ހަނގުރާމަ ހުއްޓާލުމަށް އީޔޫގެ ފޮރިން ޕޮލިސީ ޗީފް ކަލަސް ގޮވާލައްވައިފި

އީރާނާ ދެކޮޅަށް ކުރަމުންދާ ޓެރަރިސްޓް ހަނގުރާމަ ހުއްޓާލުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ފޮރިން ޕޮލިސީ ޗީފް ކާޔާ ކަލަސް، އެމެރިކާއަށާއި އިސްރާއީލަށް ގޮވާލައްވައިފިއެވެ. ބްރަސަލްސްގައި ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ކަލަސް ވިދާޅުވީ، މި ހަނގުރާމަ ހުއްޓުވުމަށްޓަކައި ސަރަހައްދީ ގައުމުތަކުގެ ސަރުކާރުތަކާއެކު އީޔޫއިން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ހުރުމުޒު ކަނޑުއޮޅީގައި ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ޔޫރަޕުން ބައިވެރިވުމުގެ ފުރުސަތު އަދިވެސް އޮތްކަން ފާހަގަކުރައްވަމުން ކަލަސް ވިދާޅުވީ، އެކަން ބޮޑަށް ބުރަވަނީ ޑިޕްލޮމެޓިކް ހައްލަކަށް ކަމަށެވެ. ހުރުމުޒު ކަނޑުއޮޅިއަކީ ތެލާއި ގޭސް އަދި އެހެނިހެން މުދާ އުފުލާ މައިގަނޑު މަގަކަށްވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ސަރަހައްދުގައި ހިންގާ އަސްކަރީ މިޝަނުގައި ބައިވެރިވުމަށް ގޮވާލެއްވި ގޮވާލެއްވުމަށް ޔޫރަޕްގެ ގިނަ ގައުމުތަކުން ވަނީ ދެކޮޅު ހަދާފައެވެ.

ޔޫރަޕްގެ ލީޑަރުން ވިދާޅުވަމުންދަނީ އެ ގައުމުތަކުން ފެށި ހަނގުރާމައެއް ނޫން ކަމަށްވާތީ، އެ ހަނގުރާމައިގެ ތެރެއަށް ސިފައިން ފޮނުވައި ނުރައްކަލަށް ހުށަހަޅަން ބޭނުންނުވާ ކަމަށެވެ. އެމެރިކާގެ ބައެއް ނިންމުންތަކާއި އީރާނާ މެދު ގެންގުޅޭ ސިޔާސަތުތައް ޔޫރަޕަށް ފަހުމް ނުވާކަމަށް ކަލަސް ވިދާޅުވިއެވެ. ނަމަވެސް ޓްރަމްޕްގެ ނިންމުންތަކުގައި ހުންނަ ނޭނގޭ ގޮތްތަކަށް ޔޫރަޕުން މިހާރު ހޭނިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ހަނގުރާމަ ހުއްޓާލުމަކީ އެންމެންގެ މަސްލަހަތު އޮތް ގޮތް. ހަނގުރާމައެއް ފެށުމަކީ ފަސޭހަ ކަމެއް ނަމަވެސް، ނިންމާލުމަކީ އުނދަގޫ ކަމެއް،" ކަލަސް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ގަލްފް ގައުމުތަކާއި، ޖޯޑަން އަދި މިސްރާއެކު މަޝްވަރާކޮށް، ހުރިހާ ފަރާތްތަކަކަށްވެސް އަބުރު ސަލާމަތްކުރެވޭނެ ފަދަ ގޮތަކަށް މައްސަލައިން އަރައިގަނެވޭނެ ހުށަހެޅުންތަކެއް ތައްޔާރުކުރަމުންދާ ކަމަށެވެ.

ހަނގުރާމައިގެ ސަބަބުން ހަކަތައިގެ އަގުތަކަށް ސީދާ އަސަރުކުރަމުންދާކަން ފާހަގަކުރައްވައި، ކަލަސް ވަނީ ޔޫކްރެއިންގެ ގޮވާން ބޭރުކުރުމަށް އދ. މެދުވެރިވެގެން ހެދި "ބްލެކް ސީ ގްރެއިން އިނީޝިއޭޓިވް" ފަދަ އެއްބަސްވުމެއް ހުރުމުޒު ކަނޑުއޮޅިއަށްވެސް ގެނައުމުގެ ޚިޔާލު ހުށަހަޅުއްވާފައެވެ. މިކަމާ ގުޅޭގޮތުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ މަޝްވަރާކޮށްފައިވާ ކަމަށާއި، އދ. އިން އެކަމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!