ޕީއޯއެސް މެޝިން މަޖުބޫރުކުރާތީ ވިޔަފާރިވެރިން އިންޒާރު ދީފި

ޕާކިސްތާންގައި ވިޔަފާރިތަކުގައި ޕީއޯއެސް މެޝިން ބޭނުން ކުރުމަށް މަޖުބުރު ކުރުމުން ޕާކިސްތާން ވިޔަފާރި ވެރިން ފިހާރަތައް ބަންދުކޮށް ހަޅުތާލު ކުރާނެ ކަމުގެ އިންޒާރު ދީފިއެވެ. ޕާކިސްތާނަކީ މި ސަރަހައްދުގައި އެންމެ މަދުން ޓެކްސް ނެގޭ ގައުމެވެ. މީހުން ޓެކްސްއަށް މަކަރު ހަދާތީ ސަރުކާރުން ވަނީ ޕީއޯއެސް މެޝިން ބެހެއްޓުމަށް އަންގާފައެވެ.

ވިޔަފާރި މުއާމަލާތްތައް ރެކޯޑުކުރުމަށް ބޭނުންކުރާ ޕީއޯއެސް ބެހެއްޓުމަށް މަޖުބޫރު ކުރުމާ ގުޅިގެން، ޕާކިސްތާނުގެ ވިޔަފާރިވެރިން ވަނީ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހު މުޅި ގައުމުގައި ހަޅުތާލު ކުރާނެ ކަމަށް ބުނެފައެވެ. އަދި ވިޔަފާރިތައް ބަންދުކުރާނެ ކަމުގެ އިންޒާރު ދީފިއެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި 'އޯލް ޕާކިސްތާން އަންޖުމަނޭ ތާޖިރާން' އާއި 'ޓްރޭޑާސް އެކްޝަން ކޮމިޓީ' ގުޅިގެން ބޭއްވި ބޮޑު މުޒާހަރާއެއްގައި ވިޔަފާރިވެރިން ވަނީ ސަރުކާރުގެ މި ނިންމުމާ ދެކޮޅަށް އަޑުއުފުލާފައެވެ. މި މުޒާހަރާގެ ބައިވެރިން ކުރިއަށް ދަނިކޮށް، ސެރީނާ ހޮޓަލާ ހިސާބުން ފުލުހުން ވަނީ އެމީހުން ހުއްޓުވާފައެވެ. އެއާއެކު، މުޒާހަރާގެ ބައިވެރިން ވަނީ އެ ސަރަހައްދުގައި އިށީނދެ ތިބެ އިހުތިޖާޖުކޮށްފައެވެ.

ވިޔަފާރިވެރިންގެ ލީޑަރުން ބުނަމުންދަނީ ޕީއޯއެސް މެޝިން ބޭނުންކުރުން މަޖުބޫރު ކުރުމަކީ ކުދި ވިޔަފާރިތަކަށް އުފުލަންޖެހޭ ބޮޑު މާލީ ތަކުލީފެއް ކަމަށެވެ. އަދި މީގެ ސަބަބުން ޓެކްސް އިދާރާ ނުވަތަ ފެޑަރަލް ބޯޑް އޮފް ރެވެނިއު (އެފްބީއާރު) ގެ އޮފިޝަލުންގެ ފަރާތުން ވިޔަފާރިވެރިންނަށް ކުރިމަތިވާ ފުރައްސާރަތަކާއި ނުފޫޒުތައް އިތުރުވެގެންދާނެ ކަމަށް އެފަރާތްތަކުން ތުހުމަތު ކުރެއެވެ.

މުޒާހަރާގެ ބައިވެރިން ވަނީ އެފްބީއާރުގެ ތެރޭގައި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ހުރިކަމަށް ބުނެ ފާޑުކިޔާފައެވެ. އެގޮތުން، ބޮޑެތި ކޮރަޕްޝަނާއި، ރިޝްވަތު ހިފުމާއި، އޮފިޝަލުން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ކަސްޓަމްސްގެ މަސައްކަތްތަކުގައި ހުރި ގަވާއިދާ ޚލާފު ކަންކަމަށް ސަރުކާރުން އަޅާނުލާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ. އެފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ސަރުކާރުން އަމާޒު ހިފާފައިވަނީ ހަމައެކަނި ކުދި ފިހާރަތަކަށެވެ.

ވިޔަފާރިވެރިން ވަނީ، މަޖުބޫރުން ޕީއޯއެސް މެޝިން ބަހައްޓަން އުޅޭނަމަ ނުވަތަ އެކަމާ ގުޅިގެން ފިހާރަތައް ބަންދުކުރަން އުޅޭނަމަ، ގައުމުގެ މައި މަގުތައް ބަންދުކޮށް އިހުތިޖާޖުތައް އިތުރަށް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މިކަމުގެ ތެރެއަށް ވެދެވަޑައިގެން، ޓެކްސް އިދާރާތަކުން ވިޔަފާރިވެރިންނާ މެދު އަމަލުކުރަމުންދާ ހަރުކަށި އުސޫލުތައް ހުއްޓުވުމަށް އެފަރާތްތަކުން ވަނީ ގޮވާލާފައެވެ.

ހިއްސާ ކުރައްވާ!