ސައޫދީން ޕާކިސްތާނަށް: ޔޫއޭއީ އިންޑިއާއާއެކު

އިންޑިއާއާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު 3 ބިލިއަން ޑޮލަރުގެ ލިކުއިފައިޑް ނެޗުރަލް ގޭސް  ސަޕްލައި ކުރުމުގެ ބޮޑު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދިޔަ މުހިންމު ފިޔަވަޅެކެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޔޫއޭއީގެ ރައީސް ޝެއިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އިންޑިއާގެ ނިއުދިއްލީއަށް ކުރެއްވި ދެ ގަޑިއިރުގެ ކުރު ދަތުރުފުޅެއްގައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ބާއްވަވާފައެވެ.

މި އެއްބަސްވުމުގެ ދަށުން، ޔޫއޭއީގެ އެޑްނޮކް ގޭސް އިން ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި އަހަރަކު 0.5 މިލިއަން މެޓްރިކް ޓަނުގެ އެލްއެންޖީ އިންޑިއާގެ ހިންދުސްތާން ޕެޓްރޯލިއަމްއަށް ފޯރުކޮށްދޭނެއެވެ.

  • އެނާޖީ އެއްބަސްވުމުގެ އިތުރުން، ކުރިއަށް އޮތް 6 އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 200 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް ދެ ގައުމުގެ ލީޑަރުން ވަނީ އެއްބަސްވެފައެވެ.
  • އާ އެއްބަސްވުމާއެކު އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތަކުގެ ޖުމްލަ އަގު 20 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާނެއެވެ.
  • އިންޑިއާއަކީ އެޑްނޮކް ގޭސް ކުންފުނީގެ "އެންމެ ބޮޑު ކަސްޓަމަރު" ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
  • ދިފާއީ ދާއިރާއިން ސްޓްރެޓީޖިކް ޕާޓްނަޝިޕެއް ގާއިމުކުރުމަށް މަސައްކަތް ކުރުމުގެ ލެޓަރ އޮފް އިންޓެންޓެއްގައިވެސް ދެ ގައުމުން ވަނީ ސޮއިކޮށްފައެވެ.
  • މި އޮނިގަނޑުގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުންތަކުގެ ތެރެއަށް އިންޑިއާ ނުވަންނާނެ ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވިއެވެ.

މި ދަތުރުފުޅު ކުރައްވާފައި މިވަނީ ސަރަހައްދީ ގުޅުންތަކަށް ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ޕާކިސްތާނުން ސައުދީ އަރަބިއްޔާއާއި ތުރުކީއާއެކު ދިފާއީ ގުޅުން ވަރުގަދަ ކުރަމުންދާއިރު، ސައުދީއާއި ޔޫއޭއީގެ ގުޅުމަށް ބައެއް ސިޔާސަތުތަކުގެ ސަބަބުން ވަނީ ވަޅޯކަމެއް އައިސްފައެވެ.

މިފަދަ ސަރަހައްދީ ބަދަލުތަކެއް ހުރި ނަމަވެސް، ނިއުދިއްލީއާއި އަބޫދާބީން ވަނީ ހަކަތައިގެ ވިޔަފާރިއާއި ދިގު މުއްދަތުގެ ސްޓްރެޓީޖިކް ގުޅުންތަކުގެ މައްޗަށް ބިނާކޮށް، އިގްތިސާދީ އަދި ސަލާމަތީ ގޮތުން އޮތް ގުޅުން އިތުރަށް ބަދަހިކުރާނެ ކަމުގެ ސިގްނަލް ދީފައެވެ.

ހިއްސާ ކުރައްވާ!