އަފްޣާނިސްތާނުގެ ހޮސްޕިޓަލަކަށް ޕާކިސްތާނުން ލައިލަތުލްޤަދްރި ވިލޭރޭ ބޮންއެޅުން އިންޑިއާ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާގައި މަދުވެގެން ހަސްފަތާލުން 400 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުގެ ޑެޕިއުޓީ ތަރުޖަމާނު ހަމްދުﷲ ފިތުރަތު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ހަމަލާ އަމާޒުވެފައިވަނީ ކާބުލްގައި ހުންނަ 2،000 އެނދުގެ 'އުންމީދު އެޑިކްޝަން ޓްރީޓްމަންޓް ހޮސްޕިޓަލް' އަށް ކަމަށެވެ. މި ހަމަލާ ދީފައިވަނީ އަފްޣާނިސްތާންގައި މީހުން ތަރާވީޙު ނަމާދު ނިންމި ތަނާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "މާޗް 16 ވަނަ ދުވަހުގެ ރޭ ކާބުލްގެ އުންމީދު އެޑިކްޝަން ޓްރީޓްމަންޓް ހޮސްޕިޓަލަށް ޕާކިސްތާނުން ދިން ލާއިންސާނީ ހަމަލާ އިންޑިއާއިން އެއްވެސް ޝަރުތަކާ ނުލައި ކުށްވެރިކުރާ" ކަމަށެވެ. އަދި މިއީ އެއްވެސް ހާލެއްގައި އަސްކަރީ އަމާޒެއްގެ ގޮތުގައި ބެލެވޭނެ ތަނެއް ނޫން ކަމަށާއި، މިއީ ފިނޑި އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އިންޑިއާއިން ބުނެފައިވެއެވެ.
މި ތުހުމަތުތަކާ ގުޅިގެން އިސްލާމްއާބާދުން ވަނީ ހޮސްޕިޓަލަށް ހަމަލާދިން ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ. ޕާކިސްތާނުން ބުނާ ގޮތުގައި އެގައުމުގެ ސިފައިން ހަމަލާދީފައިވަނީ ހަމައެކަނި ކާބުލް އަދި ނަންގަހާރު ޕްރޮވިންސްގައި ހުރި އަސްކަރީ މަރުކަޒުތަކަށެވެ.
މި ހަމަލާގައި ގިނަ އަދަދެއްގެ އާންމުން މަރުވެފައިވާއިރު، މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފަށް ދީފައިވާ ހަމަލާއެއްގެ ގޮތުގައި އިންޑިއާއިން ވަނީ ސިފަކޮށްފައެވެ.







