އިންޑިއާގައި ކައްކާ ގޭސް ލިބުން ދަތިވެ، ކަރަންޓު އުނދުނުގެ ޑިމާންޑް އިންތިހާއަށް އުފުލިއްޖެ

ސޮލީބީ ހަނގުރާމައާއި އެމެރިކާއާއި ޒަޔަނިސްޓުންގެ ޓެރަރިސްޓް ހަމަލަތަކާ ގުޅިގެން ތެލާއި ގޭސް ސަޕްލައި ކުރުމުގައި ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު އިންޑިއާގައި ކައްކާ ގޭސް ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެއެވެ. މި ކާރިސީ ހާލަތާ ގުޅިގެން ގޭސް ސިލިންޑަރާއި، ބަދަލުގައި ބޭނުންކުރާ ކަރަންޓު އިންޑަކްޝަން އުނދުނުގެ އަގުތައް އުފުލި، އާންމުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް ވަނީ އުފެދިފައެވެ.

އިންޑިއާގެ ބޮޑެތި ސިޓީތައް ކަމަށްވާ ދިއްލީ، މުމްބާއީ، ބެންގަލޫރު، ޗެންނާއީ އަދި ކޮލްކަޓާގެ ގިނަ ސަރަހައްދުތަކުން މިހާރު ވަނީ އިންޑަކްޝަން އުނދުނާއި އެއާ ގުޅޭ ސާމާނު ހުސްވެފައެވެ. އޮންލައިންކޮށް ތަކެތި ޑެލިވަރީ ކޮށްދޭ ބްލިންކިޓް އަދި ސްވިގީ އިންސްޓަމާޓް ފަދަ އެޕްލިކޭޝަންތަކުން މި ތަކެތި ހުސްވެފައިވާއިރު، އާންމު ފިހާރަތަކުން ވެސް އިންޑަކްޝަން އުނދުނެއް ލިބުމަކީ މިހާރު ދަތި ކަމަކަށް ވަނީ ވެފައެވެ.

ސަރުކާރުން ބުނަމުންދަނީ ގައުމުގައި ބޮޑު ކާރިސީ ހާލަތެއް ނެތް ކަމަށާއި، ގައުމީ ފެންވަރުގައި އެތަކެތި އުފައްދާ މިންވަރު އިތުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް، ގޭހާއި ތެލުގެ އަގު އުފުލުމާއި، ގޭސް ސިލިންޑަރު ރީފިލް ކުރުމަށް ގިނަ ދުވަސްތަކެއް ނަގާތީ ކަސްޓަމަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ. މި ހާލަތާ ގުޅިގެން ސަރުކާރުން ވަނީ ކައްކާ ގޭސް ސަޕްލައި ކުރުން ކަށަވަރު ކުރުމަށްޓަކައި އަސާސީ ބާވަތުގެ މުދާ ހޯދުމަށް 'އެސެންޝަލް ކޮމޯޑިޓީސް އެކްޓް' ތަންފީޒު ކުރަން ފަށާފައެވެ.

އިންޑަކްޝަން އުނދުނުގެ އިތުރުން، އެ އުނދުނުގައި ބޭނުންކުރާ ޚާއްސަ ތަވާ އާއި ތެލި ފަދަ ތަކެތީގެ ޑިމާންޑް ވެސް ވަނީ އިންތިހާއަށް އުފުލިފައެވެ. ގިނަ ބަޔަކު އެއްފަހަރާ މި ތަކެތި ގަންނަން ފެށުމުން ބާޒާރުން ވަނީ މި ތަކެތި ވެސް ހުސްވާން ފަށާފައެވެ. މިއީ ކުރިއަށް އޮތް ތަނުގައި ގޭސް ނުލިބިދާނެ ކަމުގެ ބިރަށްޓަކައި އާންމުން ކުރަމުންދާ ކަމެއްގެ ގޮތުގައި ބެލެވެއެވެ.

މި ދަނޑިވަޅުގައި ކަޅު ބާޒާރުގައި ގޭސް ސިލިންޑަރެއްގެ އަގު 500 ރުޕީސް އާއި 2,000 ރުޕީސްއާ ދެމެދުގެ އަދަދަކަށް ބޮޑު ވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ބޮޑު އަގުގައި ގޭސް ގަތުމުގެ ބަދަލުގައި ގިނަ އާއިލާތަކުން މިހާރު އިސްކަންދެނީ ކަރަންޓު އުނދުނަށް ބަދަލުވުމަށެވެ. ނަމަވެސް ސަޕްލައި މަދުވުމުގެ ސަބަބުން އެ ފުރުސަތު ވެސް ގިނަ ބަޔަކަށް މިހާރު ވަނީ ބަންދުވެފައެވެ.

ހިއްސާ ކުރައްވާ!