އީރާނާއި އިސްލާމީ އުންމަތް: މަޒްހަބީ ތަފާތުތަކަށްވުރެ ބޮޑު ނުރައްކަލެއްގެ ކުރިމަތީގައި

މިއަދު އިސްލާމީ އުންމަތް ކުރިމަތިލަމުންދާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ދުޝްމަނުންގެ ނުރައްކާ ދޮރުމައްޗަށް އައިސް ހުއްޓިފައިވާއިރުވެސް، މުސްލިމުންގެ މެދުގައި ހުރި މަޒްހަބީ އަދި ފިގުހީ ތަފާތުތަކުގެ ތެރޭގައި ތަޅާފޮޅުމެވެ. ވަކިން ހާއްސަކޮށް އީރާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކާ ގުޅިގެން، އީރާނުގެ މީހުންނަކީ މުސްލިމުންތޯ ނުވަތަ ނޫންތޯ އަރަބިން ކުރާ ބަހުސްތައް ވަނީ އިތުރުވެފައެވެ. މިއީ ހަގީގަތުގައި އަސްލު މައްސަލައިން މުސްލިމުންގެ ސަމާލުކަން ކުޑަކޮށްލުމަށް ދެވޭ ފުރުސަތެކެވެ.

އަރަބިންގެ އަދަދުގެ ގިނަ ކަމާއި އެމީހުންގެ މުއްސަނދި ކަމާއެކުވެސް އެމީހުންނަށް އިސްރާއީލުގެ ހިތުގައި އަރަބިންނާ މެދު ބިރުވެރިކަމެއްވެސް ހައިބަތެއްވެސް ނުއުފެއްދުނެވެ. އެމެރިކާއާއި ހުޅަނގުގެ އުދުވާނީ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގައި އޮތް އިރާނުން ކުރިވަރުވެސް އަރައްބަކަށް ކުރެވިފައެއް ނުވެއެވެ.

އީރާނުން އިސްރާއީލަށް އަމާޒުކޮށް މިސައިލް ހަމަލާތައް ފޮނުވަމުންދާއިރު، ސުންނީ ދުނިޔޭގެ ބައެއް ފަރާތްތަކުން އަދިވެސް ތިބީ ޝީޢީންނަކީ މުސްލިމުންތޯ ބެލުމުގެ ބަހުސްގައެވެ. މިއީ ހިތާމަހުރި ކަމެކެވެ. ބައެއް ސުންނީންނަށް އީރާނަށް ތާއީދު ކުރުމަކީ އިސްރާއީލަށް ތާއީދު ކުރުމަށް ވުރެން ގޯސް ކަމެކެވެ. މިއަދު މުސްލިމުންގެ ކުރިމަތީގައި އޮތީ ހަމައެކަނި އީރާނުގެ މައްސަލައެއް ނޫނެވެ. މިއީ މުޅި އިސްލާމީ އުންމަތުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ބޮޑު ފިތުނައެކެވެ. ސޮލީބީންނާއި ސަހުޔޫނީން އުފައްދާފައިވާ ފިތުނައެކެވެ.

އެމެރިކާއާއި ސަހްޔޫނީން މިއަދު ފާޅުގައި ބުނަމުންދަނީ އެމީހުންގެ ސޮލީބީ ހަނގުރާމައިގެ މަގްސަދަކީ މެދުއިރުމަތި އަލުން ތަރުތީބުކޮށް ލުމެވެ. 'ގްރޭޓާ އިސްރާއީލް' ނުވަތަ ތައުރާތުގައި ބުނެފައިވާ ފަދަ ބޮޑު އިސްރާއީލެއް ގާއިމުކުރުމުގެ މަސއްކަތެވެ.

އެމީހުންގެ އަމާޒަކީ ހަމައެކަނި އީރާނެއް ނޫނެވެ. އީރާނަކީ އެމީހުންގެ އުދުވާނީ ސޮލީބީ ސަޔުހޫނީ މަސައްކަތުގެ މަގުގައި އޮތް އެއް ހުރަހެކެވެ.
އީރާނު ބަލިކޮށްލެވިއްޖެނަމަ، ދެން އޮތީ ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނު ފަދަ ގައުމުތަކުގެ ފަހަތުން ގޮސް އިސްލާމީ ގައުމުތައް ބަލިކޮށްލުމެވެ.
މިއީ މުޅި އިސްލާމީ ދުނިޔެ ސަހްޔޫނީންގެ ދަށަށް ގެނައުމަށް ރޭވިފައިވާ ބޮޑު ސޮލީބީ ރޭވުމެކެވެ.

މުސްލިމުންގެ ދުޝްމަނުންގެ ނަޒަރުގައި އަރަބި ގައުމުތަކުގެ މެދުގައި ނުވަތަ މަޒްހަބުތަކުގެ މެދުގައި އެއްވެސް ތަފާތެއް ނެތެވެ. އެމީހުން މުސްލިމުން ދެކެނީ އެއް ހަމައެއްގައި ސުންނީ އެއްކަމުގައިވިއަސް، އުދުހޭ ގަނޑުވަރަކާއި ރަން ކަނޑިއެއް ހަދިޔާ ކުރިނަމަވެސް ސަހުޔޫނީންނަށް މުހައްމަދަކާިއ ސޮބާހަކާއި ހަމަދަކާއި ޚާމަނާއި އަކާ ދެމެދު ފަރަގެއް ނުފެނެއެވެ. އެމީހުންނަށް ހުރިހާ މުސްލިމުންނަކީވެސް ދުޝްމަނުންނެވެ.

އެކަމަކު މުސްލިމުން އެމީޙުންގެ ފިގުހީ ޚިލާފުތަކާއި، ބޯޑަރުގެ މައްސަލަތަކާއި، ބަހުގެ ހަމަލާތަކުގައި މަޝްއޫލުވެގެން ތިއްބައި، ދުޝްމަނުން ދަނީ މުސްލިމުން އެކަކު އަނެކަކާ ވަކިކޮށް ބަލިކޮށް ބައިބައި ކުރަމުންނެވެ. އިސްލާމްދީނުގެ މަތިވެރި އަސާސްތަކުން އަޅުގަނޑުމެން އެއްބައިނުވި ނަމަވެސް، އަޅުގަނޑުމެން ވަށާލާފައިވާ ބޮޑެތި ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ނަމަވެސް އެއްބައިވާން ޖެހެއެވެ.

﴿92﴾ إِنَّ هَٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ އަލްއަންބިޔާ
ހަމަކަށަވަރުން، މިއީ، އެއް އުއްމަތެއް ކަމުގައިވާ ތިޔަބައިމީހުންގެ އުއްމަތެވެ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް އަޅުކަންކުރާށެވެ!

ފިތުނަވެރި ސުކުނޑިއަކުން ވިސްނާ ބަޔަކަށް މިއާޔަތް އޮތްކަން ނޭނގެނީ ބާވައެވެ؟

މިއަދު ސުންނީ މުސްލިމުން އެމީހުންގެ ޣާފިލުކަމުން ހޭނުލައިފިނަމަ، ނިމުން ވެގެންދާނީ އަންދަލުސްގެ މުސްލިމުންނަށް ދިމާވި ފަދަ ހިތްދަތި ގޮތަކަށެވެ. ޝާމް ކަރަޔާއި، މަޣުރިބު ކަރަޔާއި، މިސްރާއި، އަރަބި ގަލްފްގެ ބިންތަކާއި، އިރާގާއި ޔަމަނަކީ އެއް އުންމަތެކެވެ.
މިއަދު މުސްލިމުންނަށް އޮތް އެންމެ ސަލާމަތްތެރި ގޮތަކީ ސަހުޔޫނީ އިސްރާއީލާއި ސޮލީބީ އެމެރިކާގެ އިސްތިއުމާރާ ދެކޮޅަށް އެކަތިގަނޑަކަށް ވުމެވެ. މަޒްހަބީ ބަހުސްތަކުން އެއްކިބާވެ، މުޅި އުންމަތަށް ކުރިމަތިވެފައިވާ ނުރައްކަލުން ސަލާމަތްވުމަށް މަސައްކަތް ކުރުމެވެ.

ހިއްސާ ކުރައްވާ!