ޗައިނާގެ މަކާއޯގައި ދުވަސްވީ އަންހެނަކަށް ބިރުދެއްކި އިންސާނުންނާ އެއްގޮތަށް ހަރަކާތްކުރާ ރޮބޮޓެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ހާދިސާ ހިނގާފައިވަނީ މަކާއޯގެ މަގުމަތީގައެވެ. މި ހާދިސާގައި ބިރުގަތް 70 އަހަރުގެ އަންހެން މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ.
މަކާއޯ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އަންހެން މީހާ މަގުމަތީގައި ފޯނަށް ބަލަމުން ހިނގާފައި ދަނިކޮށް، އެއްޗެއް އޭނާގެ ފަހަތުން ވަރަށް ކައިރިން އަންނަކަން ފާހަގަކުރެވުނެވެ. ފަސް އެނބުރި ބަލާލިއިރު، 4 ފޫޓު 4 އިންޗި ހުރި ރޮބޮޓެއް އޭނާގެ ފަހަތުގައި ހުއްޓެވެ. "ކަލޭ ތިއުޅޭ ގޮތުން މަގޭ ހިތް ހުއްޓިދާނެ،" ކެންޓަނީޒް ބަހުން އެ އަންހެން މީހާ ރޮބޮޓާ ދިމާލަށް ހަޅޭއްލަވަމުން ބުންޏެވެ.
މި ހާދިސާގެ ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި، އަންހެން މީހާ އެއްޗެހި ކިޔަމުން ދިޔައިރު ރޮބޮޓް ދިޔައީ އޭގެ ދެ އަތް މައްޗަށް އުފުލައި އަންހެން މީހާ މަޑުކުރުވުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން ދެ ފުލުހަކު އައިސް މަގުމަތިން އެ ރޮބޮޓް ނަގައިގެން ގެންދާ މަންޒަރު ވީޑިއޯއިން ފެނެއެވެ. ނަމަވެސް، ރޮބޮޓާއި އަންހެން މީހާއާ ދެމެދު އެއްވެސް ކަހަލަ ޖިސްމާނީ ބައްދަލުވުމެއް ނުވަތަ ކުރިމަތިލުމެއް ހިނގާފައެއް ނުވެއެވެ.

މި ރޮބޮޓަކީ މަކާއޯގެ އެޑިއުކޭޝަން ސެންޓަރަކަށް ނިސްބަތްވާ އެއްޗެއް ކަމަށާއި، އެ ސަރަހައްދުގައި އެ ރޮބޮޓް ބޭނުންކުރަމުން ދިޔައީ އިޝްތިހާރު ކުރުމުގެ ހަރަކާތްތަކަށް ކަމަށް މީޑިއާއިން ބުނެއެވެ. މި ރޮބޮޓް ރިމޯޓުން ކޮންޓްރޯލް ކުރަމުން ދިޔައީ 50 އަހަރުގެ ފިރިހެނެކެވެ. ފުލުހުންނަށް ބުނި ގޮތުގައި އޭނާ ރޮބޮޓް ދުއްވަމުން ދިޔައީ އެ ސޮރު ތަރުބިއްޔަތު ކުރުމަށް ޓެސްޓު ކުރުމުގެ ގޮތުންނެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެ ފިރިހެން މީހާއަށް ނަސޭހަތްތެރިވެ، މަގުމަތިން ހިނގާބިނގާވެ އުޅޭ މީހުންނަށް ނުރައްކާވާ ފަދަ ނުވަތަ ބިރުގަންނަ ފަދަ ކަންކަމަށް ސަމާލުވުމަށް ނަސޭހަތް ދީފައެވެ.





