ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް، ރަމަޟާން މަހުގެ 29 ވިލޭރޭގެ ބަރަކާތްތެރި ވަގުތުތަކުގައި ހިލޭ އަންހެން ކުއްޖަކާއެކު އެކަހެރި ސަރަޙައްދެއްގައި ނާތަހުޒީބު އަމަލެއްގައި އޮއްވައި ރައްޔިތުންނަށް އަތުލައިގަނެވި، އެ ސިޓީގައި ބޮޑު ހަމަނުޖެހުމެއް ހިންގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 3:00 ހާއިރު، ގިނަ ބަޔަކު ދަމުނަމާދަށް ދިއުމަށް ތައްޔާރުވަމުންދިޔަ ވަގުތެއްގައި، އެއާޕޯޓް ސަރަޙައްދުގެ އެކަހެރި ދިމާލެއްގައެވެ.
މި ހާދިސާގެ މަންޒަރުތައް "Ahsan Abbe" ނަމަކަށް ކިޔާ ފޭސްބުކް އައިޑީއަކުން ވަގުތުން ލައިވްކޮށްފައިވާއިރު، މޭޔަރު އާތިފް އޭނާގެ ކާރުގައި އަންހެން ކުއްޖަކު ގޮވައިގެން އޮއްވައި އެ ކުއްޖާގެ ބައްޕަ އެތަނަށް ގޮސް ދަރިފުޅު ސަލާމަތްކުރަން ކުރި އާދޭސްތަކަށް އާތިފް ވަނީ ބީރު ކަންފަތެއް ދީފައެވެ. ކާރުގެ ދޮރުތައް ތަޅުލައިގެން އިނދެ، އާއިލާގެ ކަރާމާތަށް ފުރައްސާރަކުރުމަށްފަހު، އާތިފް ވަނީ އެ ކުއްޖާ ގޮވައިގެން ބާރު މިނުގައި ކާރު ދުއްވާފައި ގޮސްފައެވެ.
މި ކަމާ ގުޅިގެން ރަށުގެ މަސްލަހަތު އިތުރަށް ގޯސްވެގެން ދިޔައީ، މޭޔަރުގެ ދިފާއުގައި އެމް.ޑީ.ޕީގެ ސަޕޯޓަރުންތަކެއް ނުކުމެ، ކާރު ފަހަތުން ދިޔަ އާންމު ރައްޔިތުންގެ ގައިގައި ސައިކަލުތަކުން ޖައްސައި، ލޭއޮހޮރުވުމަކަށް މަގުފަހިވާ ފަދަ ހަމަލާތަކެއް ދޭން ފެށުމުންނެވެ. މި ބިރުވެރި މަންޒަރުތައް ވެސް ވަނީ ވީޑިއޯތަކަށް އަރާފައެވެ. ފުލުހުން އެ ސަރަޙައްދަށް ހާޒިރުވެ، ސުލްހަވެރިކޮށް މައްސަލަ ހައްލުކުރަން އުޅުމުންވެސް، މޭޔަރު ވަނީ ފުލުހުންގެ އަމުރަށް ގޮންޖަހައި، ކާރު ދުއްވާފައި ގޮސް ޕޮލިސް ސްޓޭޝަން ތެރެއަށް ވަދެގަނެފައެވެ.
އަދި އެތަނަށް އެއްވެ ތިބި ރައްޔިތުންނަށް ފިލައިގެން، ފުލުހުންގެ އެހީތެރިކަމާއެކު އެ އަންހެން ކުއްޖާ ސިއްރުން ގެއަށް ފޮނުވާލާފައިވަނީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަމުންނެވެ. މުޅި އިސްލާމީ އުންމަތް އަޅުކަމުގައި މަޝްއޫލުވެ އުޅުނު ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ރޭތަކުގައި، ސިޓީގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުރި މީހެއްގެ ފަރާތުން ފެނިގެންދިޔަ މި ފާހިޝް އަމަލުގެ ސަބަބުން ކުޅުދުއްފުށީގެ ރައްޔިތުން ތިބީ އިންތިހާއަށް ކޯފާވެފައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ދެވަނަ ދައުރަކަށް އެމް.ޑީ.ޕީގެ ޓިކެޓުގައި ކުރިމަތިލައްވައިގެން ހުންނެވި އާތިފްގެ މައްޗަށް މީގެ ކުރިންވެސް ކުރެވެމުންދިޔަ ބަދުއަޚުލާޤީ ތުހުމަތުތަކަކީ ހަޤީޤަތެއްކަން މި ހާދިސާއިން ވަނީ ސާފުވެފައެވެ. މިފަދަ ލަދުވެތި އަދި ދަށުދަރަޖައިގެ އަމަލެއް ހިންގުމަށްފަހު، އާތިފަށް އިތުރަށް ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ދައްކާނެ މޫނެއް ނެތްކަމަށް ބުނެ ގިނަ ބަޔަކު ދަނީ އޭނާގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.


