މޮޔަ މީހަކު ވެރިކަމުގައި ހުރުމުން މޮޔައިންނަށް އިނާމު ދިނުމުގެ ހަފްލާ ޔޫރަޕަށް ބަދަލުކޮށްފި

އާދަޔާ ހިލާފު ސައިންޓިފިކް ދިރާސާތަކުގެ އަގުވަޒަންކުރުމަށް ބާއްވާ މަލާމާތުގެ އެވޯޑެއް ކަމަށްވާ ދުނިޔޭގެ އެންމެ ބޯގަޅި މީހުންނަށް ދޭ "އިގް ނޯބެލް" އިނާމު ކޮންމެ އަހަރަކު އެމެރިކާގައި ބާއްވަމުން އައި މި ހަފުލާ ފުރަތަމަ ފަހަރަށް ޔޫރަޕަށް ބަދަލުކުރަން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ، އެމެރިކާގެ ވެރިކަމުގައި އިނާމު ހައްގުވާ ވަރުގެ ބޯގަޅި މީހަކު ހުރުމާއި އަދި މިއަހަރު އެވޯޑް ލިބޭ ފަރާތްތަކަށާއި ނޫސްވެރިންނަށް އެމެރިކާއަށް އެތެރެވުމަށް ބޭނުންވާ ވިސާ ނުލިބިދާނެކަމުގެ ބިރު ބޮޑުވުމާ ގުޅިގެންނެވެ.

"އިގް ނޯބެލް" އެވޯޑަކީ މަޖާ މަޖައްލާއެއް ކަމަށްވާ "އެނަލްސް އޮފް އިމްޕްރޮބަބަލް ރިސާޗް" ގެ އެޑިޓަރު މާކް އަބްރަހަމްސް 1991 ވަނަ އަހަރު އުފެއްދި އެވޯޑެކެވެ. މިއީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ނޯބެލް ޕްރައިޒަށް މަލާމާތްކޮށް އުފައްދާފައިވާ މޮޔައިންނަށް ދޭ އެވޯޑެކެވެ.

"މޮޔައިންގެ ނޯބެލް" ނުވަތަ "މޮޔަކަމުގެ ނޯބެލް" ގެ ނަމުން ވެސް މަޝްހޫރުވެފައިވާ މި އެވޯޑުގެ ރަސްމީ ޝިއާރަކީ، "ފުރަތަމަ މީހުން ހެއްވާލާ، އަދި އޭގެ ފަހުން އެކަމާ މެދު ވިސްނާލަން މަޖުބޫރުކުރުވާ" ކާމިޔާބީތަކުގެ އަގުވަޒަންކުރުމެވެ.

މި އެވޯޑް ހަފުލާ އިންތިޒާމުކުރަނީ "އެނަލްސް އޮފް އިމްޕްރޮބަބަލް ރިސާޗް" މަޖައްލާއިންނެވެ. މިއަހަރު ބާއްވާ 36 ވަނަ އެވޯޑް ހަފުލާ އޮންނާނީ ސްވިޒަލޭންޑްގެ ޒިއުރިކްގައެވެ.

އާންމުކޮށް މި ހަފުލާ އެމެރިކާގައި ބާއްވަނީ ސެޕްޓެމްބަރު މަހުގައެވެ. އެއީ އަސްލު ނޯބެލް އިނާމުތައް އިއުލާނުކުރުމުގެ ހަފުތާތަކެއް ކުރިންނެވެ.

މި ހަފުލާގެ ޑިރެކްޓަރު އަދި މަޖައްލާގެ އެޑިޓަރު މާކް އަބްރަހަމްސް އިންޓަވިއުއެއްގައި ބުނީ، "މޮޔައެއްގެ ވެރިކަމުގައި މެހެމާނުން އެމެރިކާއަށް ޒިޔާރަތްކުރުމަކީ ރައްކާތެރި ކަމެއް ނޫން" ކަމަށެވެ. އަދި "އާ އެވޯޑް ހާސިލްކުރާ ފަރާތްތަކާއި، މި ހަފުލާ ކަވަރުކުރާ ބައިނަލްއަގުވާމީ ނޫސްވެރިން މިއަހަރު އެމެރިކާއަށް ދަތުރުކުރުމަށް ބުނުމަކީ މޮޔައެއްގެ ވެރިކަމުގައި ގެންނަން އަހަރެމެންގެ އަމިއްލަ ނަފްސު ގަބޫލުކުރާ ކަމެއް ނޫން" ކަމަށް ވެސް އޭނާ ބުންޏެވެ.

މާކް އަބްރަހަމްސް ބަލަނީ ޓްރަމްޕަކީ ބޯ ހަމަނުޖެހޭ މީހެއް ކަމަށެވެ.

ވޭތުވެދިޔަ 35 އަހަރު ދުވަހު، އެވޯޑް ލިބޭ ފަރާތްތަކުން އެމެރިކާއަށް ދަތުރުކޮށް އެވޯޑާ ހަވާލުވަނީ ކަރުދާސް ބޯޓުތައް އުދުއްސުމުގެ ތެރޭގައި ބާއްވާ ހަފްލާއެއްގައެވެ.

މިދިޔަ އަހަރު އެވޯޑް ލިބުނު މީހުންގެ ތެރޭގައި، ހިމެނެނީ:

  • ގެރީގެ ގައިގައި ޒީބްރާގެ ކުރެހުން އެޅުމުން ގެރީގައި މެހި ޖެއްސުން ހުއްޓުވޭތޯ ބެލި ޖަޕާނުގެ ސައިންސްވެރިންގެ ޓީމަކާއި،
  • ހޯނު ކާން ބޭނުންވަނީ ކޮން ކަހަލަ ޕިއްޒާއެއްތޯ ދިރާސާކުރި އެފްރިކާ އަދި ޔޫރަޕްގެ ޓީމަކަށެވެ.

މީގެ އިތުރުން 10 ދާއިރާއަކުން އެވޯޑް ދޭނެއެވެ. އޭގެ ތެރޭގައި:

  • ރާބުއިމުން ބައެއް ފަހަރު ބޭރު ބަހަކުން ވާހަކަދެއްކުމުގެ ގާބިލްކަން އިތުރުވާކަން ހޯދި ޔޫރަޕްގެ ޓީމަކާއި،
  • އެތައް އަހަރެއް ވަންދެން ނިޔަފަތި ދިގުވާގޮތް ދިރާސާކުރި މީހަކު ހިމެނެއެވެ.

މިދިޔަ އަހަރު އެވޯޑް ލިބުނު 10 ފަރާތުގެ ތެރެއިން ހަތަރު ފަރާތަކުން ވަނީ ބޮސްޓަންގައި އޮތް ހަފުލާއަށް ދަތުރުނުކުރާން ނިންމާފައެވެ.

ކުރީ އަހަރުތަކުގައި މި ހަފުލާ ބާއްވާފައިވަނީ ހާވާޑް ޔުނިވާސިޓީ، އެމްއައިޓީ އަދި ބޮސްޓަން ޔުނިވާސިޓީގައެވެ.

އަބްރަހަމްސް ބުނި ގޮތުގައި މިއަހަރުގެ ހަފުލާ ބާއްވާނީ ސްވިސް ފެޑަރަލް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއި ޒިއުރިކް ޔުނިވާސިޓީއާ ގުޅިގެންނެވެ.

2017 ވަނަ އަހަރު މި އެވޯޑް ހާސިލްކުރި ޒިއުރިކް ޔުނިވާސިޓީގެ އެޕިޑެމިއޮލޮޖިސްޓް މިލޯ ޕޯހާން ވަނީ މި ހަފުލާއަށް މަރުހަބާ ކިޔާފައެވެ.

އަބްރަހަމްސް އިތުރަށް ބުނީ، ދެން ކޮންމެ ދެ އަހަރަކުން އެއް އަހަރު މި ހަފުލާ ޒިއުރިކްގައި ބާއްވާނެ ކަމަށާއި، ދެން ހުރި އަހަރުތަކުގައި ޔޫރަޕްގެ އެހެން ސިޓީތަކަށް މި ހަފުލާ ބަދަލުވާނެ ކަމަށެވެ. އަދި މިވަގުތު މޮޔަ މީހާ ވެރިކަން ކުރާ އެމރިކާއަށް މި ހަފުލާ އަލުން ބަދަލުކުރުމުގެ އެއްވެސް ރޭވުމެއް ނެތް ކަމަށް އޭނާ ބުންޏެވެ.

ހިއްސާ ކުރައްވާ!