އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އެ ގައުމުގެ ބޯޑަރުތައް އަލުން ހުޅުވާލުމަށް ވިސްނަވަމުންދާ ދަނޑިވަޅެއްގައި، ޗައިނާއިން އެ ގައުމުގެ މައްޗަށް އޮތް ނުފޫޒު އަލުން ވަރުގަދަކުރަން ފަށައިފިއެވެ. ވިޔަފާރި ފުޅާކުރުމާއި، ބޯޑަރު ސަރަހައްދުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާއި، މަތީ ފަންތީގެ ޑިޕްލޮމެޓިކް ގުޅުންތަކުގެ އެހީގައި ޗައިނާއިން މި މަސައްކަތް ކުރަމުންދަނީ ކިމްއާ އެކު މަޝްވަރާތައް ބޭއްވުމަށް ޓްރަމްޕް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި ޗައިނާ އާއި އުތުރު ކޮރެއާ ގުޅޭ 1،350 ކިލޯމީޓަރުގެ ބޯޑަރު ސަރަހައްދުގައި އާ މަގުތަކާއި، ބަނދަރުތަކާއި، ކަސްޓަމްސް އިންފްރާސްޓްރަކްޗާ ދަނީ ބިނާކުރަމުންނެވެ. މީގެ ތެރޭގައި މިހާތަނަށް ބޭނުންކުރަން ނުފަށާ އޮތް "ނިއު ޔާލޫ ރިވަާ ބްރިޖް" ގައި އާ މަގުމަތީ ނިޝާންތައް ޖެހުމާއި، ކުއަންހޭ، ނަންޕިންގް އަދި ސަންހޭ ފަދަ ބޯޑަރު ސްޓޭޝަންތަކުގައި އާ އިމާރާތްތައް ބިނާކުރުން ހިމެނެއެވެ. މީގެ އިތުރުން، ހަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ބެއިޖިންގް، ޑަންޑޮންގް އަދި ޕިޔޮންގްޔަންގް ދެމެދު ދަތުރުކުރާ ފަސިންޖަރު ރޭލުގެ ހިދުމަތް މި ހަފުތާގައި ވަނީ އަލުން ފަށާފައެވެ.

ވޭތުވެދިޔަ އަހަރު ޗައިނާއިން އުތުރު ކޮރެއާއަށް ކުރި އެކްސްޕޯޓް 25 އިންސައްތަ އިތުރުވެ، 2.3 ބިލިއަން ޑޮލަރަށް ވަނީ އަރާފައެވެ. މިއީ ފާއިތުވި ހަ އަހަރުގެ ތެރޭގައި މި އަދަދު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. ޗައިނާއިން މިހާރު އުތުރު ކޮރެއާއިން އެންމެ ގިނައިން އެތެރެކުރަނީ އަތްތެރި މަސައްކަތުގެ އުފެއްދުންތައް ކަމަށްވާ އިސްތަށިގަނޑާއި އެސްފިޔަ ފަދަ ތަކެއްޗެވެ. ހަމައެއާއެކު، މިސައިލް އުފެއްދުމަށް ބޭނުންވާ މުހިންމު މައުދަންތައް ކަމަށްވާ މޮލިބްޑީނަމް އަދި ޓަންގްސްޓަން ވެސް ރެކޯޑް މިންވަރަކަށް ވަނީ އެތެރެކޮށްފައެވެ.
އުތުރު ކޮރެއާއިން މިހާރު ދަނީ ބައިނަލްއަގުވާމީ މައިދާނުގައި ޗައިނާގެ ސިޔާސަތުތަކަށް ފާޅުގައި ތާއީދުކުރަމުންނެވެ. އެގޮތުން ޓައިވާނާ ގުޅޭގޮތުން ޗައިނާގެ ސްޓޭންޑަށް ޕިޔޮންގްޔަންގް އިން ވަނީ ތާއީދުކޮށްފައެވެ. އަނެއްކޮޅުން، ޗައިނާއިން އެ ގައުމުގެ ރަސްމީ ހަތިޔާރު ކޮންޓްރޯލްކުރުމާ ބެހޭ ވައިޓް ޕޭޕަރުން، އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު ނައްތާލުމަށް ކުރިން ގޮވާލަމުން އައި ގޮވާލުން ވަނީ އުނިކޮށްފައެވެ. މިއީ ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގޮސްފައިވާ ކަމުގެ މުހިންމު ނިޝާނެއް ކަމަށް މުހައްލިލުން ދެކެއެވެ.
ކިމް ޖޮންގް އުން ވިދާޅުވެފައިވަނީ އެ ގައުމުގެ ނިއުކްލިއާ ގާބިލްކަން އިތުރަށް ފުޅާކުރައްވާނެ ކަމަށާއި، އެމެރިކާއާ އެކު ގުޅުން ރަނގަޅުވުން ބިނާވެފައި އޮތީ އެމެރިކާގެ ސިޔާސަތުތަކަށް އަންނަ ބަދަލުތަކެއްގެ މައްޗަށް ކަމަށެވެ. ޗައިނާއިން އުތުރު ކޮރެއާއާ ގުޅުން ބަދަހިކުރަމުން މިދަނީ، ރައީސް ޓްރަމްޕް ޗައިނާއަށް ކުރައްވަން އުޅޭ ދަތުރުފުޅުގެ ކުރިން، އެމެރިކާ އާއި އުތުރު ކޮރެއާގެ ދެމެދުގައި ހިނގާފާނެ އެއްވެސް ޑިޕްލޮމެޓިކް މުއާމަލާތެއްގެ މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ބާރު ހޯދުމުގެ ގޮތުން ކަމަށް ބެލެވެއެވެ.






