އިންޑިއާގެ އިއާދަކުރަނިވި ހަކަތައިގެ އަމާޒުތަކަށް އެފްރިކާގެ މައުދަންތައް

ޒަމާނީ ހައި-ޓެކް، ގްރީން އެނާޖީ އަދި ދިފާއީ ސިނާއަތްތަކަށް ކޮންމެހެން ބޭނުންތެރި ނާދިރު 'ރެއަރ އާތު އެލެމެންޓްސް' މައުދަންތައް ހޯދުމަށް އިންޑިއާއިން އެފްރިކާގެ ގައުމުތަކާއެކު އޮންނަ ގުޅުން އާ ހަރުފަތަކަށް ގެންގޮސްފިއެވެ. މި ގުޅުމަކީ ދެ ފަރާތުގެ ތަރައްގީގެ ބޭނުންތަކާއި އިންޑިއާގެ ތިމާވެއްޓާ ރައްޓެހި ހަކަތައަށް ބަދަލުވުމުގެ އަމާޒަށް ވާސިލްވުމަށް އެކުލަވާލާފައިވާ އެހީތެރިކަމުގެ ގުޅުމެކެވެ.

އެފްރިކާގެ ގައުމުތަކާއެކު އާންމުކޮށް ކުރެވޭ ވިޔަފާރީގެ އެއްބަސްވުންތަކަކީ އެ ގައުމުތަކުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމަށް ބިނާވެފައިވާ އެއްބަސްވުންތަކެއް ނަމަވެސް، އިންޑިއާއާއެކު އޮތް މި ގުޅުން ފާހަގަކުރެވެނީ އެފަދަ އުސޫލުތަކާ ދުރު، ދެ ފަރާތަށްވެސް ފައިދާހުރި ގުޅުމެއްގެ ގޮތުގައެވެ. ދުނިޔޭގެ މިފަދަ މައުދަންތަކުގެ 90 އިންސައްތަ ކޮންޓްރޯލް ކުރަނީ ޗައިނާއިން ކަމަށްވާއިރު، ޗައިނާއިން މި މައުދަންތައް އެކްސްޕޯޓް ކުރުން ހަރުކަށި ކުރުމާ ގުޅިގެން އިންޑިއާއިން ދަނީ އިތުރު މަގުތައް ހޯދަމުންނެވެ.

އެމެރިކާއާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން ސަޕްލައި ޗެއިންއަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއެކު، އިންޑިއާގެ 'ކްރިޓިކަލް މިނަރަލް މިޝަން' ގައި އެފްރިކާގެ ދައުރު ވަނީ ވަރަށް ބޮޑުވެފައެވެ. މި މިޝަންގެ މައިގަނޑު މަގްސަދަކީ އެފްރިކާގެ ގައުމުތަކާ ގުޅިގެން މައުދަންތައް ލިބޭނެ ދާއިމީ އަދި އިތުބާރު ހުރި ނިޒާމެއް ގާއިމްކުރުމެވެ.

ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި އިންޑިއާއިން ވަނީ އެފްރިކާގެ ގައުމުތަކުގައި މިފަދަ މައުދަންތައް ހޯދުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ. މީގެ ތެރޭގައި ނިއޯޑިމިއަމް، ޑިސްޕްރޯސިއަމް، ކޮބަލްޓް އަދި ލިތިއަމް ފަދަ މުހިންމު މައުދަންތައް ހިމެނެއެވެ. މި މަސައްކަތުގެ ސަބަބުންދުނިޔޭގެ ދެކުނު ގެ ގައުމުތަކުގެ ތަރައްގީއަށްވެސް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

މި ޕާޓްނަޝިޕްގެ ދަށުން ޓެކްނޮލޮޖީ ބަދަލުކުރުމާއި، ގުޅިގެން ވިޔަފާރި ކުރުމުގެ އިތުރުން، ދިގު މުއްދަތުގެ 'އޮފް-ޓޭކް' އެއްބަސްވުންތައް އެކުލަވާލެވެއެވެ. މީގެ ސަބަބުން އެފްރިކާ ބައްރުގައި ސިނާއީ މަސައްކަތްތައް ކުރިއަރައި، މައުދަންތަކުގެ އަގު އެ ގައުމުތަކުގައި އިތުރުކުރުމުގެ ފުރުސަތުތައް ފަހިވެގެންދާނެއެވެ.

ހިއްސާ ކުރައްވާ!