މިއީ މިސްރުގެ ލިޔުންތެރިޔާ ✒️ އަދުހަމް ޝަރުޤާވީގެ ލިޔުމެއްގެ ތަރުޖަމާއެވެ!
ހަމަކަށަވަރުން މި ބިންގަނޑު މި ތައްޔާރުވަނީ މާގިނަ ދުވަހެއް ނުވެ ހިނގާނޭ ބޮޑުވެގެންވާ ކަމަކަށެވެ. މި ހުރިހާ ލެޔަކީ ﷲ ގެ ހަޟްރަތުގައި ބޭކާރުވެގެންދާނޭ އެއްޗެއް ކަމަށް ތިބާ ހީކުރަނީ ހެއްޔެވެ؟
ﷲ ގަންދީ ބުނަމެވެ. ބަޔަކު މީހުން، އެމީހުންގެ ކަންބަޅި ބަކަރިތަކެއްގެ ތެރޭން ލައްކައެއްހާ ބަކަރީގެ ލޭ އޮހޮރުވާލައި، ބޮޑާކަމާއި ކިބުރުވެރިކަމާއެކު އެތަކެތި އުކާލައިފި ނަމަ، ﷲ އެބަޔަކަށް އެކަމަށް އަދަބު ދެއްވާނެއެވެ. އެހެންވީއިރު، ޣައްޒާގެ މުއުމިނުންގެ ލޭ އޮހޮރުވާލާއިރު ތިބާ ހިތަށް އަރަނީ ކީކޭ ހެއްޔެވެ؟ އެއީ ﷲ ގެ އެއްކައުވަންތަކަމަށާއި، އެކަލާނގެ ނަބިއްޔާގެ ރިސާލަތަށް ހެކިވާ ބަޔެކެވެ!

އޭ އެކުވެރިޔާއެވެ! ﷲ އަށްވުރެ އިންސާފުވެރި އެހެން އެއްވެސް ފަރާތެއް ނުވާނެކަން ކަށަވަރެވެ. އެފަދަ ދެވަނަ އެހެން އެއްވެސް ފަރާތެއް ނުވެއެވެ!
ތިބާ ވިސްނާލާށެވެ. އަދި ހަނދާން އާކޮށްލަމާ ބަހީއެވެ! އިށީނދެބަލާށެވެ! ހިނދުކޮޅަކަށް އީމާންކަން ތާޒާކޮށްލަމާ ހިނގާށެވެ!
ﷲ ގަންދީ ނިކަން ހެކިވެ ބަލާށެވެ.
ބާޠިލުގެ މަތީގައި ތިބި ބަޔަކު ނިކަމެތިވެފައި ވަނިކޮށް، ދުވަހަކުވެސް މާތްﷲ އެމީހުން ހަލާކުކުރެއްވި ހެއްޔެވެ؟
ތިބާ ކިތަންމެ ވަރަކަށް ހޯދިޔަސް އެފަދަ އެންމެ ހާލަތެއްވެސް އިންސާނީ ތާރީޚުން ތިބާއަކަށް ނުފެންނާނެއެވެ. އެހެންވީމާ ވަރުބަލިނުވާށެވެ!
ޔަގީން ކުރާށެވެ! ބާޠިލު މަތީގައި ސާބިތުވެ ތިބި ބަޔަކު އެމީހުންގެ ބާރާއި ކިބުރުވެރިކަމާއި ބޮޑާކަމުގެ އެންމެ ކުރިބޯށީގައި ޖެހިފައި ވަނިކޮށް މެނުވީ، ޢަޒީޒުވަންތަ ކުޅަދުންވަންތަ ކަލާނގެ އެމީހުން ހިއްޕަވައި ހަލާކެއް ނުކުރައްވަތެވެ!
ﷲ ފިރުޢައުނު ހަލާކުކުރެއްވި އިރު، އެކަލާނގެ އޭނާ ހަލާކުކުރެއްވީ ބާރުގެ ތިލަފަތް ބަދަލުކުރައްވައިގެންނެއް ނޫނެވެ.
ﷲ އޭނާ ހަލާކުކުރެއްވީ "ތިމަންނާއީ ތިޔަބައިމީހުންގެ އެންމެ މަތިވެރި ކަލާނގެއޭ" ބުނެ ބޮޑާވެގަނެގެން އުޅެނިކޮށެވެ! އޭނާ ހަލާކުކޮށްލެއްވީ، ހަތިޔާރުން ފުރިގެންވާ ލަޝްކަރެއްގެ ކުރީގައި އޭނާ ހުއްޓައެވެ!
އަދި ﷲ ލޫޠުގެފާނުގެ ޤައުމުގެ މީހުން ހަލާކުކުރެއްވީ އެމީހުން ނިކަމެތިވި ހިނދަކު ނޫނެވެ.
އެކަލާނގެ އެމީހުން ހަލާކުކުރެއްވީ އެމީހުންގެ ދިރިއުޅުމުގެ އެންމެ ބާރުގަދަ އަދި އެންމެ ފާސިދު ވަގުތުގައެވެ. އެމީހުން ލޫޠުގެފާނުގެ ގެއަށް އައީ އެކަލޭގެފާނުގެ މެހެމާނުން އަތުލައިގަންނާށެވެ!
އަދި ﷲ އަބޫ ޖަހުލު ހަލާކުކުރެއްވީ ބާރުގެ ތިލަފަތް ބަދަލުކުރައްވައިގެންނެއް ނޫނެވެ.
އެކަލާނގެ އޭނާ ހަލާކުކުރެއްވީ އޭނާގެ އަނިޔާވެރިކަމުގެ އެންމެ އިންތިހާގައި ހުއްޓައެވެ. އޭނާ ބޭނުންވީ ބަދުރުގެ ފެންގަނޑަށް ގޮސް، ޖަމަލުތައް ކަތިލައި، ލަވަކިޔާ އަންހެނުން ލައްވައި ލަވަކިޔައި، އޭނާގެ ފާސިދުކަމުގެ ވާހަކަ މުޅި ޢަރަބިކަރައަށް އިއްވާށެވެ!
އަދި ﷲ ނަމްރޫދު ހަލާކުކުރެއްވީ އޭނާ ނިކަމެތިވި ވަގުތެއްގައެއް ނޫނެވެ.
އެކަލާނގެ އޭނާ ހަލާކުކުރެއްވީ އޭނާގެ ބޮޑާކަމުގެ އެންމެ އުހުގައި ހުރެ، މީސްތަކުންނަށް ގޮވާލައި "ތިމަންނާ އަކީ، މީހުން ދިރުވައި މަރުގަންނަވާ މީހެކޭ" ބުނަމުން ދަނިކޮށެވެ!
އަދި ﷲ ޢާދު ބާގައިގެ މީހުން ހަލާކުކުރެއްވީ ސަބަބުތައް ބަދަލުކުރައްވައިގެންނެއް ނޫނެވެ.
އެކަލާނގެ އެމީހުން ހަލާކުކުރެއްވީ "އަހަރެމެންނަށްވުރެ ބާރުގަދައީ އެހެން ކޮން ބައެއް ހެއްޔޭ" އެމީހުން ބުނަމުން ދަނިކޮށެވެ!
އަދި ﷲ ޘަމޫދު ބާގައިގެ މީހުން ހަލާކުކުރެއްވީ، އެމީހުން ވާދީތަކުގައި ހިލަ ކަނޑައިގެން ގެދޮރު އަޅައިގެން އުޅެނިކޮށެވެ!
އަދި ޚަންދަޤު ހަނގުރާމައިގެ ދުވަހު ﷲ އެކި ޤަބީލާތަކުގެ ލަޝްކަރުތައް ބައިބައިކޮށްލެއްވީ، މުއުމިނުންނަށް ދިރިއުޅުން ދަތިވެ، ހިތްތައް ކުދިކުދިވެފައި ގޮތް ހުސްވެފައި ވަނިކޮށެވެ!
އަދި މާތްﷲ ރޫމީން ހަލާކުކުރެއްވީ އެމީހުން ނިކަމެތިވެފައި ވަނިކޮށެއް ނޫނެވެ.
އެކަލާނގެ އެމީހުން ހަލާކުކުރެއްވީ ޔަރްމޫކު ހަނގުރާމައިގައި، އެމީހުންގެ އަދަދާއި ހަތިޔާރު މާ ގިނަވެފައި ވަނިކޮށެވެ!
އަދި ﷲ ފާރިސީން ހަލާކުކުރެއްވީ އެމީހުންގެ ފައިދަށުން ސަބަބުތަކުގެ ދޫލަ ދަމައިގަތުމަށްފަހެއް ނޫނެވެ.
އެކަލާނގެ އެމީހުން ހަލާކުކުރެއްވީ ޤާދިސިއްޔާ ހަނގުރާމައިގައެވެ. އޭގެ ކުރިން އެމީހުންނަކީ ބޮޑު ބާރެއްގެ ވެރި ބައެކެވެ!
އޭ އެކުވެރިޔާއެވެ! ﷲ ގަންދީ ބުނަމެވެ.
ﷲ ގެ އިރާދަފުޅާއެކު، އަހަރެއް ނުވަތަ ދެ އަހަރެއްހާ ދުވަހު ތިބާ ދުނިޔޭގައި ހުރެއްޖެނަމަ، އަހަރެމެންގެ ތެރެއިން މީހަކު މަސްޖިދުލް އަޤްޞާއަށް ވަންނަ ހިނދު، ﷲ ފިޔަވައި އެހެން ފަރާތަކަށް އެދުވަހަކުން އޭނާ ބިރެއް ނުގަންނާނެ އެވެ. އެއީ، ކަންބަޅިތަކަށް މިނިކާވަގު ފިޔަވައި އެހެން އެއްވެސް އެއްޗަކަށް ބިރުނުގަންނަ މަންޒަރެކެވެ. އެމަންޒަރު ތިބާއަށް ފެންނާނެއެވެ.
ހަމަކަށަވަރުން މާދަމާ އޮތީ އެކަމަށް އިންތިޒާރު ކުރާ މީހާއާ ވަރަށް ގާތުގައެވެ!! (ތަރުޖަމާއެއް)
باذن الله تعالى .. اللهم ٱمين.





