އާޔަތުﷲ އަލީ ޚާމަނާއީ އިންޑިއާގައި ހަސްފަތާލެއް ބިނާ ކުރެއްވި

މާބަނޑު އަންހެނަކު މަރުވުމާ ގުޅިގެން އިންޑިއާގައި އީރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާާމަނާއި އިންޑިއާގައި ހަސްފަތާލެއް ބިނާ ކުރެއްވި ގޮތް:

އާޔަތުﷲ އަލީ ޚާމަނާއީ އަކީ އީރާންގެ ސުޕްރީމް ލީޑަރަށް ވެވަޑައިގަތުމުގެ ކުރިން ދެ ދައުރަކަށް އެ ގައުމުގެ ރައީސުލްޖުމްހޫރިއްޔާއެވެ. އޭނާ ރައީސަކަށް ހުންނެވިއިރު ސަރުކާރު ހިންގުމުގެ ޒިންމާ އޮންނަނީ އީރާނުގެ ބޮޑު ވަޒީރަށެވެ.
އޭނާ ސޕްރީމް ލީޑަރަށް ވެވަޑައިގަތުމުން އޭނާ ވަނީ ބޮޑު ވަޒީރުގެ މަގާމު އުވާލައްވައި ރައީސުލްޖުމްހޫރިއްޔާއަށް ބާރު ލިބޭގޮތަށް ދުސްތޫރު ބަދަލު ކުރައްވާފައެވެ.
އީރާނުގެ މިޒަމާނުގެ ބާނީއަކީ އަލީ ޚާމަނާއިއެވެ. އޭނާގެ ސުޕްރީމް ލީޑަރުކަމުގައި އީރާންގެ އަސްކަރީ ގާބިލުކަމާއި ނިއުކްލިއަރ އަދި މިސައިލް ޕްރޮގްރާމަށް ކުރިއެރުންތަކެއް ލިބުނެވެ. އެމެރިކާއިން އީރާނާއެކު މަޝްވަރާ ކުރުމަށް ބާއްވާ ކޮންމެ ބައްދަލުވުމެއްގައި ނަގާ 5 މައްސަލައަކީ، އަލީ ޚާމަނާއިގެ ވެރިކަމުގައި ލިބިފައިވާ ކާމިޔާބީތަކާ ބެހޭ ފައިލްތަކެވެ.

އީރާނުގެ އެންމެ ނުފޫޒުގަދަ ޝަޚުސިއްޔަތަށް ވުމުގެ އެތައް އަހަރެއް ކުރިން، އަލީ ޚާމަނާއީ، ޒުވާން ދީނީ އިލްމުވެރިއެއްގެ ގޮތުގައި އިންޑިއާއަށް ދަތުރުކުރެއްވިއެވެ.
1980 ގެ އަހަރުތަކުގައި، އުމުރުފުޅުން 41 އަހަރުގައި، އީރާނުގެ އިސްލާމީ އިންގިލާބަށްފަހު ކުރީކޮޅު އެމަނިކުފާނު ވަނީ ކަރްނާޓަކާ އަދި ކަޝްމީރަށް ޒިޔާރަތްކުރައްވާފައެވެ.

އޭނާ އިންޑިއާއަށް ދަތުރު ކުރައްވަމުން ގެންދަވަނިކޮށް، ކަރްނާޓަކާގެ ދުރު އަވަށެއްގައި މާބަނޑު އަންހެނަކު މަރުވުމުގެ ޚަބަރު އެއްސެވުމާއެކު އެތަނުގައި ހޮސްޕިޓަލެއް ބިނާކުރުމަށް އޭނާ ނިންމެވިއެވެ. އޭގެ ކުރިންވެސް އަލީ ޚާމަނާއި އަކީ އިންޑިއާއާ ޚާއްސަ ގުޅުމެއް ބެއްވެވި ލީޑަރެކެވެ.

މާ ބަނޑު އަންހެން މީހާ މަރުވީ ކަރްނާޓަކާގެ ޗިއްކަބައްލަޕޫރު ޑިސްޓްރިކްޓްގެ އަލީޕޫރާ އަވަށުގައެވެ. އެ އަވަށާ ކައިރީގައި ހޮސްޕިޓަލެއް ނެތުމުގެ ސަބަބުން ބެންގަލޫރަށް ދާން އުޅުމުގެ ތެރޭގައި މާބަނޑު އަންހެންމީހާ މަރުވީއެވެ. އަދި އަވަށުގެ މީހުން އަސާސީ ސިއްހީ ފަރުވާއަށް ދުރު ރާސްތާތަކަށް ދަތުރުކުރަން ނުޖެހޭނެ ގޮތް ހެދުމަށްޓަކައި، އެ ސަރަހައްދުގައި ހޮސްޕިޓަލެއް ބިނާކުރުމަށް ފައިސާގެ އެހީ ދިނުމަށް އަލީ ޚާމަނާއި ނިންމެވިއެވެ.

އިންޑިއާ ޓުޑޭ ކޮންކްލޭވް 2026 ގައި ވާހަކަ ދައްކަވަމުން، އީރާނުގެ ލީޑަރުގެ މަންދޫބު އަބްދުލް މަޖީދު ހަކީމް އިލާހީ ވަނީ އަލީ ޚާމަނާއީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ހާދިސާ ހިނގައިދިޔަ ގޮތް ވިދާޅުވެދެއްވާފައެވެ.

އިލާހީ ވިދާޅުވި ގޮތުގައި އީރާނުގެ ލީޑަރު އިންޑިއާއަށް އިހުތިރާމް ކުރައްވައެވެ. އަދި އެ ގައުމުގެ ސަގާފީ މުއްސަނދިކަމާއި ތަފާތުތަކާ ބެހޭގޮތުން ގިނައިން ވާހަކަފުޅު ދައްކަވައެވެ.

"ޚާމަނާއި އިންޑިއާއަށް ވަޑައިގެން އަލީޕޫރަށް ޒިޔާރަތްކުރެއްވި އިރު ހާދިސާއެއް ހިނގިއެވެ. އަންހެނަކު ނިޔާވުމުން، އެ އަންހެންމީހާއަށްޓަކައި ދުއާކޮށްދެއްވުމަށް މީހުން އޭނާގެ އަރިހުން އެދުނެވެ. އެ އަންހެންމީހާ މަރުވީ ކީއްވެގެންތޯ ޚާމަނާއީ ސުވާލުކުރެއްވިއެވެ. އަދި އެއީ، މާބަނޑު އަންހެނެއް ކަމަށާއި، އެ ސަރަހައްދުގައި ހޮސްޕިޓަލެއް ނެތުމުން ފަރުވާ ނުލިބިގެން އޭނާ މަރުވީ ކަމަށް ދެންނެވިއެވެ."

"މި ވާހަކަ އަޑުއެއްސެވުމުން އެކަމާ ހިތާމަ ކުރައްވައި، ހޮސްޕިޓަލެއް ބިނާކުރުމުގެ ޚަރަދު ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ އަވަށުގައި އެ ހޮސްޕިޓަލް ބިނާކުރެވުނެވެ." އީރާނުގެ ޑޮކިއުމެންޓްރީ އަރްޝީފްތަކުން އެނގޭ ގޮތުގައި، އަލީ ޚާމަނާއީ އިންޑިއާއަށް ދަތުރުކުރެއްވީ ޚުމައިނީގެ ސަރުކާރުން ފެށި ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ތެރެއިންނެވެ. މި ދަތުރުފުޅު ކުރެއްވީ އެއަހަރުގެ އޮކްޓޯބަރު މަހު އީރާނުގެ ރައީސްކަމަށް ޚާމަނާއި އިންތިޚާބުވެ ވަޑައިގަތުމުގެ މަދު މަސްތަކެއް ކުރިންނެވެ.

މުސްލިމް ދުނިޔޭގައި އޮތް މަޒްހަބީ ބައިބައިވުންތަކާ ބެހޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން އިލާހީ ވިދާޅުވީ، މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން އޮތުމަކީ ޚާމަނާއީ އަބަދުވެސް ވަރަށް ބޮޑަށް އިސްކަންދެއްވި ކަމެއް ކަމަށެވެ.
އިލާހީ ވިދާޅުވި ގޮތުގައި، އިންޑިއާއަށް އަލީ ޚާމަނާއީގެ ޝައުގުވެރިކަން އުފެދުނީ ހަޔާތުގެ ކުރީކޮޅުގައެވެ.
"ޚާމަނާއި ލިޔުއްވި ފުރަތަމަ ފޮތް އެއީ، އުމުރުފުޅުން ގާތްގަނޑަކަށް 22 ނުވަތަ 23 އަހަރުގައި ، ލިޔުއްވި އެ ފޮތަކީ އިންޑިއާއާ ބެހޭ ފޮތެކެވެ. އެއީ ފާރިސީ ބަހުން ދެ ބަޔަކަށް ލިޔުއްވާފައިވާ، އިންޑިއާގެ މިނިވަންކަމާ ބެހޭ ފޮތެކެވެ. ފަހުން އެ ފޮތް އިނގިރޭސި ބަހަށް ތަރުޖަމާ ކުރެއްވުމަށްވެސް އެމަނިކުފާނު މަސައްކަތް ކުރެއްވިއެވެ."

މީގެ އިތުރުން، ޚާމަނާއީ އާއި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގްއާ ދެމެދު ބޭއްވުނު ބައްދަލުވުމެއް، އުންމީދު ކުރި ވަރަށްވުރެ މާ ގިނަ އިރުވަންދެން ކުރިއަށް ދިޔަ ކަންވެސް އިލާހީ ފާހަގަ ކުރެއްވިއެވެ.

"އެއްފަހަރަކު މަންމޯހަން ސިންގ ޚާމަނާއިއާ ބައްދަލުކުރެއްވިއެވެ. އެ ބައްދަލުވުން ކުރިއަށް ގެންދަން ނިންމާފައި އޮތީ 15 ނުވަތަ 20 މިނެޓަށެވެ. ނަމަވެސް އެ ބައްދަލުވުން ގަޑިއިރަކަށްވުރެ ގިނަ އިރުވަންދެން ކުރިއަށް ދިޔައެވެ. އެ ވަގުތުގެ ތެރޭގައި ޚާމަނާއި ވަނީ އިންޑިއާއާއި، އިންޑިއާގެ ތަހުޒީބާއި، ސަގާފަތާއި ފަލްސަފާއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ." އިލާހީ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!