ނޭޓޯއަށް ބިލިއަނުން ޚަރަދުކުރީމަވެސް އެމީހުންގެ އެހީތެރިކަމެއް ނުލިބޭ: ޓްރަމްޕްގެ ޝަކުވާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ނޭޓޯއާއި ބައިނަލްއަގުވާމީ މުޖުތަމައުގެ ބައެއް ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ހުރުމުޒް ކަނޑުއޮޅި ހުޅުވުމުގައި އެހީތެރިކަން ނުލިބޭތީ ޝަކުވާ ކުރައްވައިފިއެވެ. އޯވަލް އޮފީހުގައި މީޑިއާއާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ނޭޓޯގެ ދިފާއުގައި އެމެރިކާ އިން ބިލިއަނުން ޑޮލަރު ޚަރަދުކުރި ނަމަވެސް، އެމެރިކާއަށް ބޭނުންވި ވަގުތު އެ ޖަމާއަތުގެ އެހީތެރިކަން ނުލިބުނު ކަމަށެވެ.

އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ އާ މެދު މާޔޫސްވެފައިވާކަން ހާމަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ ކާމިޔާބުވުމަށްފަހު ހަނގުރާމަމަތީ މަތިންދާބޯޓުތައް ފޮނުވާނެ ކަމަށް ސްޓާމަރ އިއުލާން ކުރެއްވި ކަމަށެވެ. "ހަނގުރާމަ ކާމިޔާބުވުމަށްފަހު ތިޔަބޭފުޅުންގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކުގެ ބޭނުމެއް ނެތް ކަމަށް ބޮޑުވަޒީރަށް ދެންނެވިން،" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވަނީ ޗައިނާއާއި އެހެނިހެން ގައުމުތަކުން ހުރުމުޒްގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަނޑުގެ ސިފައިންގެ ފްލީޓްތައް ފޮނުވުމަށް އެދިވަޑައިގެންފައެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ޗައިނާގެ 90 އިންސައްތަ، ޖަޕާނުގެ 95 އިންސައްތަ އަދި ކޮރެއާގެ 35 އިންސައްތަ ތެޔޮ ދަތުރުކުރަނީ މި ސަރަހައްދުންނެވެ. އެމެރިކާ އިން މިހާރު އިރާނުގެ ކަނޑުގެ އަދި ވައިގެ ދިފާއީ ނިޒާމުތައް ނައްތާލާފައިވާ ކަމަށާއި، މި ސަރަހައްދުން ތެޔޮ އުފުލާ ގައުމުތަކުން މިހާރު ކުރިއަށް ނުކުންނަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

އިރާނުގެ މަސްރަހާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ، އެ ގައުމުގައި މިހާރު މަޝްވަރާ ކުރެވޭނެ ފަދަ ލީޑަރޝިޕެއް ނެތް ކަމަށެވެ. އަދި އިރާނުގެ އާ ސުޕްރީމް ލީޑަރު ދުނިޔޭގައި ހުންނެވި ކަމާމެދު ވެސް ޝައްކު އުފެއްދެވިއެވެ. "އަނިޔާވެރި ބައެއްގެ އަތުގައި ނިއުކްލިއާ ހަތިޔާރު އޮވެގެން ނުވާނެ. އިރާނުގެ އަތުގައި ނިއުކްލިއާ ބޮމެއް އޮތް ނަމަ އެމެރިކާއާ ދެކޮޅަށް އެ ބޭނުންކުރާނެ،" ޓްރަމްޕް ވިދާޅުވިއެވެ.

ހަނގުރާމަ މި ހަފުތާގައި ނިމޭނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، ސީދާ ވަގުތެއް ބުނަން ނޭނގުނު ނަމަވެސް ވަރަށް އަވަހަށް ހަނގުރާމަ ނިމޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!