އީރާނާ ދެކޮޅަށް އެމެރިކާއިން ދެމުންދާ ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން އެމެރިކާގެ ދާޚިލީ ސިޔާސީ މަސްރަހަށް ބޮޑެތި ލޮޅުންތަކެއް އަރައި، ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ތެރޭގައި ރެނދުތަކެއް ލާން ފަށައިފިއެވެ. ޕާޓީގެ ބައެއް ނުފޫޒުގަދަ ލީޑަރުން މި ހަނގުރާމައަށް ތާއީދުކުރާއިރު، އަނެއް ބަޔަކު ދަނީ މިއީ ބޭކާރު އަދި ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކޮށް ފާޑުކިޔަމުންނެވެ.
ބީބީސީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރިޕަބްލިކަން ޕާޓީގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އީރާނާ ދެކޮޅަށް ކުރާ މި ހަނގުރާމައަކީ އަސްލު ޒަޔަނސިްޓު އިސްރާއީލަށް ގުލާނު ކޮށްދިނުމަށް ކުރާ ހަނގުރާމައެކެވެ. އަދި މި ކުރިމަތިލުމުގައި އެމެރިކާއިން ސީދާ ގޮތެއްގައި ބައިވެރިވުމަކީ ކުރަންޖެހޭ ކަމެއް ނޫން ކަމަށް އެ ފަރާތްތަކުން ވަކާލާތު ކުރެއެވެ. މި ހިޔާލުތަފާތުވުންތަކުގެ ސަބަބުން ކުރިއަށް އޮތް އިންތިހާބުތަކަށް އަސަރު ކޮށްފާނެ ކަމަށް މުހައްލިލުން ލަފާކުރެއެވެ.
އެމެރިކާގެ މަޝްހޫރު މީޑިއާ ޝަހުސިއްޔަތު ޓަކާރ ކާލްސަން ވަނީ މި ހަނގުރާމައިން އެމެރިކާ ވަގުތުން ބޭރުވާންޖެހޭ ކަމަށް ބުނެފައެވެ. ޓްރަމްޕްގެ ވަފާތެރި ސަޕޯޓަރެއްގެ ގޮތުގައި ބެލެވޭ ކާލްސަން ވަނީ މިދިޔަ މަހު ޓްރަމްޕާ ބައްދަލުކޮށް، އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު ނޭޅުމަށް ބާރުއަޅާފައެވެ. މީގެ އިތުރުން، މަޝްހޫރު ޕޮޑްކާސްޓަރު ޖޯ ރޯގަން މި ހަނގުރާމައަކީ "ބޮޑު މޮޔަކަމެއް" ގޮތުގައި ސިފަކޮށްފައިވާއިރު، ކުރީގެ ކޮންގްރެސް މެންބަރު މާޖަރީ ޓޭލާ ގްރީން ވިދާޅުވީ އެމެރިކާގެ ރައްޔިތުން ވޯޓު ދިނީ ބޭރުގެ ކުލީ ހަނގުރާމަތަކާ ދެކޮޅަށް ކަމަށެވެ.
އާންމުކޮށް ހަނގުރާމައިގެ ކުރީކޮޅު އެމނެރިކާ ރައީސުންގެ މަގުބޫލުކަން އިތުރުވި ނަމަވެސް، މިފަހަރު ޓްރަމްޕްގެ މަގުބޫލުކަމަށް އެދެވޭ ބަދަލެއް އައިސްފައެއް ނުވެއެވެ. ސާވޭތަކުން ދައްކާ ގޮތުގައި 54 އިންސައްތަ އެމެރިކާ ރައްޔިތުން ޓްރަމްޕްގެ އީރާނު ސިޔާސަތާ ދެކޮޅެވެ. ރިޕަބްލިކަން ޕާޓީގެ ތެރޭގައި ވެސް "މަގާ" ސަޕޯޓަރުންގެ 90 އިންސައްތަ ހަނގުރާމައަށް ތާއީދުކުރާއިރު، އެ ގްރޫޕުގައި ނުހިމެނޭ ރިޕަބްލިކަން މެންބަރުންގެ ތެރޭގައި ތާއީދު އޮތީ ވަރަށް ކުޑަކޮށެވެ.
ކޮންގްރެސްގެ ތެރޭގައި ވެސް މި މައްސަލާގައި ވަނީ ބަހުސްތައް ހޫނުވެފައެވެ. ރިޕަބްލިކަން މެންބަރު ތޯމަސް މާސީ ވަނީ ހަނގުރާމަ ހުއްޓުވުމުގެ ބާރު ކޮންގްރެސްއަށް ލިބިދޭ ބިލަކަށް ތާއީދުކޮށްފައެވެ. މިހާތަނަށް މި ހަނގުރާމައާ ގުޅުންހުރި ހާދިސާތަކުގައި އެމެރިކާގެ 13 މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި އިރާގުގައި ހިނގި މަތިންދާބޯޓު އެކްސިޑެންޓެއްގައި މަރުވި 6 ސިފައިން ހިމެނެއެވެ.







