ނިމިދިޔަ އަހަރުގެ ޕްރަޔާގްރާޖް ކުމްބް މޭލާގެ ތެރެއިން މަޝްހޫރުކަން ހޯދި ހިންދީ ދީނުގެ ޒުވާން އަންހެން ކުއްޖެއް ކަމަށްވާ މޮނާލިސާ ބޯންސްލޭ، ކެރެލާގެ މުސްލިމަކާ ކައިވެނިކުރުމާ ގުޅިގެން، އޭނާ ގަދަކަމުން އަނބުރައި އާއިލާއާ ހަވާލު ކުރުމަށް ގެނައުމަށް އެހީތެރިވެދިނުމަށް އެދި އޭނާގެ ބައްޕަ ހުކުރު ދުވަހު މަދްޔަޕްރަދޭޝްގެ ޗީފް މިނިސްޓަރު މޯހަން ޔާދަވްގެ އަރިހުން އާދޭސްކޮށްފިއެވެ.
މަދްޔަޕްރަދޭޝްގެ މަހޭޝްވަރު އަވަށަށް ނިސްބަތްވާ، އަދި ލާހޫރޭ ޕަރްދީ ގަބީލާގެ އުމުރުން 18 އަހަރުގެ މޮނާލިސާ ބޯންސްލޭ، ވަނީ ކެރެލާގައި ފަރްމާން ޚާން ކިޔާ ޒުވާނަކާ ކައިވެނިކޮށްފައެވެ. އިންޑިއާގެ މީޑިއާއިން އާންމުކޮށް މުސްލިމަކު ހިންދީއަކާ ކައިވެނި ކުރުމުން އެއީ ލަވް ޖިހާދު ކަމަށް ބުނެ ޕްރޮޕެގެންޑާ ކުރެއެވެ. މިފަހަރުވެސް މީޑިއާއިން ދަނީ ނަފްރަތު އުފެއްދުމަށް މިގޮތަށް ވާހަކަ ދައްކަމުންނެވެ. ބާލިޣު ވެފައިވާ މީހަކު އޭނާގެ އަމިއްލަ އިޚުތިޔާރުގައި ޝިރުކު ކުރުން ދޫކޮށް ހިދާޔަތުގެ ތެދުމަގު އިޚުތިޔާރުކުރިއަސް މި ވެރިން އެއަށް ލަވް ޖިހާދު އޭ ކިޔައެވެ. އިންޑިއާ މީޑއާއިން ބުނަނީ "ލަވް ޖިހާދު" އެއީ މުސްލިމް ފިރިހެނުން ހިންދޫ އަންހެނުން އިސްލާމްދީނަށް ވައްދަން ލޯބީގެ މަޅީގައި ޖައްސައިގެން ކައިވެނިކުރާ ކައިވެންޏެއް ކަމަށެވެ. މިއާ ޚިލާފަށް އިންޑިއާގެ ހިންދީ އަންހެން ކުދިން މުސްލިމު ފިރިހެން ކުދިން ދެކެނީ ވަރަށް އަޅާލާ ރޮމެންޓުިކް އާތިފީ ބަޔެއްގެ ގޮތުގައެވެ.

މި ކައިވެނިކުރީ ބުދަ ދުވަހު ކެރެލާގެ ޕޫވާރުގައި ހުންނަ ނައިނާރު ފައްޅީގައެވެ. މި ކައިވެނީގެ ރަސްމިއްޔާތުގައި ސްޓޭޓްގެ ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކެރެލާއިން އެނބުރި އައުމަށްފަހު، އޭނާގެ ބައްޕަ ޖަޔަސިންގް ބޯންސްލޭ ތުހުމަތުކުރި ގޮތުގައި އޭނާގެ ދަރިފުޅަކީ "ލަވް ޖިހާދު" ގެ ޝިކާރައެކެވެ.
"މުޅި ގައުމުގައި އަހަރެންގެ ދަރިފުޅުގެ ނަން މަޝްހޫރުވެފައި. މޮނާލިސާ ރައްކާތެރިކަމާއެކު އެނބުރި މަދްޔަޕްރަދޭޝްއަށް ގެނައުމަށް ޗީފް މިނިސްޓަރު މޯހަން ޔާދަވްގެ ކިބައިން އަހަރެން އެދެން. އޭނާ ވަނީ މަކަރާއި ހީލަތުން މުސްލިމް ޒުވާނެއް ކަމަށްވާ ފަރްމާން ޚާންގެ މަޅީގައި ޖައްސާފައި. މިއީ ލަވް ޖިހާދުގެ މައްސަލައެއް،" ޖަޔަސިންގް ބޯންސްލޭ ނޫސްވެރިންނަށް ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި އޭނާގެ ދަރިފުޅު ފިލްމީ ދާއިރާއިން ފުރުސަތުތައް ހޯދަމުންދާކަމާއި، އެ ދާއިރާއިން ކުރިއަށްދާން ބޭނުންވާކަން އޭނާއަށް އެނގޭ ކަމަށެވެ.
"އަހަރެންގެ ދަރިފުޅު ދެ ފިލްމެއްގައި މަސައްކަތް ކުރަމުންދާ ކަމަށް އަހަރެން ގާތު ބުނި. ބައެއް މީހުން އޭނާއަށް އެކްޓް ކުރުމަށާއި ނަށަން ދަސްކޮށްދޭ ކަމަށް އޭނާ އަމިއްލައަށް ބުނި. މުސްތަގުބަލުގައި ފިލްމުތަކުގައި މަސައްކަތް ކުރެވޭނެ ނަމަ އޭނާ މުއްސަންޖަކަށް ވާނެ. މިކަހަލަ ދެރަ ކަމެއް ހިނގާފާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަން،" މުޝްރިކު ބައްޕަ ބުންޏެވެ.



