އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ކަމަށްވާ ޚަރްގް ޖަޒީރާގައި ހުރި އަސްކަރީ މަރުކަޒުތަކަށް އެމެރިކާގެ ޓެރަރިސްޓް ސިފައިން ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް އިންޒާރު ދެއްވި ގޮތުގައި، އީރާނުން ހުރުމުޒް ކަނޑުއޮޅި ބަންދުކުރަން މަސައްކަތް ކުރާނަމަ، އެ ރަށުގައި ހުރި ތެލުގެ މުހިންމު ވަސީލަތްތަކަށް ދެން ހަމަލާ ދޭނެއެވެ.
އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާނުން ވަނީ ހޮނިހިރު ދުވަހު ވަރުގަދަ ރައްދެއް ދީފައެވެ. އީރާނުން ބުނެފައިވަނީ ޚަރްގް ޖަޒީރާގައި ހުރި ތެލުގެ އޮނިގަނޑުތަކަށް ހަމަލާދީފިނަމަ، އެމެރިކާއާ ގުޅުންހުރި ތެލުގެ ވަސީލަތްތައް "އަނދާ އަޅިއަށް ހަދާލާނެ" ކަމަށެވެ. ތިންވަނަ ހަފްތާއަކަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު މިހާރު ވަނީ 40 އިންސައްތައަށް ވުރެ ބޮޑަށް އުފުލިފައެވެ.

ގަލްފްގެ އަރަބި ގައުމުތަކުގެ އިންޖީނުގެ ތަކާއި އެމީހުންގެ ފެން އުފައްދާ ޕްލާންޓްތަކަށް އީރާނުން ހަމަލަ ދިނުން ހުއްދަ ކުރުމަށް ޓްރަމްޕް މަސައްކަތް ކުރަނީ ކަމަށް ބެލެވެއެވެ.
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާގެ ފައުޖުތަކުން ވަނީ ޚަރްގް ޖަޒީރާގައި ހުރި ހުރިހާ އަސްކަރީ އަމާޒުތަކެއް "މުޅިން ސުންނާފަތި" ކޮށްލާފައެވެ. މިއީ މެދުއިރުމަތީގެ ތާރީޚުގައި ދެވުނު އެންމެ ވަރުގަދަ ބޮމުގެ ހަމަލާތަކުގެ ތެރޭގައި ހިމެނޭ ހަމަލާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި ނަމަވެސް، އެކަމުގެ އެއްވެސް ހެއްކެއް ދައްކަވާފައެއް ނުވެއެވެ. ޓްރަމްޕަކީ ގިނަ ފަހަރަށް ޕްރޮޕެގެންޑާ ކޮށް ގޮދު ވާހަކަ ފަތުރާ މީހެކެވެ.
ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ހަމަލާތަކުގެ ތެރޭގައި ޚަރްގް ޖަޒީރާއިން 15 އަށް ވުރެ ގިނަ ގޮވުމުގެ އަޑު އިވިފައިވެއެވެ. މި ހަމަލާތައް އަމާޒުވެފައިވަނީ ވައިގެ ދިފާއީ ނިޒާމުތަކަށާއި، ކަނޑުގެ ސިފައިންގެ މަރުކަޒަކަށާއި، އެއާޕޯޓުގެ ވަސީލަތްތަކަށް ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ތެޔޮ އުފައްދާ ވަސީލަތްތަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އީރާނުން ބުނެއެވެ.
މި ހަމަލާތަކާ ގުޅިގެން ރައީސް ޓްރަމްޕް ވިދާޅުވީ، އީރާނުގެ ތެލުގެ ވަސީލަތްތައް މިވަގުތަށް ސުންނާފަތި ނުކުރުމަށް ނިންމެވީ ކަމަށެވެ. "ނަމަވެސް، އީރާނުން ނުވަތަ އެހެން ފަރާތަކުން ވިޔަސް ހުރުމުޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރުމަށް ހުރަސްއަޅައިފިނަމަ، ވަގުތުން މި ނިންމުން ބަދަލުކުރާނަން،" ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން އެމެރިކާއިން ދަނީ މެދުއިރުމައްޗަށް އިތުރު ސިފައިން ފޮނުވަމުންނެވެ. އޭޕީ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2,500 މެރިން ސިފައިންނާއި ޔޫއެސްއެސް ޓްރިޕޮލީ ނަމަކަށް ކިޔާ ކަނޑުން އެއްގަމަށް އަރައިގަންނަ އެމްފިބިއަސް އެސޯލްޓް މަނަވަރެއް އެ ސަރަހައްދަށް ފޮނުވުމަށް މިހާރު ވަނީ އަމުރުކޮށްފައެވެ. ޚަރްގް ޖަޒީރާކީ އީރާނުގެ ތެލުގެ 90 އިންސައްތަ އެކްސްޕޯޓް ކުރާ މައި ބަނދަރެވެ.






