މުސްލިމުންގެ ހައްޖު އަޅުކަން ކޮޕީކޮށްގެން އިންޑިއާއަށް އަކުބަރު ރަސްގެފާނު ތައާރަފް ކޮށްދެއްވި ކުމްބް މޭލާއިން މަޝްހޫރިވި ހިންދީ އަންހެންކުއްޖާ މުސްލިމަކާ އިނދެފިއެވެ. ޕްރަޔާގްރާޖްގައި ބޭއްވި ކުމްބް މޭލާގެ ތެރެއިން އާންމުވި ވީޑިއޯއަކުން ބޮޑު މަގުބޫލުކަމެއް ހޯދި މިއަންހެން ކުއްޖާއަކީ މޮނަލީސާ ބޯސްލޭ އެވެ. މި ބަރަކާތްތެރި ރަމަޝާމް މަހު އޭނާ ވަނީ ލޯބިވެރިޔާ ފަރްމާން ޚާންއާ ކައިވެނިކޮށްފިއެވެ. ކެރެލާގައި މި ކައިވެނި ކުރިއަށްދިޔައީ މޮނަލީސާގެ އާއިލާގެ ފަރާތުން ބޮޑެތި ހުރަސްތަކަކާއި ނުތަނަވަސްކަމެއް ކުރިމަތި ކޮށްފައި ވަނިކޮށެވެ.
މި ހަފުތާގެ ކުރީކޮޅު މި ދެމަފިރިން ވަނީ ތިރުވަނަންތަޕޫރަމްގެ ތަމްޕަނޫރު ޕޮލިސް ސްޓޭޝަނަށް ގޮސް އެހީތެރިކަމަށް އެދިފައެވެ. މޮނަލީސާ ފުލުހުންނަށް ކިޔައިދިން ގޮތުގައި، އޭނާގެ ނުރުހުމުގައި އާއިލާއިން އޭނާ އަނބުރާ ރަށަށް ގެންދަން މަސައްކަތް ކުރަމުންދެއެވެ. ނަމަވެސް، ދެމީހުންނަކީވެސް ބާލިޣު ދެމީހުން ކަމަށްވާތީ، އަމިއްލަ ކުރިމަގު އިޚްތިޔާރު ކުރުމުގެ މިނިވަންކަން އޮތްކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
އާއިލާގެ ނުރުހުމާއެކުވެސް، މި ދެމީހުން ކައިވެނިކޮށްފައިވަނީ ތިރުވަނަންތަޕޫރަމްގައެވެ. ކައިވެނީގެ ހަފްލާއަކީ މުސްލިމު ނޫނީ ޣެއިރު މުސްލިމު ހަފްލާއެއް ކަމެއް ސާފެއް ނުވެއެވެ. މި ކައިވެނީގެ ރަސްމިއްޔާތުގައި ސިޔާސީ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެ ބޭފުޅުން ވިދާޅުވީ މިއީ ކެރެލާގެ އިޖުތިމާއީ އެއްބައިވަންތަކަމާއި، ގާނޫނުއަސާސީން ލިބިދޭ މިނިވަންކަމުގެ ރީތި މިސާލެއް ކަމަށެވެ.
ކައިވެންޏަށްފަހު މޮނަލީސާ ނޫސްވެރިންނަށް ބުނީ އޭނާ ހުރީ ވަރަށް އުފަލުން ކަމަށާއި، ކެރެލާ އިޚްތިޔާރުކުރީ އެ ސްޓޭޓްގެ މާހައުލު ކަމުދާތީ ކަމަށެވެ. ފަރްމާން ބުނި ގޮތުގައި އެމީހުންގެ ލޯބީގެ ގުޅުމަށް ވީ ހަ މަސް ދުވަހެވެ. ނަމަވެސް އެއީ "ފަސްދޮޅަސް އަހަރުގެ ގުޅުމެއް ފަދަ" ވަރުގަދަ ލޯއްބެއް ކަމަށް އޭނާ ސިފަކުރިއެވެ.
މޮނަލީސާ މުޅި އިންޑިއާއަށް މަޝްހޫރުވެގެން ދިޔައީ ކުމްބް މޭލާގައި މާ ވިއްކަން ހުއްޓާ ނަގާފައިވާ ވީޑިއޯއެއް ވައިރަލްވުމާ ގުޅިގެންނެވެ. އޭނާ ކެރެލާއަށް ދިޔައީ ފިލްމެއްގެ ޝޫޓިންއަކަށެވެ. އާއިލާއާ މައްސަލަ ޖެހުނީ އެ ދަތުރުގެ ތެރެއިންނެވެ.
އާއިލާގެ ފަރާތުން ކުރިމަތިވި ފިއްތުންތަކާއި ދެކޮޅުވެރިކަމަށް ބެލުމެއްނެތް، މި ދެމަފިރިން ވަނީ ކެރެލާގައި އެމީހުންގެ ކައިވެނީގެ ހުރިހާ ކަމެއް ފުރިހަމަކޮށްފައެވެ.







