އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމަ ފެށުނުތާ އެންމެ 14 ދުވަސް ފަހުން، ހައިރާންކުރުވަނިި ހަގީގަތްތަކެއް ހާމަވާން ފަށައިފިއެވެ. ތެހެރާން ކުރުނީސްކޮށްލަން އަވަސް އަސްކަރީ އޮޕަރޭޝަނަކަށް ވާނެ ކަމަށް ބެލެވުނު ކަންތައް، މަޑުމަޑުން ބަދަލުވަމުން މިދަނީ ޓްރަމްޕްގެ ސަރުކާރަށް ކުރިމަތިވި ސްޓްރެޓެޖިކް ބިރުވެރި ހުވަފެނަކަށެވެ. ވޭތުވެދިޔަ ގަޑިއިރުތަކުގެ ތެރޭގައި ހިނގާފައިވާ ކަންކަމުން އެނގެނީ، ހަނގުރާމަ މުޅިން ތަފާތު މަރުހަލާއަކަށް ވަދެފައިވާ ކަމެވެ.
މި ހާލަތު ތަހުލީލުކޮށްލަމާ ހިނގާށެވެ.
🟥 ފުރަތަމަ: ހީނުކުރާ ފަދަ އަސްކަރީ ގެއްލުންތައް
އެމެރިކާގެ ސިފައިންނަށް ކަންބޮޑުވާންޖެހޭ ފަދަ ކަންތައްތަކެއް ވަނީ ފެންމަތިވެފައެވެ:
• އިރާގުގައި އެމެރިކާގެ ވައިގެ ސިފައިންގެ ތެޔޮ އަޅާ ބޯޓެއް ވެއްޓި، އޭގައި ތިބި ފަޅުވެރިންގެ 6 މީހުން މަރުވުން.
• ސައުދީ އަރަބިއްޔާގައި ތިބި އެމެރިކާގެ ޒަހަމްވި 19 ސިފައިން، ބޭސްފަރުވާއަށް ޖަރުމަނުގައި ހުންނަ އަސްކަރީ މަރުކަޒަކަށް ގެންދިއުން.

މިއީ އަސްކަރީ ގޮތުން ބަލާއިރު ވަރަށް ބޮޑެތި އަދަދުތަކެއް ނޫނެވެ. ނަމަވެސް މިއީ ވޮޝިންޓަނުން އުންމީދުކުރި ފަދަ ފަސޭހަ ހަނގުރާމައަކަށް މިކަން ނުވާނެކަމަށް ކުރިއާލާ ފެންނަން އޮތް ނިޝާނެކެވެ.
🟥 ދެވަނަ: އެމެރިކާގެ ކަނޑުގެ ސިފައިންނަށް ލިބުނު ނަފްސާނީ ބޮޑު ހަމަލާއެއް
އެމެރިކާއަށް އެންމެ ހިތްދަތި ކަމަކީ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު: އަބްރަހަމް ލިންކަން މަނަވަރަށް މިސައިލާއި ޑްރޯން ހަމަލާތަކުގެ ސަބަބުން ގެއްލުންތަކެއް ލިބިފައި ވުމެވެ.
- މި މަނަވަރަށް ލިބުނު ގެއްލުމަކީ ބޮޑު ގެއްލުމެއް ކަމުގައި ވިޔަސް ނުވަތަ ކުޑަ ގެއްލުމެއް ކަމުގައި ވިޔަސް…
💥 އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރަކަށް ހަމަލާއެއް އެރިކަމަށް އަސްކަރީ ދާއިރާގައި ވާހަކަ ދެކެވުމަކީވެސް ނުރައްކާތެރި މެސެޖެކެވެ.
އެމެރިކާގެ ކަނޑުގެ ބާރުވެރިކަމަކީ ކުރިން އޮތް ފަދަ ބަލިނުކުރެވޭނެ ބާރެއް ނޫންކަން މިއިން ހާމަވެގެން ދެއެވެ.

🟥 ތިންވަނަ: ޖާސޫސީ ހައިރާންކަން
މި ހުރިހާ ކަމެއްގެ ތެރެއިން އެމެރިކާގެ ޖާސޫސީ އިދާރާތަކުން ނެރުނު ރިޕޯޓަކީ ސިހުން ގެނުވި ރިޕޯޓެކެވެ.
އެ ރިޕޯޓު ގައި ބުނަނީ އީރާނުގެ ސަރުކާރު ވެއްޓިދާނެ ކަމުގެ އެއްވެސް ނިޝާނެއް ފެންނާން ނެތް ކަމަށެވެ.
އިޒްރޭލު ވެރިން ހޮރު ހޮރަށް ވަދެ ފިލައި ތިބި އިރު އީރާންގެ ރައިސާއި ޚާރިޖީ ވަޒީރާއި ގައުމީ ސަލާމަތާ ބެހޭ މުޝީރު ދަނީ ތެހެރާންގެ މަގުމަތީގައި ފައި މަގުގައި އާންމުންގެ ތެރޭގައި ހިންގަވާފައެވެ. އަދި ސައިކަލު ބުރުޖެހުމުގައި ބައިވެރިވެ ވަޑައިގެންފައެވެ.

މީގެ މާނައަކީ ހަނގުރާމައިގެ އެންމެ މުހިންމު އެއް މަގްސަދު ކަމުގައިވާ އީރާންގެ އެތެރޭގައި ވެރިކަމުގެ ހާލަތަށް ބަދަލެއް ގެނައުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމެވެ.
ރިޕޯޓްތައް ބުނާ ގޮތުން ވޮޝިންޓަނުން އުންމީދުކުރި ވަރަށް ވުރެ ބޮޑަށް އީރާނުގެ ސަރުކާރު އޮތީ ބަދަހިކޮށެވެ. އާންމުންގެ ސަޕޯޓު ހޯދާފައެވެ.
🟥 ހަތަރުވަނަ: ހަނގުރާމަ ދުނިޔޭގެ އިގްތިސާދީ ކުރިމަތިލުމަކަށް ބަދަލުވުން:
މި ހަނގުރާމައިން އައި އެންމެ ނުރައްކާތެރި ބަދަލަކީ އަސްކަރީ ބަދަލެއް ނޫނެވެ. އެއީ އިގްތިސާދީ ބަދަލެކެވެ.
ހުރުމުޒް ކަނޑުއޮޅި ކައިރީގައި ނުތަނަވަސްކަން ދަނީ އިތުރު ވަމުންނެވެ.
ތެލުގެ އަގު އަނެއްކާވެސް ފީފާއަކަށް 100 ޑޮލަރަށް އުފުލިއްޖެއެވެ.
މި ހިސާބުން ތިންވަނަ ފަރާތެއް މަންޒަރަށް ވަދެއެވެ. އެއީ ޕޫޓިން އެވެ.
ތެލުގެ އަގު އުފުލުމުގެ މާނައަކީ ސާދާކޮށް ބުނާނަމަ:
ރަޝިޔާގެ ހަޒާނާއަށް ދުވާލަކު އިތުރު އެތައް މިލިއަން ޑޮލަރެއް ވަނުމެވެ.
އެހެން ގޮތަކަށް ބުނާނަމަ… ވޮޝިންޓަނުން އެމީހުންގެ ދުޝްމަނުންނަށް ފިއްތުންތައް ކުރިމަތިކުރަން ފެށި ހަނގުރާމައިގެ ސަބަބުން، އެމީހުންގެ ޖިއޯޕޮލިޓިކަލް ދުޝްމަނުންގެ ޖީބުތަކަށް ފައިސާ ވަންނަން ފެށީއެވެ.
🟥 ފަސްވަނަ: ޓްރަމްޕަށް ކުރިމަތިވެފައިވާ ހަގީގީ ދަތި ހާލަތު:
މިއަދު ޓްރަމްޕްގެ ސަރުކާރަށް ކުރިމަތިވެފައިވަނީ އޮޅުންބޮޅުން ބޮޑު ސްޓްރެޓެޖިކް މައްސަލައެކެވެ.
ފުރަތަމަ ހައްލު: އެމެރިކާ ސިފައިން ފަހަތަށް ޖެހުން
މިވަގުތު ފަހަތަށް ޖެހުމުގެ މާނައަކީ:
• އެމެރިކާގެ ބާރުވެރިކަމުގެ ހައިބަތަށް ލިބޭ ވަރުގަދަ ހަމަލާއެކެވެ.
• މާނައަކީ، ގަލްފް ސަރަހައްދުގައި އީރާނުގެ ނުފޫޒު ގަދަވުމެވެ.
• ޗައިނާއާއި ރަޝިޔާއަށް އެމެރިކާގެ ނިކަމެތިކަން ހާމަވުމެވެ.
ދެވަނަ ހައްލު: އެމެރިކާއިން ހަމަލާތައް ވަރުގަދަކުރުން:
ނަމަވެސް ހަމަލާތައް ވަރުގަދަކުރުމުން ކުރިމަތިވެދާނެ ކަންކަމަކީ:
• ސަރަހައްދީ ބޮޑު ހަނގުރާމައެއް ނުވަތަ ދުނިޔޭގެ ހަނގުރާމައަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ވުމެވެ.
• ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އިންތިހާއަށް އުފުލުމެވެ.
• އިރާގާއި އަފްޣާނިސްތާނު ފަދައިން ދިގުލައިގެންދާ އަސްކަރީ ހަނގުރާމައެއްގެ ތެރެއަށް އެމެރިކާ މަހާލުމެވެ.
މީގެ މާނައަކީ ވޮޝިންޓަން މިއަދު ތާށިވެފައިވަނީ ދެ ހައްލެއްގެ ދެމެދުގައެވެ. މީގެ ތެރެއިން ކޮންމެ ގޮތެއް އިހުތިޔާރު ކުރިޔަސް އެމރިކާއަށް ލިބޭނެ ގެއްލުން ބޮޑެވެ.
🚨 ނަމަވެސް، ބައެއް އަސްކަރީ ދާއިރާތަކުގައި މިހާރު މަޝްވަރާ ކުރެވެން ފަށާފައިވާ އެންމެ ނުރައްކާތެރި ސިނާރިއޯއަކީ، އީރާންގެ ވަކިވަކި ތަންތަަނަށް އަމާޒުކޮށްގެން އީރާނުގެ އަޒުމު ގުޑުވާލުމަށް ކުޑަވަރެއްގެ ނިއުކްލިއާ ހަމަލައެއް ދިނުމެވެ.
މި ހިޔާލަކީ އީރާނުގެ އެތެރޭގައި ހުރި ވަރުގަދައަށް ރައްކާތެރިކޮށްފައިވާ އަސްކަރީ އަމާޒަކަށް، ބާރު ކުޑަ ނިއުކްލިއާ ހަތިޔާރެއް ބޭނުންކޮށްގެން ހަމަލާދިނުމުގެ ވާހަކައެވެ.
މި ކަމަށް ބާރުއަޅާ މީހުން ބުނަނީ މިއިން އީރާނަށް ސްޓްރެޓެޖިކް ސިހުމެއް ގެނުވާނެ ކަމަށެވެ. އަދި އީރާން ފަހަތަށް ޖެހުމަށް މަޖުބޫރު ކުރުވާނެ ކަމަށެވެ. ނަމަވެސް މި އިޚްތިޔާރަކީ އިންތިހާއަށް ބޮޑެތި ނުރައްކާތަކެއް އެކުލެވިގެންވާ ކަމެއް ކަމަށްވެސް ބުނެއެވެ. މާނައަކީ:
• ހީރޯޝީމާ އަދި ނަގަސާކީއަށް ބޮމުގެ ހަމަލާ ދިން ފަހުން ފުރަތަމަ ފަހަރަށް ނިއުކްލިއާ މަނާކުރާ ބައިނަލްއަގްވާމީ ނިންމުންތައް މުގުރާލުން.
• އެހެން ވެއްޖެނަމަ، ބަދަލުގައި އީރާނުން ތެޔޮ ދަތުރުކުރާ މަގުތަކަށް އަމާޒުކޮށްގެން ހީނުކުރާ ފަދަ ވަރުގަދަ ރައްދެއް ދިނުމުގެ ފުރުސަތު އޮވެދާނެ ކަމަށްވެސް ބުނެއެވެ.
• އަދި މިކަމުގެ ސަބަބުން މެދުއިރުމަތީގައި ނިއުކްލިއާ ހަތިޔާރުގެ ވާދަވެރިކަމަށް މަގުފަހި ވެގެން ހިނގައިދާނ ެކަމަށް ވެސް ބުނެއެވެ.
މި ސަބަބަށްޓަކައި، މި ސިނާރިއޯއަކީ ސިޔާސީ ގޮތުން މިހާތަނަށް ފުރުސަތު ކުޑަ ކަމެއް ކަމުގައި ވީނަމަވެސް، ހަނގުރާމައި އެމެރިކާ މަރުތަޅު އެޅުވިއްޖެނަމަ، ޓްރަމްޕް ފަދަ ގޮތް ނޭނގޭ މޮޔައެއް އެފަދަ ހަތިޔާރެއް ބޭނުންކޮށްފާނެ ކަމުގެ ފުރުސަތު ބޮޑެވެ.
🟥 ހަވަނަ: އަދި މިހާތަނަށް ބޭނުންނުކުރާ ކާޑު
އެންމެ ނުރައްކާތެރި ކަމަކީ، ހަނގުރާމަ އަދި އޭގެ އެންމެ ނުރައްކާތެރި ހަރުފަތަށް ގޮސްފައި ނުވުމެވެ.
މި ސަރަހައްދުގައި އޮތް ދެވަނައަށް އެންމެ ނާޒުކު ކަނޑުއޮޅިއަކީ:
ބާބުލް މަންދަބު ކަނޑުއޮޅިއެވެ.
އަދި މި ހަނގުރާމައިގައި، ހުރުމުޒު ކަނޑުއޮޅި އާއި ބާބުލް މަންދަބު ކަނޑުއޮޅި އެއްފަހަރާ ބަންދުކުރުމަކަށް ބަދަލުވެއްޖެ ނަމަ، މިފަހުން ދުނިޔެއަށް ކުރިމަތިވާނެ އެންމެ ބޮޑު ހަކަތައިގެ ނުރައްކަލާ ދުނިޔެ ކުރިމަތިލާން ޖެހޭނެއެވެ.
އަދި އެހެން ވެއްޖެނަމަ ޔޫރަޕްގެ ބައްރާއި އެމެރިކާއާއި ދުނިޔެ ގުޅުވައިދޭ ކަނޑުއަޑީގެ އިންޓަރނެޓް ކޭބަލްތަކަށްވެސް ނުރައްކާ ވެދާނެއެވެ. އެންމެ ގޮއްވާލުމަކުން މި ކޭބަލްތައް ހަލާކު ކޮށްލެވޭނެ އެވެ. އަދި މިއީ މިއަރު ތެރޭގައި ހިނގާފާނެ ކަމަށް ލަފާކޮށްފައިވާ ކަމެކެވެ.
🟥 އަވަސް އަސްކަރީ ހަމަލާތަކެއްގެ ގޮތުގައި ފެށުނު ހަނގުރާމަ:
މިހާރު ވަނީ އޮޅުންބޮޅުން ބޮޑު، ގިނަ ފަށަލަތަކެއް އެކުލެވޭ ކުރިމަތިލުމަކަށް ބަދަލުވެފައެވެ. މިއީ:
• އަސްކަރީ ހަނގުރާމައެއް.
• ކަނޑުގެ މަގުތަކުގެ ހަނގުރާމައެއް.
• ދުނިޔޭގެ ހަކަތައިގެ ކުރިމަތިލުމެއް.
• އެމެރިކާގެ ބާރުވެރިކަމުގެ ހައިބަތު ވަޒަންކުރާ އިމްތިހާނެއް.
ނަމަވެސް މިހާރު އެންމެ ސާފުކޮށް ފެންނަން އޮތް ހަގީގަތަކީ:
މި ހަނގުރާމައިން ވޮޝިންޓަނަށް އަވަސް ކާމިޔާބީއެއް ލިބިފައެއް ނުވާ ކަމެވެ!
އޭގެ ބަދަލުގައި، މިއީ ޓްރަމްޕްގެ ސަރުކާރަށް އެތައް އަހަރަކަށް ދެމިގެންދާނެ ސްޓްރެޓެޖިކް ކާރިސާއަކަށް ދޮރު ހުޅުވިގެންދިޔަ ހަނގުރާމައެކެވެ!
މި ސަބަބަށްޓަކައި، ހުޅަނގުގެ ގިނަ މުހައްލިލުން މިހާރު ދަނީ ސިހުން ގެނުވާ ފަދަ ސުވާލެއް ކުރިމަތިކުރަމުންނެވެ.
މި ހަނގުރާމައަކީ ބާރު ދައްކާލުމަށް ކުރި މަސައްކަތެއް ހެއްޔެވެ؟
ނުވަތަ މިއީ ޓްރަމްޕްގެ ސިޔާސީ ހަޔާތުގައި ބުއި އެންމެ ވަރުގަދަ ބޮނޑި ހެއްޔެވެ؟





