަތީޖާއެއްގެ ގޮތުން ތެޔޮ އުފުލާ ބޯޓުފަހަރުގެ ކުއްޔާއި، ހަނގުރާމައިގެ ނުރައްކަލާ ގުޅޭ އިންޝުއަރެންސް ޕްރީމިއަމްތައް ދަނީ ވަރަށް ބޮޑަށް އުފުލެމުންނެވެ. މީގެ އިތުރުން، ކަނޑު ބޯޓުފަހަރުގައި ބޭނުންކުރާ ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން، މުޅި ސަޕްލައި ޗެއިންގެ ތެރޭގައި މުދާ އުފުލުމުގެ ޚަރަދުތައް އިތުރުވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ދުނިޔޭގެ ދަނޑުވެރިކަމށް ބޭނުންވާ ގަސްކާނާގެ ވިޔަފާރީގެ ތިންބައިކުޅަ އެއްބައި، ނުވަތަ ގާތްގަނޑަކަށް 16 މިލިއަން ޓަނުގެ ގަސްކާނާ ކޮންމެ އަހަރަކުވެސް މި ކަނޑުއޮޅިން ހުރަސްކުރެއެވެ. މި މަގު ބަންދުވުމަކީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކަށް ގަސްކާނާ ލިބުމަށް ދަތިވެ، ކާނާ އުފެއްދުމާއި ދަނޑުވެރިކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް އަންކްޓާޑުން ފާހަގަކުރެއެވެ.
ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ދަރަނި ބޮޑުވުމާއި، ލޯނު ނެގުމުގެ ޚަރަދުތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، އެ ގައުމުތަކަށް މިފަދަ ލޮޅުމެއް ތަހައްމަލު ކުރުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށް އދން ބުނެއެވެ. ކޮވިޑް-19 އާއި ޔޫކްރެއިން ހަނގުރާމައިގެ ތަޖުރިބާއަށް ބަލާއިރު، ހަކަތައާއި ދަތުރުފަތުރަށް އަންނަ ބަދަލުތަކުގެ އަސަރު މުޅި ދުނިޔޭގެ ބާޒާރަށް ވަރަށް އަވަހަށް ފެތުރިގެންދާކަން ވަނީ ހާމަވެފައެވެ.
އދ. ގެ ތަރުޖަމާނު ސްޓެފަން ޑުޖަރިކް ވިދާޅުވީ، "އިގްތިސާދަށް ކުރާނެ އަސަރުގެ މިންވަރު ބިނާވެގެންވަނީ މި ހުރަސްތައް ދެމިގެންދާ މުއްދަތަކާއި އޭގެ ބާރުމިނުގެ މައްޗަށް" ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ކަނޑުމަގުގެ ވިޔަފާރި ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.






