މެދުއިރުމަތީގައިވާ އެމެރިކާގެ އެއްވެސް ބައިވެރިއަކު ހިމާޔަތްކޮށްދިނުމުގެ ގާބިލުކަން އެމެރިކާގެ ކިބައިގައި ނެތެވެ. އީރާނުގެ މިސައިލްތަކުން ސައުދީ އަރަބިއްޔާ، ކުވެއިތު، ގަތަރު، ޔޫއޭއީ، ބަހްރޭން ނުވަތަ އުރުދުން ސަލާމަތްކޮށްދިނުމުގައި އެމެރިކާ ނުކުޅެދިފައި ވެއެވެ.
މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގައި ފަތުރާލާފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ވެސް ހިމާޔަތްކޮށްދިނުމުގެ ކުޅަދާނަކަން އެމެރިކާއަކަށް ނުލިބުނެވެ. މި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި، ކަނޑުގެ ސިފައިންގެ މަރުކަޒުތަކަށާއި، ޖާސޫސީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް އީރާނުން އަމާޒު ކުރިއެވެ.
މިފަދަ ހަނގުރާމައެއްގައި އެމެރިކާގެ އަމިއްލަ މަރުކަޒުތައް ވެސް ހިމާޔަތްކުރުމުގެ ގާބިލުކަން އެމެރިކާގެ ކިބައިގައި ނެތްކަން ސާފުވެގެން ދިޔައެވެ. މަނަވަރުތައްވެސް ހިމާޔަތެއް ނުކުރެވުނެވެ. ބަހްރޭންގައި އޮންނަ ފަސްވަނަ ފްލީޓާއި، ރޭޑާ މަރުކަޒުތަކާއި، ބޮޑެތި އަސްކަރީ ލަޝްކަރުތައް ބަނޑަހަ ޖަހާފައިވާ ހުރިހާ ތަނަކަށް ހަމަލާ އަމާޒުވަމުންދާ އިރު، އެ ތަންތަން ހިމާޔަތެއް ވެސް ނުކުރެވުނެވެ. "ތިޔަބައިމީހުން ދިފާއުކޮށްދޭނަމޭ" ބުނެ އެތައް އަހަރެއް ވަންދެން ޓްރިލިއަން ޑޮލަރު އަރަބިން މޮޔަ ހައްދައިގެން އަތުލި އެމެރިކާއަށް، އެންމެ ދިހަ ދުވަހުގެ ތެރޭގައި އީރާނުގެ މިސައިލްތަކާ ދެކޮޅަށް މި ގައުމުތަކަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތެވެ. އަދި ކުރިމަގުގައިވެސް އެއްވެސް ކަމެއް ނުކުރެވޭނެ ވެސް ހިއެއް ނުވެއެވެ.

ސައުދީ އަރަބިއްޔާ، ކުވެއިތު، ޔޫއޭއީ، ގަތަރު އަދި ބަހްރޭން ފަދަ ގައުމުތައް ތިބީ ވަރަށް ބޮޑު ހައިރާންކަމެއްގެ ތެރޭގައެވެ. އަމިއްލަ ގައުމުގެ ދިފާއު އެމެރިކާއާ ހަވާލުކޮށްގެން ހެދުނީ ކިހާ ބޮޑު ގޯހެއްތޯ އެ ގައުމުތަކުން އަމިއްލަ ނަފްސާ މިހާރު ސުވާލުކުރާނެކަން ޔަގީނެވެ.
ﷲގެ ހަޒުރަތުން ހިމާޔަތް ނުހޯދައި ﷲގެ ދުޝްމަނުން އަތުން، ސަހުޔޫނީންނާއި އެމެރިކާއަށް ބައިއަތު ހިފައި އެ މީހުންގެ ހިމާޔަތުގެ ދަށުގައި އަމާންކަމާއެކު އުޅުނު މި ގައުމުތަކަށް، މިއަދު އީރާނުގެ ހަމަލާތަކުން އިހުސާސް ކުރެވެމުން ދަނީ ނިކަމެތިކަމެކެވެ. މާދަމާ އެހެން ބާރުތަކުން ދޭ ހަމަލާތަކުގައި ވެސް މިފަދަ ނިކަމެތިކަމެއް ފެނިގެން ދާނެކަން އެ ގައުމުތަކަށް މިހާރު އެނގިއްޖެއެވެ.
އެ ދުވަހަކުން ވެސް މި ގައުމުތަކަށް އެމެރިކާގެ އެއްވެސް ހިމާޔަތެއް ނުލިބޭނެ ކަން މިހާރު އެނގޭނެއެވެ. އަރަބި/ގަލްފް ގައުމުތަކަށް ހަގީގީ ނުރައްކާތެރި ޝޮކެއް ލިބުނު ހިނދު ޔޫރަޕުން ވަނީ މާކުރިން މިކަން ތަޖުރިބާ ކޮށްފައެވެ. ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދިނުމުން، އެމެރިކާއަށް ޔޫރަޕް ދިފގާއު ކޮށެއް ނުދެވުނެވެ. އަދި އެފަދަ ކަމަކަށް އެމެރިކާގެ ނިޔަތެއް ވެސް ނެތްކަން ކުއްލިއަކަށް ޔޫރަޕަށް ވެސް ވަނީ ވިސްނިފައެވެ.
މިހާރު ޔޫރަޕް މީހުން ދަނީ ޔޫރަޕްގެ ދިފާއަށްޓަކައި ހައްލުތަކާއި ފަރުވާތައް ހޯދުމަށް ކެތްތެރިކަމެއް ނެތި މަސައްކަތް ކުރަމުންނެވެ. އެތައް އަހަރެއް ވަންދެން ބާކީކޮށްލާފައި އޮތް ތުރުކީގެ އެހީތެރިކަމަށް ވެސް އެމީހުން މިހާރު އެދެމުންދެއެވެ.
ޔޫރަޕް ފަދައިން، ގަލްފް ގައުމުތަކަށް ވެސް މިހާރު ފެނިފައިވަނީ އެމެރިކާ އެ ގައުމުތައް ހިމާޔަތްކުރަން ބޭނުން ނުވާނެ ކަމެވެ. އެމެރިކާއަށް މުހިންމު ވާނީ އަރަބިންނަށް ވުރެން އެމީހުންގެ ސަހުޔޫނީ ޕްރޮޖެކްޓް ހިމާޔަތް ކުރާށެވެ.
އަނެއް ކޮޅުން ސުންނީ މުސްލިމުންގެ ޕެޓްރޯ ޑޮލަރުތަކުން ހޭދަ ކޮށްގެން މުސްލިމުންނާ ދެކޮޅަށް އެމެރިކާއާއި ސަހުޔޫނީން އުފެއްދި ހަނގުރާމަވެރި ޓެރަރިސްޓް ޖަމާއަތްތައް ކަމަށްވާ ޕީކޭކޭ، ޕީޖޭއޭކޭ އަދި ވައިޕީޖީ އާއި އައިސިސް އަދި ހައިއަތު ތަހުރީރުއްޝާމްއާއި އަބޫބަކުރު ބަޣުދާދީއާއި ޝެއިޚު ޖައުލާނީ މެންނަކީ "މަސައްކަތް ނިމުމުން އެއްލާލެވޭނެ ބާރުތަކެއް" ގޮތުގައި އެމެރިކާއާއި ޔަހޫދީން ވަނީ ސާބިތުކޮށްދީފައެވެ. ސޫރިޔާއިން ފެނުނީ މި މަންޒަރެވެ.
މުސްލިމުން ބައިބައި ކޮށްގެން އިސްތިރުމާރީ ބާރުތަކުން ކުރި މަސައްކަތުގެ ނަތީޖާއަކީ، އަރަބިންނަށް އީރާންގެ ބިރު ދެއްކުމަށް ފަހު އެގައުމުތަކުގެ އިގްތިސާދާއި އިސްތިގްލާލު ފޭރިގަތުމެވެ.
މިހާރު ގޮތްް ހުސްވުމުން އެމެރިކާ ތައްޔާރު ވަނީ ނިއުކްލިއާ ހަމަލާއަކަށެވެ. ބޭނުން ވަނީ ޔަހޫދީންނަށް މަގު ކޮށައިދީ މެދުއިރުމަތީގެ އެންމެ ބޮޑު ބާރަކަށް ސަހުޔޫނީ ނަހަލާލު ޕްރޮޖެކްޓް ހަދައި ދޭށެވެ.
މިހާރު ފެންނަން އޮތީ "އިސްރާއީލަށްޓަކައި މުޅި ދުނިޔެ ސުންނާފަތި ކުރަމުންދާ" އެމެރިކާއެކެވެ.
އެމެރިކާ ފެންނަނީ ހުރިހާ ގައުމުތަކަކާ ދެކޮޅުވެ، ކޮންމެ ތަނަކަށް ވެސް ހަމަލާދޭ، ގާނޫނާ ޚިލާފު މަގުފޭރޭ ދައުލަތެއްގެ ގޮތުގައެވެ. އެމެރިކާގެ ބައިނަލްއަގުވާމީ އަބުރާއި ސަލާމަތްތެރިކަން މިހާރު އޮތީ ސުމެއްގައެވެ.






