އިންޑިއާގައި މިއަދަކީ ފިތުރު އީދު ދުވަހެވެ. އިންޑިއާގެ ރައިސާއި ބޮޑު ވަޒީރު ވަނީ މުސްލިމުންނަށް އީދުގެ މުނާސަބާގެ ތަހުނިޔާ ފޮނުއްވާފައެވެ.
އިންޑިއާގައި އީދު ނަމާދުކޮށްފައި ވަނީ ހެނދުނު 6.15 އިން ފެށިގެން 6.45 އާ ދެމެދު އެވެ،. އެކި ސިޓީތަކުގައި އެކި ގަނޑިތަކުގައެވެ.
އިދިކޮޅު ދީންތަކުގެ މީހުންގެ ފަރާތުން މުސްލިމުންނާ ދެކޮޅަށް ހަމަނުޖެހުން ހިންގާފައިވާ ކަމަށް ރިޕޯޓު ކޮށްފައެެއް ނުވެއެވެ.
ކަރްނާޓަކާގެ ޗީފް މިނިސްޓަރ ވަނީ އީދު ނަމާދުގައި ބައިވެރިވެ ވަޑައިގެންފައެވެ.

ވެރިކަން ކުރާ ބީޖޭޕީގެ މުޚުތާރު ނަގްވީއާއި އައްބާސް އަންސާރީވެސް ލަކްނައުއާއި ދިއްލީގައި އީދު ނަމާދުގެ ޖަމާއަތުގައި ބައިވެރިވެފައި ވެއެވެ.
ބީޖޭޕީ ވެރިކަން ކުޜާ ނޫން ބައެއް ސްޓޭޓްތަކުގައި އީދު ނަމާދު ކޮށްފައިވަނީ ސްޓޭޑިއަމް ތަކުގައެވެ.
އެހެން ސިޓީތަކުގައި އީދު ނަމާދު ކުރުމަށް ޚާއްސަ އީދުގާހް ތަކުގައިވެސް އީދުކޮށްފައި ވެއެވެ.
ބައެއް ސިޓީތަކުގައި ހަމަނުޖެހުމެއް ނެތި އާންމު މަގުތަކުގައިވެސް މީހުން ވަނީ އީދުނަމާދުކޮށްފައެވެ.
ޖައިޕޫރުގައި މުސްލިމުންނާއި ހިންދީންގެ އެއްބައިވަންތަކަށް މަސައްކަތް ކުރާ ހިންދީންގެ ޖަމުއިއްޔާއަކުން ވަނީ އީދުކޮށްގެން ދިޔަ މީހުންނަށް މަލުން ހަދިޔާ ދީފައެވެ.
ވެސްޓް ބެންގާލްގައި މަގުތައް ފުރާލައިގެން މީހުން ނަމާދު ކުރުމުން ޗީފް މިނިސްޓަރ މަމްތާ ބެނަރްޖީ ވަނީ އެއީ އެސްޓޭޓްގެ މީހުންގެ އެއްބައިވަންތަކަން ކަމަށް ވިދާޅުވެ ތައުރީފު ކުރައްވާއެވެ. މި ޗީފް މިނިސްޓަރަކީ އިސްލާމީ ތާރީޚުން މާސްޓާޒް ހައްދަވާފައިވާ ބޭކަނބަލެކެވެ.




