އެފްބީއައި ގެ ވެރިޔާ އިންޑިއާ ދަރިކޮޅުގެ ކޭޝް ޕަޓޭލްއާ އެކު ނަގާފައިވާ ފޮޓޯތަކެއް މީގެ ކުރިން ސޯޝަލް މީޑިއާގައި ހިއްސާކުރި، އޭނާގެ ދެ ރައްޓެހިން ކަމަށްވާ ޕެންސިލްވޭނިއާގެ އިންޑިއާއަށް ނިސްބަތްވާ ދެބޭން، މަކަރާއި ހީލަތުގެ ގިނަ މައްސަލަތަކެއްގައި ކުށްވެރިވެއްޖެއެވެ. ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި ބާސްކަރް ސަވާނީ އާއި އަރުން ސަވާނީ ވަނީ އެމެރިކާގެ ސިއްހީ ނިޒާމުން އެތައް މިލިއަން ޑޮލަރަކަށް ހިޔާނާތްތެރިވެ، ހިޖުރަވެރިންގެ ނާޖާއިޒު ފައިދާ ނަގާފައެވެ.
މި މައްސަލައިގައި ބާސްކަރް 420 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު، އަރުންގެ މައްޗަށް ވަނީ 415 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެހެންކަމުން މި ދެބޭންގެ މައްޗަށް ޖުމްލަ 835 އަހަރުގެ ޖަލު ހުކުމެއް ވަނީ އައިސްފައެވެ. ސަވާނީ ދެބޭންގެ އިތުރުން، މި މަކަރާއި ހީލަތުގެ މައްސަލައިގައި ބައިވެރިވި އެމީހުންގެ ބައިވެރިއެއް ކަމަށްވާ އެލެކްސެންޑްރާ އޯލާ ރަޑޮމިކް ވެސް ވަނީ ކުށްވެރިވެފައެވެ.
ސަވާނީ ދެބޭން މީގެ ކުރިން ގިނަ ބައެއްގެ ސަމާލުކަމަށް އައީ، ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ގެ ޑިރެކްޓަރުގެ މަގާމަށް ކޭޝް ޕަޓޭލް އައްޔަންކުރެއްވުމާ ގުޅިގެން އޭނާއާ އެކު ނަގާފައިވާ ފޮޓޯތަކެއް އާންމުކުރުމުންނެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ބުނި ގޮތުގައި، އުމުރުން 60 އަހަރުގެ ބާސްކަރް ސަވާނީ އާއި 58 އަހަރުގެ އަރުން ސަވާނީ، "ސަވާނީ ގްރޫޕް" ގެ ނަމުގައި ބޮޑު ޖިނާއީ ނެޓްވޯކެއް ހިންގިކަން ފެޑެރަލް ޖޫރީއަކަށް ވަނީ ސާބިތުވެފައެވެ. އެ އިދާރާއިން ބުނި ގޮތުގައި ބާސްކަރް އަކީ ތައުލީމީ ގޮތުން ދަތުގެ ޑޮކްޓަރު ކަމުގެ ފާސް ނަގާފައިވާ މީހެކެވެ.
މި ދެބޭން ވަނީ އެމެރިކާގެ ފެޑެރަލް ދެ ޕްރޮގްރާމެއް ކަމަށްވާ މެޑިކެއިޑް އަދި އެޗް-1ބީ ވިސާ ޕްރޮގްރާމަށް އަމާޒުކޮށްގެން މަކަރާއި ހީލަތުގެ އަމަލުތައް ހިންގާފައެވެ.
"ޑެއިލީ ވޮއިސް" ގެ ރިޕޯޓެއްގައިވާ ގޮތުން، ސަވާނީ ދެބޭންނާ އެކު މިކަމުގައި ބައިވެރިވި އިތުރު ބަޔަކު ވެސް ވަނީ ކުށްވެރިވެފައެވެ. އޭގެ ތެރޭގައި ނިރަންޖަން ސަވާނީ، އަމަން ދިލަން، ސުނިލް ފިލިޕް އަދި ސޫޒަން މަލްޕާޓިޑާ ހިމެނެއެވެ.
ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި، ސަވާނީ ދެބޭން ވަނީ ދިހަ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ކުންފުނިތަކާއި ދަތުގެ ފަރުވާދޭ ކްލިނިކްތަކުގެ ނެޓްވޯކެއް އުފައްދައި، ސިއްހީ ޚިދުމަތުގެ މަކަރާއި ހީލަތް، ވިސާގެ މަކަރާއި ހީލަތް، މަނީ ލޯންޑަރިން އަދި ޓެކްސްއަށް މަކަރު ހެދުމުގެ ތެރެއިން އެތައް މިލިއަން ޑޮލަރެއް ހޯދާފައެވެ. ސަވާނީ ގްރޫޕުން ވަނީ އެޗް-1ބީ ވިސާ ޕްރޮގްރާމް ބޭނުންކޮށްގެން ވިސާގެ މަކަރާއި ހީލަތުގެ އޮޕަރޭޝަނެއް ވެސް ހިންގާފައެވެ. ޕްރޮސެކިއުޓަރުން ބުނީ ބޭރު ގައުމުތަކުގެ މަސައްކަތްތެރިންނާއި އިންޑިއާ މީހުން އެމެރިކާއަށް ގެނައުމަށްޓަކައި މި ދެބޭން އޮޅުވާލައިގެން ވިސާ އެޕްލިކޭޝަންތައް ހުށަހަޅާފައިވާ ކަމަށެވެ. ވަޒީފާ ހަމަޖެހުމުން، މި މަސައްކަތްތެރިންގެ ތެރެއިން ގިނަ ބަޔަކަށް މަޖުބޫރުކޮށްފައިވަނީ އެމީހުންގެ މުސާރައިގެ ބައެއް އަދި އިތުރު ފީތަކެއް ރިޝްވަތުގެ ގޮތުގައި އެ ކުންފުންޏަށް އަނބުރާ ދިނުމަށެވެ.
މީގެ އިތުރުން، މަކަރާއި ހީލަތުން ހޯދާ ފައިސާ، ވަގު ކުންފުނިތަކާ ގުޅިފައިވާ ގިނަ އަދަދެއްގެ ބޭންކް އެކައުންޓްތަކެއް މެދުވެރިކޮށް ދައުރުކޮށް ފައެވެ. އެ ދެބޭންނާއި އެމީހުންގެ ވިޔަފާރިތަކަށް ފައިދާވާ ގޮތަށް ހިންގާފައިވާ އޮޅުންބޮޅުން ބޮޑު މަނީ ލޯންޑަރިން އޮޕަރޭޝަނެއް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ފަޅާއަރުވާލާފައެވެ.






