އެމެރިކާގެ އެފް-35 މަރުކާގެ ބޯޓެއް ވައްޓާލި ފުރަތަމަ ގައުމަށް އީރާން ވެއްޖެ

އެމެރިކާގެ ޓެރަރިސްޓް ސިފައިން ބޭނުންކުރާ އެންމެ ޒަމާނީ އަދި އެންމެ ވަރުގަދަ ފައިޓަރ ޖެޓް ކަމަށްވާ އެފް-35 މަރުކާގެ ބޯޓެއް ގޮއްވާލި ފުރަތަމަ ގައުމުގެ ޝަރަފް އީރާނުން ހޯދައިފިއެވެ. މިއީ ދުނިޔޭގެ ތާރީޚުގައިވެސް މި މަރުކާގެ ބޯޓަކަށް މިފަދަ ހަމަލާއެއް އަމާޒު ކޮށްފައިވާ ފުރަތަމަ ފަހަރެވެ.

އީރާނުގެ މީޑިއާއިން ވަނީ އީރާނުގެ ރާޑަރުތަކަށް މި ބޯޓު އަރާފައިވާ މަންޒަރުތައް އާންމުކޮށްފައެވެ. ގާތްގަނޑަކަށް 100 މިލިއަން ޑޮލަރަށްވުރެ އަގުބޮޑު މި ބޯޓަކީ ރޭޑާއަށް ނާރާ ގޮތަށް އުފައްދާފައިވާ 'ސްޓެލްތު' ބޯޓެއް ކަމަށް އެމެރުިކާ ބުނެއެވެ.

މި ބޯޓަށް ހަމަލާދީފައިވާކަން އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ތަރުޖަމާނު ކެޕްޓަން ޓިމް ހޯކިންސް ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ބޯޓަށް ހަމަލާ އަމާޒުވީ އީރާނުގެ ހަމަލާއަކުން ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް، އެއީ ބިމުން ފޮނުވާލި މިސައިލެއް ނުވަތަ ވައިގެ ދިފާއީ ނިޒާމެއްގެ ހަމަލާއެއް ކަން އަދި ކަށަވަރު ނުވާ ކަމަށެވެ.

މި ހާދިސާ ހިނގާފައި މިވަނީ އީރާނުގެ ވައިގެ ދިފާއީ ނިޒާމުތައް އެއްކޮށް ސުންނާފަތިކޮށްލެވިފައިވާ ކަމަށް ޕްރޮޕެގެންޑާ ކޮށް ދޮގު ވާހަކަ، އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވިދާޅުވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ! މިއާއެކު، އީރާނުގެ އަސްކަރީ ގާބިލުކަމާ މެދު އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ހަދަމުންދާ ދޮގުތަކުގެ ހަގީގަތް މިހާރު ދުނިޔެއަށް ވަނީ ބޭޒާރު ވެފައެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އިން މި ހަމަލާގެ ޒިންމާ އުފުލާފައި ވެއެވެ. އެމެރިކާގެ ސިފައިން ބުނަމުންދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. މި ތަހުގީގުގެ މައިގަނޑު ބޭނުމަކީ ރާޑަރުތަކަށް ނުފެންނަ ގޮތަށް ފަރުމާކޮށްފައިވާ މި ޒަމާނީ ބޯޓު އީރާނުގެ ރާޑަރުތަކަށް ފެނި، ހަމަލާ އަމާޒުކުރެވުނު ގޮތާއި އޭގައި ހުރި ނާޒުކު ސިފަތައް ދެނެގަތުމެވެ.

މި ހާދިސާއަކީ ފަސްވަނަ ޖީލުގެ މިފަދަ ވަރުގަދަ ބޯޓަކަށް ހަމަލާ ދިން ފުރަތަމަ ފަހަރު ކަމަށްވާތީ، މިއީ އެމެރިކާގެ ޓެރަރިސްޓް ހަމަލަތަކާ ދެކޮޅަށް އީރާނުން ހޯދި ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބަލަން ޖެހެއެވެ.

ހިއްސާ ކުރައްވާ!