ރާޖަސްތާނާއި އުއްތަރު ޕްރަދޭޝްގެ ސްކޫލްތަކުގައި ކޮންމެ ދުވަހަކު ނޫސް ކިޔުން މަޖުބޫރުކޮށްފި

އިންޑިއާގެ ރާޖަސްތާނާއި އުއްތަރު ޕްރަދޭޝްގެ ސަރުކާރު ސްކޫލްތަކުގައި ކޮންމެ ދުވަހަކު ނޫސް ކިޔުމުގެ ސެޝަންތައް ބޭއްވުމަށް އެ ދެ ސްޓޭޓުން މަޖުބޫރުކޮށްފިއެވެ. މި ނިންމުމަކީ ދަރިވަރުންގެ ބަަސްކޮށާރު މުއްސަނދިކުރުމަށާއި، އާންމު މައުލޫމާތު އިތުރުކުރުމަށާއި، ކަންކަން ތަހުލީލުކުރުމުގެ ގާބިލުކަން ތަރައްގީކުރުމަށް އެޅި ފިޔަވަޅެއް ކަމަށް އެ ސްޓޭޓްތަކުން ބުނެއެވެ.

ރާޖަސްތާނުން މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ނެރުނު އާންމު ސިޓީގައިވާ ގޮތުން، ކޮންމެ ދުވަހެއްގެ ހެނދުނުގެ އެސެމްބްލީގައި މަދުވެގެން 10 މިނެޓު ނޫސް ކިޔުމަށް ދަރިވަރުން ހޭދަކުރަންޖެހެއެވެ. މިކަމަށް ބޭނުންވާ ހިންދީ އަދި އިނގިރޭސި ނޫސްތަކަށް އިޝްތިރާކު ދެއްކުމުގެ ޚަރަދު ބަލަހައްޓާނީ ރާޖަސްތާން ސްކޫލް އެޑިއުކޭޝަން ކައުންސިލުންނެވެ. މީގެ އިތުރުން، ކޮންމެ ދުވަހަކު އާ ފަސް ބަހެއް ފާހަގަކުރުމަށާއި ގައުމީ އަދި ބައިނަލްއަގުވާމީ ޚަބަރުތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރުމަށް ޓީޗަރުންނަށް ވަނީ އިރުޝާދު ދީފައެވެ.

އުއްތަރު ޕްރަދޭޝްއިން ވެސް ވަނީ މީގެ ކުރިން މިފަދަ 10 މިނެޓުގެ ނޫސް ކިޔުމުގެ ސެޝަންތައް ސްކޫލްތަކުގައި ބޭއްވުން މަޖުބޫރުކޮށްފައެވެ. މިއީ ދުނިޔޭގެ މަޝްހޫރު ތައުލީމީ މާހިރުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ނިންމުމެކެވެ.

ދުނިޔޭގެ ތައުލީމީ މާހިރުންގެ ބަސް

ފިންލޭންޑްގެ އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް ޕްރޮފެސަރ ޕާސީ ސާލްބާގް ވިދާޅުވީ، ސްކޫލްތަކުގައި ނޫސް ކިޔުމަކީ ހަމައެކަނި މައުލޫމާތު ހޯދުމެއް ނޫން ކަމަށާއި، އެއީ ފާޑުކިޔުމާއެކު ކަންކަން ދެނެގަތުމުގެ ހުނަރު ކަމަށްވާ ކްރިޓިކަލް ލިޓެރަސީ އަށަގަންނުވައިދޭ ކަމެއް ކަމަށެވެ. "ދަރިވަރުން އަސްލު ޚަބަރުތަކާ ކުރިމަތިލާއިރު، ސުވާލުކުރުމާއި، އަޅާކިޔުމާއި، މާނަކުރަން ދަސްކުރޭ،" އޭނާ ވިދާޅުވިއެވެ.

ޔޫކޭގެ ނިއުކާސަލް ޔުނިވާސިޓީގެ ޑރ. ސުގާޓާ މިތުރާ ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ހަގީގީ ކަންކަމަށް ދަރިވަރުން ހުށަހެޅުމަކީ އަމިއްލައަށް ކަންކަން ދަސްކުރުމަށް ލިބޭ ބޮޑު ހިތްވަރެކެވެ.

އަދި ޔުނިވާސިޓީ އޮފް މިޗިގަންގެ ޕްރޮފެސަރ ނެލް ކޭ. ޑޫކް ވިދާޅުވީ، ނޮން-ފިކްޝަން ނުވަތަ ހަގީގީ މައުލޫމާތު ހިމެނޭ ލިޔުންތައް ކިޔުމަކީ ދަރިވަރުންގެ ތައުލީމީ ކާމިޔާބީއާ ސީދާ ގުޅުންހުރި ކަމެއް ކަމަށެވެ.

ސްޓެންފޯޑް ޔުނިވާސިޓީގެ ޕްރޮފެސަރ ލިންޑާ ޑާލިން-ހެމަންޑް ވިދާޅުވި ގޮތުގައި، މި ފިޔަވަޅުގެ ސަބަބުން ދަރިވަރުންގެ މެދުގައި އިޖުތިމާއީ ޒިންމާދާރުކަން އިތުރުވެ، ކަންކަމުގައި ބުއްދި އިސްކޮށް ހަރުދަނާ ނިންމުންތައް ނިންމުމުގެ ގާބިލުކަން އިތުރުވާނެއެވެ.

ނަމަވެސް، ޔުނިވާސިޓީ އޮފް ކެންސަސްގެ ޑރ. ޔޮންގް ޒާއޯ އިރުޝާދު ދެއްވަނީ، ހަމައެކަނި ހިތުދަސްކުރުމުގެ ބަދަލުގައި، ޚަބަރުތަކުގައި ހުންނަ ވަކި ފަރާތަކަށް ޖެހިފައިވާ ތައައްސުބުތަކާއި ޚަބަރު އުފެދިގެން އަންނަ ގޮތް ދެނެގަތުމަށް މަގުފަހިވާ ކަމަކަށް ހަދަން ޖެހޭނެ ކަމަށެވެ.

India Reclaims the Classroom: Rajasthan and UP Make Newspaper Reading Mandatory

ހިއްސާ ކުރައްވާ!