އިންޑިއާގެ ސެމީކޮންޑަކްޓަރ އުފެއްދުންތައް ބާޒާރަށް

އިންޑިއާގެ އިލެކްޓްރޯނިކްސް ކޮމްޕޯނަންޓް މެނުފެކްޗަރިންގ ސްކީމް (އީ.ސީ.އެމް.އެސް) ގެ ތިންވަނަ މަރުހަލާ އެގައުމުގެ ސަރުކާރުން ފާސްކޮށްފިއެވެ. މިކަން އިޢުލާން ކުރައްވަމުން އިންޑިއާގެ އައި.ޓީ މިނިސްޓަރު ވިދާޅުވީ، ޓާޓާ، މައިކްރޯން، އަދި ސީ.ޖީ ސެމީ ހިމެނޭހެން ޖުމްލަ ހަތަރު ސެމީކޮންޑަކްޓަރ ކާރުޚާނާއަކުން 2026 ވަނަ އަހަރު ފުރިހަމަ މިންވަރަކަށް ސެމީކޮންޑަކްޓަރގެ އުފެއްދުންތައް ބާޒާރަށް ނެރެން ފަށާނެ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް ޖުމްލަ 46 މަޝްރޫޢެއް ފާސްކޮށްފައިވާއިރު، މިއީ ގާތްގަނޑަކަށް 6.57 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެކެވެ. މި މަޝްރޫޢުތަކުގެ ސަބަބުން 50,000 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށް ބެލެވެއެވެ.

ންމެ ފަހުން ފާސްކުރި މަރުހަލާގައި އެކަނިވެސް 5.04 ބިލިއަން ޑޮލަރުގެ 22 އާ މަޝްރޫޢެއް ހިމެނެއެވެ. މީގެ ތެރޭގައި މޮބައިލް ފޯނު، ޓެލެކޮމް، އޮޓޯމޯޓިވް އަދި އައި.ޓީ ހާޑްވެއަރ އަށް ބޭނުންވާ މުހިންމު ސެމީކޮންޑަކްޓަރތައް ހިމެނެއެވެ.

މިނިސްޓަރު ވިދާޅުވީ އިންޑިއާގެ އަމާޒަކީ 2032 ވަނަ އަހަރާ ހަމައަށްދާއިރު ސެމީކޮންޑަކްޓަރުގެ ދާއިރާއިން ޗައިނާއާ އެއް ފެންވަރަކަށް ދިއުން ކަމަށެވެ. އަދި އިންޑިއާގައި އުފައްދާ ޕީ.ސީ.ބީ، ލިތިއަމް-އަޔަން ސެލް އަދި އޮޕްޓިކަލް ޓްރާންސީވަރު ފަދަ ތަކެތި ބޭރަށް އެކްސްޕޯޓް ކުރަން ފަށާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި މަޝްރޫޢަކީ އިންޑިއާގެ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އިކޯސިސްޓަމް ވަރުގަދަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ އެހީތެރިކަން ލިބޭނީ އުފެއްދުންތެރިކަމުގެ ފެންވަރު ހިފަހައްޓާ، އަމިއްލަ އުފެއްދުމަށް އިސްކަންދޭ ކުންފުނިތަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!