އީރާނާއެކު ކުރަމުންދާ ޓެރަރިސްޓް ހަނގުރާމަ ޓްރަމްޕްގެ ސަރުކާރުން މެނޭޖްކުރަމުންދާ ގޮތަށާއި، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން އެމެރިކާގެ ބޮޑެތި ނޫސްތަކުން ޝާއިއުކުރި ފާޑުކިޔުންތަކުން ފުރިގެންވާ ރިޕޯޓުތަކަށް ވައިޓް ހައުސްއިން ވަރުގަދަ ރައްދެއް ދީފިއެވެ. ވައިޓް ހައުސްއިން މީޑިއާއަށް ތުހުމަތުކޮށްފައިވަނީ އަސްކަރީ ކެމްޕޭނުގެ މަގްސަދުތަކާ ބެހޭގޮތުން "ދޮގު ވާހަކަތަކެއް" ފަތުރަމުންދާ ކަމަށެވެ.
ޓްރަމްޕްގެ ސޮލީބީ ހަނގުރާމައާ މެދު ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވިދާޅުވީ ހަނގުރާމައިގެ ލަނޑުދަނޑިތަކާ މެދު އޮޅުންބޮޅުންތަކެއް ނުވަތަ "އިދިކޮޅު މެސެޖުތަކެއް" ލިބެމުންދާ ކަމަށް ބުނެ ފަތުރާ ރިޕޯޓުތަކަކީ ކަނޑައެޅިގެން ދޮގު ރިޕޯޓުތަކެއް ކަމަށެވެ.
"ވައަތު ފިޔައިގެ މީޑިއާއިން ދަނީ ދޮގު ހަދައި، އޮޕަރޭޝަން ގެ މަގްސަދުތަކާ މެދު 'އިދިކޮޅު މެސެޖުތަކެއް' ދެމުންދާ ކަމަށް ބުނެ ދޮގު ވާހަކަތަކެއް ފަތުރަމުން،" ސޯޝަލް މީޑިއާގައި ލީވިޓް ލިޔުއްވާފައިވެއެވެ.
އޭނާ މިހެން ވިދާޅުވީ، ސަރުކާރުގެ ރޭވުންތަކާއި، އީރާނުން ދޭ ކާމިޔާބު ރައްދުތަކާ މެދު ސަރުކާރުން ކުރާ އަންދާޒާތަކާއި، އަދި ކުއްލި ހާލަތުގައި ތެލުގެ ބާޒާރަށް ނުފޫޒު ފޯރުވުމާ ގުޅޭގޮތުން ސިޔާސަތުތަކަށް އައި އަވަސް ބަދަލުތަކާ މެދު ސުވާލު އުފައްދައި ނިއު ޔޯކް ޓައިމްސް އާއި ވޯލް ސްޓްރީޓް ޖާނަލް އިން ފާޑުކިޔައި ރިޕޯޓުތަކެއް ޝާއިއުކުރުމާ ގުޅިގެންނެވެ.
ލީވިޓް ވިދާޅުވީ ކެމްޕޭން ފެށުނީއްސުރެ ސަރުކާރުން ދަނީ އަސްކަރީ ލަނޑުދަނޑިތައް ތަކުރާރުކޮށް ސާފުކޮށް ހާމަކުރަމުން ކަމަށެވެ.
"ފެށުނީއްސުރެ ރައީސް ޓްރަމްޕާއި އެމަނިކުފާނުގެ މުޅި ޓީމުން ދަނީ، މިހާރު ކުރިއަށްދާ ކާމިޔާބު އަސްކަރީ އޮޕަރޭޝަންތަކުގެ ޒަރީއާއިން އެމެރިކާގެ ސިފައިން ހާސިލްކުރަން ބޭނުންވާ ކަންކަމާ ބެހޭގޮތުން އެމެރިކާގެ ރައްޔިތުންނަށް ސާފު ލަނޑުދަނޑިތަކެއް ކަނޑައަޅައިދެމުން،" އޭނާ އިތުރުފުޅު ހައްދަވަމުން ވިދާޅުވިއެވެ.
"އަހަރެމެންގެ މަގްސަދުތައް ސާފު. ފުރަތަމަ ކަމަކީ، އީރާނުގެ މިސައިލް ގާބިލްކަން ނައްތާލުން… ދެވަނަ ކަމަކީ، އެމީހުންގެ ކަނޑުގެ ސިފައިން ފުނޑުފުނޑުކޮށްލުން… ތިންވަނަ ކަމަކީ، ދުނިޔޭގައި ޓެރަރިޒަމަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމަށް ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ނުލިބޭނެކަން ކަށަވަރުކުރުން… އަދި އެންމެ ފަހު ކަމަކީ، އީރާނުގެ ސަރުކާރަށް އެ ގައުމުގެ ބޯޑަރުން ބޭރުގައިވާ ޓެރަރިސްޓް ލަޝްކަރުތަކަށް ހަތިޔާރާއި ފައިސާ ދީ، އެމީހުން ކޮންޓްރޯލް ނުކުރެވޭނެ ގޮތް ހެދުން،" މާޗް 2 ވަނަ ދުވަހު ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް 12 ދުވަހުގެ ހަނގުރާމައިގައި އެމެރުިކާ ގިއްގެޅި ބޭނުންވާ މަގްސަދުތައް ހާސިލުވެފައިވާ ތަނެއް ނުފެނެއެވެ.
ދިފާއީ ދާއިރާގެ އިސް އޮފިޝަލުން ވެސް ވަނީ މިފަދަ އޮޕަރޭޝަނަލް ލަނޑުދަނޑިތަކެއް ސިފަކުރައްވައެވެ. "މި މިޝަންގެ އަމާޒު ހުރީ ވަރަށް ސީދާކޮށް: އީރާނުގެ މިސައިލްތަކާއި ޑްރޯންތަކާއި އެ ތަކެތި އުފައްދާ މަރުކަޒުތައް ނައްތާލުން، އެ ގައުމުގެ ކަނޑުގެ ސިފައިންނާއި ސަލާމަތީ މުހިންމު އިންފްރާސްޓްރަކްޗަރ ފުނޑުފުނޑުކޮށްލުން، އަދި ނިއުކްލިއާ ހަތިޔާރާ ހަމައަށް ދިއުމަށް އޮތް މަގު ބަންދުކުރުން،" މާޗް 4 ވަނަ ދުވަހު އެމެރިކާގެ ވޯ ސެކްރެޓަރީ ސޮލީބީ ހެގްސެތު ވިދާޅުވިއެވެ.
އެޑްމިރަލް ބްރެޑް ކޫޕާ ވެސް ވަނީ މި އަސްކަރީ ކެމްޕޭނަކީ އެމެރިކާއަށް އޮތް އީރާނުގެ ނުރައްކާ ކުޑަކުރުމަށް އަމާޒުކޮށްގެން ހިންގާ ބޮޑު އޮޕަރޭޝަނެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑު ނުފޫޒެއް ފޯރުވުމަށް ސަރުކާރުން ފުރަތަމަ ދެކޮޅު ހެދި ނަމަވެސް، މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެ ނިންމުން ބަދަލުކޮށް، ކުއްލި ހާލަތަށް ރައްކާކޮށްފައިވާ ތެލުގެ ރިޒާވުން މީގެ ކުރިން ދުވަހަކުވެސް ނުނެރޭ މިންވަރަށް ތެޔޮ ނެރުމަށް ބާރުއަޅައި، އެކަމަށް އެހީތެރިވުމަށް ގައުމުތަކުގެ ކިބައިން އެމެރިކާ އެދިފައިވާ ކަމީ ޓްރަމްޕްގެ ދެކޮޅު ނުޖެހޭ ދޯހަޅި ސިޔާސަތުގެ ނަތީޖާ ފެންނަ ކަމެކެވެ.
އެ ރިޕޯޓުގައިވާ ގޮތުން، މި ބަދަލަކީ ހަނގުރާމައިގެ ސަބަބުން ހަކަތަ ފޯރުކޮށްދިނުމަށް ބުރޫއަރާފާނެތީ ބާޒާރު ހަމަޖެއްސުމަށް އޮފިޝަލުން މަސައްކަތް ކުރަމުންދަނިކޮށް، ޓްރަމްޕްގެ ނިންމެވުމަށް އައި ބަދަލެކެވެ.
ނިއު ޔޯކް ޓައިމްސް އިން ވަކިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އަސްކަރީ ކެމްޕޭނަށް އީރާނުން ދީފާނެ ވަރުގަދަ ރައްދާއި، ޕާޝިއަން ގަލްފް މެދުވެރިކޮށް ދުނިޔެއަށް ހަކަތަ ފޯރުކޮށްދިނުމަށް އޮތް ނުރައްކާ ސަރުކާރުން އަންދާޒާކޮށްފައިވަނީ އޮންނަންޖެހޭ މިންވަރަށް ވުރެ ކުޑަކޮށެވެ.
މަސްރަހު ގޯސްވަމުން ދިޔަވަރަކަށް ތެލުގެ އަގު އުފުލި، މުދާ އުފުލުމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށާއި، މީގެ ސަބަބުން އިގްތިސާދަށް ކުރިމަތިވެދާނެ ލޮޅުމަކުން ސަލާމަތްވާނެ ގޮތްތައް ހޯދުމަށް އޮފިޝަލުންނަށް މަޖުބޫރުވީ ކަމަށް އެ ރިޕޯޓުގައިވެއެވެ.
ލީވިޓް ވަނީ ހަކަތައިގެ ހާލަތު ސަރުކާރުން މެނޭޖްކުރި ގޮތް ދިފާއުކުރައްވައި، ތެލުގެ ރިޒާވް ދޫކުރުމަށް ނިންމި ނިންމުމަކީ ޓްރަމްޕް ކުރިން ދެއްވާފައިވާ ބަޔާންތަކާ އެއްގޮތް ނިންމުމެއް ކަމަށް ވިދާޅުވެފައެވެ."ރައީސް ޓްރަމްޕް ކުރިންވެސް ވިދާޅުވެފައިވަނީ އެކަށީގެންވާ ވަގުތުގައި ސްޓްރެޓީޖިކް ޕެޓްރޯލިއަމް ރިޒާވްގެ ބޭނުން ޒިންމާދާރުކަމާއެކު ހިއްޕަވާނެ ކަމަށާއި، އެ ވަގުތަކީ މިއީ ކަމަށެވެ،" އޭނާ ވިދާޅުވިއެވެ.






