އެމެރިކާގެ ސޮލީބި ޓެރަރިސްޓް ހަނގުރާމައިގައި ބޭނުންކުރާ ދެ ފްލައިޓަކަށް ސުއިޒަލޭންޑްގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ދިނުމަށް އެ ގައުމުގެ ސަރުކާރުން އިންކާރުކޮށްފިއެވެ. ސުއިޒަލޭންޑުން މި ނިންމުން ނިންމާފައިވަނީ އެ ގައުމުން ގެންގުޅޭ ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތުގެ ދަށުންނެވެ.
ސުއިޒަލޭންޑްގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، އެ ގައުމުގެ "ނިއުޓްރަލިޓީ" ނުވަތަ ވަކި ފަރާތަކަށް ނުޖެހުމުގެ ގާނޫނުތައް އޮންނަ ގޮތުން، ހަނގުރާމައާ ގުޅުންހުރި އަސްކަރީ އޮޕަރޭޝަންތަކަށް ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ. އެހެންކަމުން، އެމެރިކާގެ އެ ދެ ފްލައިޓަށް ވަނީ ސުއިޒަލޭންޑްގެ މަތިން އުދުހުން މަނާކޮށްފައެވެ.

ނަމަވެސް، އެމެރިކާގެ އެހެން ތިން ފްލައިޓަކަށް ސުއިޒަލޭންޑްގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ވަނީ ދީފައެވެ. ސުއިޒަލޭންޑުން ބުނި ގޮތުގައި އިންސާނީ އެހީތެރިކަމާއި، ބޭސްފަރުވާގެ ސާމާނު އުފުލާ ފްލައިޓްތަކަށް ހުއްދަ ދެވޭނެއެވެ. މީގެ އިތުރުން ޒަޚަމްވެފައިވާ އެމެރިކާ ސިފައިން ޖަރުމަނަށް އުފުލުމަށާއި، ހަނގުރާމައާ ގުޅުމެއް ނެތް އެހެނިހެން ދަތުރުތަކަށް އެ ގައުމުގެ ވައިގެ ސަރަހައްދު ހުޅުވާލެވިފައިވާ ކަމަށް އެ ގައުމުން ބުނެއެވެ.
ސުއިޒަލޭންޑަކީ ބައިނަލްއަގުވާމީ މައިދާނުގައި ވަކި ފަރާތަކަށް ނުޖެހުމުގެ ހަރުދަނާ ސިޔާސަތެއް ޒަމާނުއްސުރެ ގެންގުޅެމުން އަންނަ ގައުމެކެވެ. މި ސިޔާސަތުގެ ދަށުން، އެހެން ގައުމުތަކުގެ މެދުގައި ހިނގާ އަސްކަރީ ކުރިމަތިލުންތަކުގައި ބައިވެރިވުމާއި، އެފަދަ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ގައުމުގެ ގާނޫނުތަކުން މަނާކުރާ ކަމެކެވެ.






