އީރާނުގެ ވަރުގަދަ ދިފާއީ ހަމަލަތަކުގެ ބެލިސްޓިކް މިސައިލްތައް ހުއްޓުވުމަށް ބޭނުންކުރާ އިންޓަރސެޕްޓަރ ސިސްޓަމްތަކުގެ ތަދުމަޑުކަމެއް އިސްރާއީލަށް ކުރިމަތި ވެއްޖެކަމަށް ބުނެ އެމެރިކާއިން އެހީ ވެދިނުމަށް އިސްރާއީލުން ގޮވާލަމުންދާ ކަމަށް އެމެރިކާގެ މީޑިއާ އިން ވޮޝިންޓަނުގެ މަސްއޫލުވެރިންނާ ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ.
މީޑިއާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިންޓަރސެޕްޓަރ މިސައިލްތަކުގެ ސްޓޮކް "ވަރަށް ބޮޑަށް މަދުވެފައިވާ" ކަން މީގެ ދުވަސްކޮޅެއް ކުރިން ޒަޔަނިސްޓު ޓެރަރިސްޓް ނިޒާމުން ވަނީ ވޮޝިންޓަނަށް އަންގާފައެވެ. މިއީ އީރާނާއި ލުބުނާނާ ދެކޮޅަށް އިސްރާއީލުން އަސްކަރީ އޮޕަރޭޝަންތައް ކުރިއަށްގެންދާ، އަދި މިސައިލާއި ޑްރޯން ހަމަލާތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައި ދިމާވަމުންދާ ހީނަރުކަމެކެވެ.

ރަސްމީ މަސްދަރުތަކާ ހަވާލާދީ މީޑިއާ ރިޕޯޓުގައި ބުނެފައިވަނީ، އިސްރާއީލުގެ ދިފާއީ ގާބިލުކަމުގައި ހުރި މި އުނިކަމުގެ މައުލޫމާތު މީގެ މަސްތަކެއް ކުރިންވެސް އެމެރިކާ ސަރުކާރަށް އެނގޭ ކަމަށެވެ. ނަމަވެސް އެމެރިކާއަށް މިކަމުގައި ކޮށްދެވޭނެ މާބޮޑު ކަމެއް ނެތް ކަމަށެވެ. އެއީ ޕެޓްރިއޮޓިކް މިސައިލްގެ ސްޓޮކް މަދުވުމުން އެމެރިކާއިން ވަނީ ދެކުނު ކޮރެއާގައި ހުރި މިސައިލް ސްޓޮކް މެދުއިރުމައްޗަށް ގެނަސްފައެވެ.
މި މައުލޫމާތުތަކާ ގުޅޭގޮތުން އިސްރާއީލުގެ އިބްރާނީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ މިސައިލްގެ މި ތަދިކަމަކީ އެމެރިކާއިން ކުރި ލަފާ ކުރި އަދި "އުންމީދުކުރެވުނު" ކަމެއް ކަމަށެވެ.
ނަމަވެސް، އެމެރިކާގެ އަމިއްލަ އިންޓަރސެޕްޓަރ ސިސްޓަމްތަކަށް އެފަދަ ދަތިކަމެއް ނެތް ކަމަށާއި، ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މުވައްޒަފުން ހިމާޔަތްކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އެމެރިކާގެ އަތުގައި އަދި އެބަހުރި ކަމަށެވެ. ހަމަ އެ މަސްދަރުތަކުން ބުނާ ގޮތުގައި، އިސްރާއީލުން މިހާރު ދަނީ އެ ގައުމުގެ ދިފާއީ މިސައިލްގެ ސްޓޮކްގައި ހުރި މި އުނިކަން ފޫބެއްދުމަށް މަސައްކަތް ކުރަމުންނެވެ.
އީރާނާ ދެކޮޅަށް ސޮލީބީންނާއި ސަހުޔޫނީން ފެށި ސޮލީބީ ޓެރަރިސްޓް ހަނގުރާމައިގައި އީރާނުން ވަނީ މި މީހުންގެ އަގު ބޮޑު ހަތިޔާރުތައް އަހަވަހަށް ހުސްކޮށްލުމަށް ބައެއް އުކުޅުތައް ބޭނުން ކޮށްފައެވެ. އީރާނުން ފޮނުވާ 20 ހާސް ޑޮލަރުގެ އެންމެ މިސައިލަކުން ދިފާއުވުމަށްވެސް މިވެރިން އެތައް މިލިއަން ޑޮލަރުގެ އެތައް މިސައިލެއް ބޭނުން ކުރަން ޖެހެއެވެ.





