ޓްރަމްޕް ނަގަން ދިޔަ މީހުންގެ ވޭނު ވައިޓްހައުސްގެ ފުޅަފުގައި ޖެހި އެކްސިޑެންޓްވެ ޓްރަމްޕް ސަލާމަތް ވެއްޖެ

ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޓްރަމްޕް ނަގަން ދިޔަ ބަޔަކު ބޭނުން ކުރި ވޭން ވައިޓް ހައުސް ގެ ސެކިއުރިޓީ ބެރިކޭޑެއްގައި ޖެހި ފުނޑުފުނޑުވެއްޖެއެވެ. އެމެރިކާގެ ރައީސް އާ މެދު މީހުންގެ މެދުގައި ނަފްރަތު އާންމުވެފައި ވުމުން އޭނާގެ ޖާނަށް ނުރައްކާވާފަދަ ޓެރަރިސްޓް ހާދިސާތައް ގިނައިން މެދުވެރި ވެއެވެ.

ޓްރަމްޕް ނަގަން ދިޔަ ޓެރަރިސްޓުންގެ ވޭން އެކްސިޑެންޓް ވުމުން ހިސާބުގަނޑު ބަންދުކޮށް ހެނދުނުގެ ބާރުބޮޑު ވަގުތުގައި ވޮޝިންގޓަންގެ މެދުތެރެ އޮތީ ވަގުތީ ގޮތުން ބަންދު ކޮށްފައެވެ.

ވައިޓް ހައުސްގެ އުތުރުގައި އޮންނަ ލަފަޔަޓް މައިދާން ކައިރީގައި ފަތިސް ނުވަނީސް ހިނގި މި ހާދިސާގައި އެ އުޅަނދު ދުއްވަން އިން މީހާ ވަނީ ހައްޔަރުކޮށްފައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. މިހާދިސާ ރިޕޯޓު ކުރުމުގައި އެމރިކާ މީޑިއާއިން ފޯރި ދައްކާފައި ނުވުމުން މިމީހާއަކީ މުސްލިމެއް ނޫންކަން ލަފާކުރެވެއެވެ.

ޓްރަމްޕް ރައީސްގެ ސަލާމަތީ ކަންކަން ބަލަހައްޓާ ޔޫއެސް ސީކްރެޓް ސަރވިސްގެ ތަރުޖަމާނަކު ވިދާޅުވީ، ފުލުހުންގެ ބޮން ފަޅާލާ ސްކޮޑުން އެ އުޅަނދު ޗެކްކުރުމަށްފަހު އެ ސަރަހައްދަކީ ރައްކާތެރި ތަނެއް ކަމަށް ނިންމާފައިވާ ކަމަށެވެ.

"ޓްރަމްޕް ނަގަން ދިޔަ މީހާއާ ސީކްރެޓް ސަރވިސްއިން މިހާރު ސުވާލު ކުރަމުންދޭ، އޭނާގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުގެ މަސައްކަތް ދަނީ ކުރެވެމުން،" ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ފަށާފައިވާ ސޮލީބީ ހަނގުރާމައާ ގުޅިގެން ވޮޝިންގޓަންގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

މި ހާދިސާ ހިނގި ސަރަހައްދަށް ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ގިނަ އަދަދެއްގެ އުޅަނދުތައް ޖަމާވެފައިވެއެވެ. ޓްރަމްޕްގެ ހިތް ބިރުގަނެފައި ވުމުގެ ސަބަބުން ފުލުހުން ވަނީ ވައިޓް ހައުސް ވަށައިގެންވާ މައިގަނޑު ބައެއް މަގުތައް ބަންދުކޮށްފައެވެ.

މީގެ ސަބަބުން އެ ސަރަހައްދުގެ ޓްރެފިކް ވަރަށް ބޮޑަށް ތޮއްޖެހި، އޮފީސްތަކަށްދާ މީހުންނާއި ފަތުރުވެރިންނަށް މަގުތަކުން ދަތުރުކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

ހިއްސާ ކުރައްވާ!