ޖެނޮސައިޑަށް ފަހު އަމިއްލައަށް މަރުވާ ޔަހޫދީ ސިފައިން ގިނަކަމުން އިނާޔަތް ދޭން ނިންމައިފި

ޣައްޒާ ޖެނޮސައިޑް ހަނގުރާމައިގައާއި އެހެނިހެން ކުރިމަތިލުންތަކުގައި ބައިވެރިވުމަށްފަހު، ޚިދުމަތުން ވަކިވެ އަމިއްލައަށް މަރުވާ ސިފައިންނަށް "ޚިދުމަތަށްފަހު ދަންޖެހިގެން މަރުުވި މީހެއްގެ" ދަރަޖަ ދިނުމަށް އިސްރާއީލުގެ ސިފައިންނާއި ދިފާއީ ވުޒާރާއިން ނިންމައިފިއެވެ. މި ނިންމުމަކީ ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޖެނޮސައިޑް ހިންގުމަށްފަހު އަމިއްލައަށް މަރުވާ ސިފައިންގެ އަދަދު އިތުރުވަމުންދާތީ އެމީހުންގެ އާއިލާތަކަށް އެހީތެރިވުމުގެ ގޮތުން ނިންމި ނިންމުމެކެވެ.

އިސްރާއީލުގެ ނޫހެއް ކަމަށްވާ "ޔެދިއޮތް އަހްރޮނޮތް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ދަރަޖަ ދިނުމުން އެ ސިފައިންގެ އާއިލާތަކަށް ދިފާއީ ވުޒާރާގެ ފަރާތުން ދެ އަހަރު ދުވަހުގެ މުއްދަތަށް މަހުން މަހަށް ދޭ މާލީ އިނާޔަތެއް ލިބޭނެއެވެ. އަދި އަމިއްލައަށް މަރުވި ސަބަބާއި އަސްކަރީ ޚިދުމަތާ ގުޅުމެއް އޮތްކަން ސާބިތުވެއްޖެނަމަ، މި މުއްދަތު އިތުރުކުރުމާ މެދު ފަހުން ގޮތެއް ނިންމާނެ ކަމަށް ސިފައިން ބުނެފައިވެއެވެ.

މިކަމަށްޓަކައި އެކުލަވައިލި ޚާއްޞަ ކޮމިޓީއަކުން ދަނީ ޚިދުމަތުން ވަކިވި ފަހުން އަމިއްލައަށް ދަންޖެހިގެން މަރުވި ސިފައިންގެ އާއިލާތަކުން ހުށަހަޅާފައިވާ މައްސަލަތައް ދިރާސާކުރަމުންނެވެ. މީގެ ތެރޭގައި ހިމެނެނީ ހަނގުރާމައިގެ ދުވަސްވަރު ޚިދުމަތްކުރުމުގެ ސަބަބުން ކުރިމަތިވި ނަފްސާނީ މައްސަލަތަކާ ގުޅިގެން މަރުވި ކަމަށް ބެލެވޭ މީހުންނެވެ. މި ކޮމިޓީގައި ނަފްސާނީ ސިއްހަތުގެ މާހިރުންނާއި ގާނޫނީ ވަކީލުން އަދި ސިފައިންގެ އިސްވެރިން ހިމެނެއެވެ.

އަލަށް އެކުލަވައިލި އުސޫލުގެ ދަށުން، އަމިއްލައަށް މަރުވާ ސިފައިން ވަޅުލާނީ އާންމު ގަބުރުސްތާނުތަކުގައެވެ. ނަމަވެސް އެމީހުންގެ މަހާނަގަލުގައި އަސްކަރީ ނިޝާން ޖެހުމާއި، އަސްކަރީ އިއްޒަތުގައި ޖަނާޒާ ބޭއްވުމުގެ ފުރުސަތު ދިނުމަށް ވަނީ ލަފާދީފައެވެ. މީގެ އިތުރުން، މަރުވާތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމީހަކީ ހަނގުރާމައިގެ ދުވަސްވަރު ޚިދުމަތްކުރި މީހެއްތޯ ބަލައި ތަހުގީގު ފަށަން ޖެހޭނެއެވެ.

އިސްރާއީލުގެ ސިފައިންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2023 އޮކްޓޫބަރު މަހު ފެށި ޖެނޮސައިޑްގެ "އަޔަން ސީވޯޑްސް" ހަނގުރާމައިގެ ތެރޭގައި މިހާތަނަށް 15 އަށް ވުރެން ގިނަ ސިފައިން އަމިއްލައަށް މަރުވެފައިވެއެވެ. އަދި 2024 ވަނަ އަހަރުގެ މިހާތަނަށް 21 ސިފައިން އަމިއްލައަށް ދަންޖެހިގެން މަރުވެފައިވާއިރު، އޭގެ ތެރޭގައި ރިޒާވް ފޯސްގެ 12 މީހުން ހިމެނެއެވެ. 2023 ވަނަ އަހަރު މަރުވީ 17 ސިފައިންނެވެ.

އިސްރާއީލުގެ ކްނެސެޓް ރިސާޗް އެންޑް އިންފޮމޭޝަން ސެންޓަރުން އޮކްޓޫބަރު މަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، "އަމިއްލައަށް ދަންޖެހިގެން މަރުވާ ކޮންމެ ސިފައިންގެ މީހަކާ އަޅާބަލާއިރު، އިތުރު 7 މީހަކު އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވާ" ކަމަށެވެ. މިއީ ހަނގުރާމައިގެ ސަބަބުން ޔަހޫދީ ސިފައިންނަށް ކުރިމަތިވަމުންދާ ނަފްސާނީ ބޮޑު ކާރިސާއެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

ހިއްސާ ކުރައްވާ!