އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ އުދުވާނީ ހަނގުރާމައާ ގުޅޭގޮތުން އެމެރިކާއާއި އިނގިރޭސިވިލާތުގެ ނޫސްތަކުގައި ޝާއިޢުކޮށްފައިވާ ޚިޔާލު ފާޅުކުރާ މަޒުމޫނުތަކަށް ބަލާއިރު، ހަނގުރާމަ ނިމިދާނެ ގޮތްތަކުގެ ސިނާރިއޯތަކާ ބެހޭ ބަހުސްތަކާއި، އީރާނާއެކު ސަރަޙައްދުގައިވާ ރަޝިޔާގެ ބައިވެރިން އިނދަޖެހިގެންދާނެ ކަމުގެ ތަޙުލީލުތަކާއި، އަދި ގަލްފްގެ ޤައުމުތަކާ ދެކޮޅަށް ތެހެރާނުން ފެނުގެ ހަނގުރާމައެއް ފަށާފާނެ ކަމުގެ އިންޒާރުތައް ހިމެނެއެވެ. މިހުރިހައި ލިޔުންތަކަކީ ހުޅަނގުގެ އިސްތިއުމާރީ ޒަޔަނސިްޓު ބިސްނުމަށް ބަރޯސާވެ ލިޔެފައިވާ ލިޔުންތައް ކަމުގައި ބަލަންވާނެއެވެ.
އެމެރިކާގެ ނިއުޔޯކް ޓައިމްސް ނޫހުގައި ބްރެޓް ސްޓީފަންސް ލިޔުއްވާފައިވާ "ހަނގުރާމަ ނިމޭނީ ކިހިނެއް؟ އީރާނާއެކު ދެން ވެދާނެ ގޮތްތަކުގެ ހަތަރު ސިނާރިއޯއެއް" މި މަޒުމޫނުންނެވެ.
އޭނާގެ މަޒުމޫނުގައި އީރާނު ހަނގުރާމައާ ގުޅޭގޮތުން ވެދާނެ ހަތަރު ގޮތެއް ފާހަގަކުރައްވާފައިވެއެވެ. އޭގެ ތެރެއިން ފުރަތަމަ ގޮތަކީ "ވެރިކަން ބަދަލުވުން" ކަމަށްވާއިރު، މިއީ އެންމެ އުންމީދީ ގޮތް ކަމަށް ލިޔުންތެރިޔާ ދެކެއެވެ.
ލިޔުންތެރިޔާ މި ސިނާރިއޯ ސިފަކުރައްވަނީ، އީރާނުގައި އަލުން މުޒާހަރާތައް ފެށި، ފުލުހުންނާއި ސިފައިން އަދި އަސްކަރީ ކޮމާންޑަރުން ރައްޔިތުންނާ ގުޅި، އެމެރިކާއާއި އިސްރާއީލުގެ ވައިގެ އެހީތެރިކަމާއެކު ނުކުމެ ވެރިކަން ވައްޓާލާނެ ގޮތަށެވެ.
އޭނާ އިތުރަށް ވިދާޅުވަނީ: "މިގޮތަށް ކަންތައް ވުމަކީ ނުވާނެ ކަމެއް ކަމަށް އެއްވެސް މީހަކު ދެކިގެން ނުވާނެއެވެ. ނަމަވެސް މިއީ ހަމައެކަނި މިކަމަށް ބަރޯސާވެގެން ތިބެންވީ ކަމެއްވެސް ނޫނެވެ. ސަބަބަކީ އީރާނުގެ ސަރުކާރުން ބާރުގައި ދެމިއޮތުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެތީއެވެ."
ސްޓީފަންސްގެ ނަޒަރުގައި ދެވަނަ ސިނާރިއޯއަކީ "ވެރިކަމަށް ބަދަލު ގެނައުން" އެވެ. އެއީ ވެރިކަން ދެމިއޮތް ނަމަވެސް، އެމެރިކާއާއި އިސްރާއީލުގެ ޝަރުޠުތަކަށް ބޯލެނބުމެވެ.
އީރާނުގެ އައު ރޫޙާނީ ލީޑަރު މުޖްތަބާ ޚާމަނާއީ، ނިއުކްލިއަރ އަދި މިސައިލް ޕްރޮގްރާމްތައް ދޫކޮށްލުމަށާއި، ޙިޒްބުﷲ ފަދަ ސަރަޙައްދީ ޖަމާޢަތްތަކަށް ދޭ އެހީތެރިކަން ހުއްޓާލުމަށް އެއްބަސްވެދާނެ ކަމާމެދު ލިޔުންތެރިޔާ ޝައްކު އުފައްދައެވެ. އެހެންކަމުން "ހަނގުރާމަ ދެތިން ހަފުތާއަށް ދެމިގެން ހިނގައިދާނެ" ކަމަށް އޭނާ ލަފާކުރެއެވެ.
ތިންވަނަ ސިނާރިއޯއަކީ، ހުރިހާ ފަރާތްތަކުންވެސް އެބަޔަކު އަމިއްލައަށް ކާމިޔާބު ހޯދައިފިކަން އިޢުލާނު ކުރުމެވެ. ނަމަވެސް މިގޮތަށް ކަންތައް ވެއްޖެނަމަ، ޓްރަމްޕް ނުވަތަ ނަތަންޔާހޫ ހަނގުރާމައިން ހާސިލުކުރަން ބޭނުންވި މަޤްޞަދުތައް ހާސިލުނުވާނެ ކަމަށް އޭނާ ވިދާޅުވެއެވެ.
އޭނާ ވިދާޅުވަނީ: "އެމެރިކާއާއި އިސްރާއީލުން އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ޙަމަލާދިނުމުގެ ކުރިން ހަނގުރާމަ ނިމޭނެ ކަމަށް ތަޞައްވުރު ކުރަން ދަތިވެއެވެ. އަދި މީގެ ސަބަބުން މަދު އަހަރުތަކެއްގެ ތެރޭގައި ވެރިކަން ބަދަލުވުމަށް މަގުފަހިވާނެއެވެ."
މި ސިނާރިއޯގެ އަނެއް ފަރާތަކީ "ދައުލަތް އިނދަޖެހުން" ނުވަތަ ސޫރިޔާގައި ދިމާވި ފަދައިން ދާޚިލީ ހަނގުރާމައެއް ފެށުމެވެ. އޭރުން ބައެއް ސަރަޙައްދުތަކުގައި ވެރިކަން ދެމިއޮވެފައި އަނެއްބައި ސަރަޙައްދުތަކުގައި ވެރިކަން ވެއްޓި، ބޭރުގެ ނުފޫޒުތައް ވަދެ، ބޮޑެތި ޤަތުލުޢާންމުތަކެއް ހިނގާނެއެވެ.
އޭނާ ދެކޭގޮތުގައި "އިސްރާއީލުން މިކަމާ މެދު ފަހަރެއްގައި ދެކޮޅު ނުހަދާފާނެއެވެ. ނަމަވެސް އެމެރިކާއާއި ޢަރަބި ބައިވެރިންގެ ޚިޔާލު ތަފާތުވާނެއެވެ. ސަބަބަކީ އީރާނުގެ އެތެރޭގައި ހިނގާ ދިގުލީ ހަނގުރާމައެއްގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުމަށް ހުރަސްއެޅޭނެތީއެވެ."
ފަހު ސިނާރިއޯއެއްގެ ގޮތުގައި ލިޔުންތެރިޔާ ހުށަހަޅަނީ، އީރާނުގެ ތެޔޮ އެކްސްޕޯޓްގެ 90 އިންސައްތަ ކޮންޓްރޯލްކުރާ ގަލްފްގައިވާ "ޚަރްޖް" ރަށުގެ ބާރު އެމެރިކާ ސިފައިން ހޯދުމެވެ. މީގެ ސަބަބުން އީރާނު ސަރުކާރަށް ލިބޭ އާމްދަނީއާއި، ސިފައިންނާއި މަދަނީ މުވައްޒަފުންނަށް މުސާރަ ދިނުމުގެ ޤާބިލުކަން އެމެރިކާގެ އަތްދަށަށް ދާނެއެވެ.
މީގެ އިތުރުން އީރާނުގެ ބަނދަރުތަކުގައި މައިން ވަޅުލުން ނުވަތަ ބަނދަރުތައް ބަންދުކުރުމާއި، އީރާނުގެ އަސްކަރީ އަދި ނިއުކްލިއަރ ޤާބިލުކަން ވީހާވެސް ބޮޑަކަށް ހަލާކުކޮށްލުން ހިމެނެއެވެ. އޭނާ ބަޔާންކުރާ ގޮތުގައި މިއީ އެންމެ ކުޑަ ޚަރަދަކުން ކާމިޔާބީ ހޯދޭނެ އެންމެ ހަޤީޤީ މަގެވެ. އަދި މިއީ އޭނާ ސިފަކުރި ގޮތުގައި، އީރާނުގެ ރައްޔިތުންނަށް މިނިވަންކަން ހޯދުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުޞަތެވެ.
ނިންމާލަމުން އޭނާ ފާހަގަކުރަނީ، ހަނގުރާމަ އެއް މަސްދުވަހުގެ ތެރޭގައި ނިމިއްޖެނަމަ އޭގެ ނަތީޖާ "ނިސްބަތުން ރަނގަޅު" ވެދާނެ ކަމަށެވެ. ނަމަވެސް މިކަމަށް ފާޑުކިޔާ ފަރާތްތަކުން ބިރުގަންނަނީ މިއީ ޢިރާޤު ހަނގުރާމަ ފަދަ ދިގުލާ ކާރިސާއަކަށް ވެދާނެތީއެވެ.
"ޕޫޓިންއަށް އީރާނަކުން ކާމިޔާބީއެއް ނުލިބޭ. އޭނާގެ ދުނިޔެ އޭނާގެ ވަށައިގެން ބިމާހަމަވަނީ" ކަމަށްވެސް މީޑިއާ ތަހުލީލުތައް ބުނެއެވެ. އިނގިރޭސިވިލާތުގެ ޓެލެގްރާފް ނޫހުގެ ލިޔުންތެރިޔާ ބޮބް ސީލީ ލިޔުއްވާފައިވާ "ޕޫޓިންއަށް އީރާނަކުން ކާމިޔާބީއެއް ނުލިބޭ. އޭނާގެ ދުނިޔެ އޭނާގެ ވަށައިގެން ބިމާހަމަވަނީ" ގައި ލިޔުންތެރިޔާ ވާހަކަދައްކަވަނީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން ރަޝިޔާއަށް ކުރާނެ އަސަރުތަކާ ބެހޭގޮތުންނެވެ. އޭނާ މިކަން ސިފަކުރައްވަނީ "އެންމެ ރަނގަޅު ވަގުތާއި އެންމެ ގޯސް ވަގުތުގެ މަސްހުނިވުމެއް" ގެ ގޮތުގައެވެ.
ލިޔުންތެރިޔާ ބަޔާންކުރާ ގޮތުގައި، ހަނގުރާމައިގެ ސަބަބުން ކުރާ ފައިދާހުރި އަސަރުތަކުގެ ތެރޭގައި ތެލުގެ އަގު އުފުލި، ރަޝިޔާގެ ޚަޒާނާ މުއްސަނދިވުމަށް މަގުފަހިވުން ހިމެނެއެވެ. މިހާރު ރަޝިޔާގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 80 ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ކޮންމެ ފީފާއަކުން 5 އާއި 6 ޑޮލަރާ ދެމެދުގެ އިތުރު ފައިދާއެއް ރަޝިޔާއަށް ލިބޭނެއެވެ.
އޭނާ ވިދާޅުވާ ގޮތުގައި "އަގުތައް ހުންނާނެ މިންވަރު ބިނާވެފައިވަނީ ހަނގުރާމަ ދެމިއޮތުމުގެ މައްޗަށާއި، ދުނިޔޭގެ ތެލުގެ ތިންބައިކުޅަ އެއްބައި ދަތުރުކުރާ ހުރުމުޒު ކަނޑުއޮޅި ބަންދުނުވެ އޮތުމުގެ މައްޗަށެވެ."
ނަމަވެސް، ލިޔުންތެރިޔާ ފާހަގަކުރައްވާ ގޮތުގައި "ޕޫޓިންއަށް ބަލާއިރު، އީރާނުގައި ހިނގާ ހަނގުރާމައިގެ ނޭދެވޭ އަސަރުތަކާ އަޅާބަލާއިރު މި ފައިދާއަކީ ވަރަށް ކުޑަ މިންވަރެކެވެ." އެއީ "ރަޝިޔާގެ ރައީސަށް އޭނާގެ ބައިވެރިން ގެއްލެމުންދާތީއާއި، އެމީހުން ސަލާމަތްކޮށްދިނުމަށް އޭނާ ނުކުޅެދިފައިވާތީއެވެ." މިއީ ވެނެޒުއޭލާ، އީރާން އަދި ސޫރިޔާގެ ސަރުކާރުތަކަށް އިޝާރާތްކޮށް އޭނާ ވިދާޅުވި ބަހެކެވެ.
އޭނާ އިތުރަށް ވިދާޅުވިއެވެ: "މޮސްކޯގެ މައިގަނޑު ދެ ބައިވެރިން ކަމަށްވާ ވެނެޒުއޭލާ އާއި މިހާރު އީރާނުގެ ބާރުތަކަށް ވަނީ ބައެއް ގޮތްގޮތުން ގެއްލުން ލިބިފައެވެ. ހަމައެހެންމެ، ކިއުބާގައި ސޯޝަލިޒަމް ނެތިދިއުމަކީ ހަމައެކަނި ވަގުތުގެ މައްސަލައެކެވެ."
ސީލީ ދެކޭގޮތުގައި "ސެޓެލައިޓް މެދުވެރިކޮށް އީރާނަށް ބައެއް މައުލޫމާތު ފޮނުވުމާއި، އެންމެ މަތީ ލީޑަރަށް މަރުހަބާގެ މެސެޖުތައް ފޮނުވުމުގެ ގާބިލުކަން ރަޝިޔާއަށް އޮތް ނަމަވެސް، އަމަލީ ގޮތުން ފޯރުކޮށްދެވޭނެ މާ ބޮޑު އެހީތެރިކަމެއް އެގައުމަކު ނެތެވެ."
ލިޔުންތެރިޔާ ފާހަގަކުރައްވާ ގޮތުގައި "ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ރަޝިޔާގެ އަސްކަރީ އަދި ޑިޕްލޮމެޓިކް ނުފޫޒު ވަނީ ކުޑަވެފައެވެ. އަދި ދުރު ރާސްތާތަކަށް އަވަސް ފިޔަވަޅު އަޅާ ފައުޖުތައް ފޮނުވުމުގެ ގާބިލުކަން ވެސް ވަނީ ދަށްވެފައެވެ."
އޭނާ ބަޔާންކުރައްވާ ގޮތުގައި މެދުތެރޭ އޭޝިއާގައި ރަޝިޔާގެ މަގާމު ޗައިނާ ދަނީ އަތުލަމުންނެވެ. އެއީ "ބެއިޖިންގެ މުއްސަނދިކަމާ ވާދަކުރުމުގެ ގާބިލުކަން މޮސްކޯއަށް ނެތްއިރު، ހުޅަނގުގެ ބާޒާރުތަކުން ލިބުނު ގެއްލުންތައް ފޫބެއްދުމަށް ވެސް ރަޝިޔާ ބޭނުންވަނީ ޗައިނާގެ އެހީތެރިކަމެވެ."
މި ލިޔުން ނިންމާލަމުން އޭނާ ވިދާޅުވީ "އިގްތިސާދީ ގޮތުން ބޮޑު ބާރެއްގެ ގޮތުގައި ޗައިނާ އާއި އެމެރިކާއާ އެއްވަރުގެ ދުނިޔޭގެ މަގާމަކަށް ވާސިލުވުމަށް ޕޫޓިން ދެކެމުން އައި ހުވަފެންތައް ދަނީ އޭނާގެ ވަށައިގެން ބިމާހަމަވަމުން" ކަމަށެވެ.
އިނގިރޭސިވިލާތުގެ "ދަ ޓައިމްސް" ނޫހުގައި ރޮޖާ ބޯއީސް ލިޔުއްވާފައިވާ "ތެހެރާންގެ ފެނުގެ ހަނގުރާމައަކީ ބިރުވެރި މިސާލެއް" މި ސުރުޚީގެ ދަށުން ޝާއިއުކޮށްފައިވާ ލިޔުމުގައި ލިޔުންތެރިޔާ ސިފަކުރައްވާ ގޮތުގައި އީރާން އޮތީ "ބަނގުރޫޓުވުމުގެ ތުންފަތްމަތީގައެވެ." އެއީ "އެގައުމުގެ ލަޝްކަރުތައް ވަރުބަލިވެފައިވުމާއި، އެމެރިކާ އާއި އިސްރާއީލުގެ ހަމަލާތަކަށް އެގައުމުގެ އަސްކަރީ މަރުކަޒުތައް ހުށަހެޅިފައިވުމުންނެވެ."
އަދި ސީދާ އަސްކަރީ ކުރިމަތިލުމަކަށް ދިއުމުގެ ބަދަލުގައި، އިގްތިސާދީ މަސްލަހަތުތަކަށް ހަމަލާދީ، އިންފްރާސްޓްރަކްޗާ އަމާޒުކޮށް، ސަރަހައްދުގައި ހަލަބޮލިކަން އުފެއްދުމަށް ނުރަސްމީ ހަނގުރާމައިގެ އުކުޅުތަކަށް ތެހެރާން ރުޖޫއަވެދާނެ ކަމުގެ އިންޒާރު އޭނާ ދެއްވައެވެ.
އޭނާ ވިދާޅުވަނީ "އީރާނާ ދެކޮޅަށް ހުޅަނގުން އުފައްދާފައިވާ އިއްތިހާދުގައި އޮތް އެންމެ ބަލިކަށި ބަޔަކީ ގަލްފްގެ ގައުމުތަކެވެ. އެގައުމުތަކަކީ މުއްސަނދި ނަމަވެސް ރައްކާތެރިކަން ކުޑަ، ބަލިކަށި ގައުމުތަކެކެވެ. އެހެންކަމުން، ތެހެރާން ބޭނުންވަނީ އެ ގައުމުތަކުގައި ހަނގުރާމައިގެ ހުޅުގަނޑު ރޯކޮށް، އަމާން ބަނދަރުތަކެއްގެ ގޮތުގައި އެގައުމުތަކަށް އޮތް އޮތުން ކިލަނބު ކޮށްލުމަށެވެ. އަދި ކަނޑުގެ ސަރަހައްދުތަކުގައި މައިން ވަޅުލައި، ކަނޑުގެ މަގުތައް ބަންދުކޮށް، ދުނިޔޭގެ އިގްތިސާދަށް ހުރަސްއެޅުމަށް ވެސް އެގައުމުން މަސައްކަތް ކުރެއެވެ."
ލިޔުންތެރިޔާ އިންޒާރު ދެއްވާ ގޮތުގައި "ގަލްފް ގައުމުތަކަށް ފޯރުކޮށްދޭ މީރުފެން އީރާނުން ކަނޑާލުމުގެ ފުރުސަތު އެބައޮތެވެ." މީގެ ސަބަބުން "ޔޫއޭއީ އާއި ގަލްފްގެ ރަސްކަންތައްތަކަކީ ނާކާމިޔާބު ދައުލަތްތަކަކަށް ހެދުމަށް ބޭނުންކުރާ ހަތިޔާރަކަށް ފެން ވެގެންދާނެއެވެ."
އޭނާ ބަޔާންކުރައްވާ ގޮތުގައި "ލޮނުފެން މީރުފެނަށް ހަދާ ޕްލާންޓްތަކަށް އަމާޒުކޮށް ހަމަލާދިނުމަކީ މުޅި ގަލްފް ސަރަހައްދުގައި ނުތަނަވަސްކަން އުފެދިދާނެ ކަމެކެވެ. އެ ސަރަހައްދުގެ ގައުމުތައް އަތިރިމަތީގައި އޮތުމުން، ޑްރޯން ހަމަލާތަކަށް އެތަންތަން ވަނީ ވަރަށް ބޮޑަށް ހުށަހެޅިފައެވެ."
މިދިޔަ ހަފުތާ ބަންދުގައި ބަހްރޭންގެ ފެން ޕްލާންޓަކަށް އީރާނުން ދިން ހަމަލާއާއި، ކުވައިތާއި ޔޫއޭއީގެ ލޮނުފެން މީރުފެންކުރާ ޕްލާންޓްތަކަށް ހަމަލާގެ ބައިތައް ވެއްޓިފައިވާކަން ލިޔުންތެރިޔާ ފާހަގަކުރެއެވެ. މިއީ "އީރާނާއި ގަލްފްގެ އަވަށްޓެރި ގައުމުތަކުގެ މެދުގައި ހަނގުރާމައިގެ އާ ސިފައެއް އުފެދެމުންދާ ކަމުގެ ހެއްކެކެވެ."
އޭނާ އިތުރަށް ބަޔާންކުރައްވާ ގޮތުގައި "ގަލްފް ގައުމުތަކުގެ މީރުފެނަށް އަމާޒުކޮށް އީރާނުން ރޭވުންތެރިކަމާއެކު ހަމަލާދިނުމަކީ 'ވޯޓާ ޓެރަރިޒަމް' ނުވަތަ ފެނުގެ ޓެރަރިޒަމެވެ. އަދި މިއީ ދުނިޔެއަށް ހަނަފަސްކަމާއި މޫސުމީ ބަދަލުތަކުގެ ނުރައްކާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ފެނިގެންދާ ބިރުވެރި މިސާލެކެވެ."
އޭނާ ފާހަގަކުރައްވާ ގޮތުގައި "އީރާނުގެ އާ ލީޑަރު ހުންނެވީ އެ ސަރަހައްދުގައި ފެނަކީ ހަނގުރާމައިގެ އަމަލީ ހަތިޔާރަކަށް ހެއްދެވުމަށް ތައްޔާރަށެވެ." ނަމަވެސް މނި ވާހަކަ އޭނާ ބިނާ ކުރީ ކޮން އަސްލަކަށ ްބައްލަވައިގެްނ ކަމެއް ވިދާޅުވެފައެއް ނުވެއެވެ.





