ކޮލޮމްބިއާގެ ރައީސް ޕެޓްރޯ ވަގަށް ނަގަން އެމެރިކާއިން ރާވަނީ

ވެނެޒުއެލާގެ ރައީސް ވަގަށް ނަގަން އެމެރިކާއިން ކަން ކުރި ގޮތަށް ކޮލޮމްބިއާގެ ރައީސް ވަގަށް ނަގަން ރާވަން އެމެރިކާއިން މަސއްކަތް ފަށައިފިއެވެ. އެމެރިކާގެ ޕްރޮސެކިއުޓަރުން ބުނަނީ ކޮލޮމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯއާ ގުޅޭ ދެ ޖިނާއީ ތަހުގީގެއް ކުރިއަށްގެންދާކަމަށެވެ. ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ތަހުގީގުތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ލެޓިން އެމެރިކާގެ މަސްތުވާތަކެތީގެ ވަގުފާރިއަށެވެ.

މިފަދަ ގިނަ ކަންކަމަކީ އެމެރިކާއިން ހެކި އުފައްދައިގެން ކުރިއަށް ގެންދާ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް ކަންކަމެވެ.

އެމެރިކާއިން ބުނަނީ 2022 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނަށް ފައިސާ ހޯދުމަށް ޕެޓްރޯ މަސްތުވާތަކެތީގެ ވިޔަފާރިކުރެއްވި ކަމަށެވެ. އެމެރިކާއަށް އެކަމާ ގުޅޭ ސާބިތު ހެކި ދެއްފައި ނެތް ކަމަށް ނިއުޔޯކް ޓައިމްސްއިން ބުނެއެވެ.

ރައީސް ޕެޓްރޯ ވަނީ އެމެރިކާގެ ތުހުމަތުތައް ވަގުތުން ދޮގުކުރައްވާފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ "އަޅުގަނޑުގެ މުޅި ހަޔާތުގައިވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކާ ވާހަކަދައްކާފައެއް ނުވާނެ" ކަމަށެވެ. އަދި ކެމްޕޭން މެނޭޖަރުންނަށްވެސް ބޭންކަރުންނާއި މަސްތުވާތަކެތީގެ ވިޔަފާރިވެރިންގެ އަތުން އެހީ ނުހޯދުމަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާއިން މި ވާހަކަ އުފައްދައިގެން މިއުޅެނީ ކޮލޮމްބިއާގެ ރިޔާސީ އިންތިޚާބަށް ދެ މަސް ދުވަހަށް ވެފައި ވަނިކޮށެވެ. މިއީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް ކަމަށް ބެލެވެއެވެ.

ފެޓްރޯ އަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފާޑު ވިދާޅުވާ އަދި ނިއުޔޯކަށް އެންމެ ފަހުން ކުރެއްވި ދަތުރުގައިވެސް ޓްރަމްޕަށް މަލާމާތް ކުރެއްވި ބޭފުޅެކެވެ.

ޕެޓްރޯ ވަގަށް ނެގުމުގެ ވާހަކައާ ގުޅިގެން ނޫސްވެރިއަކު ޓްރަމްޕާ ސުއާލު ކުރުމުން ބުނެފައި ވަނީ އެއީ ކުރަން "ރަނގަޅު ކަމެއްގެ ގޮތުގައި ފެންނަ" ކަމެއް ކަމަށެވެ.

ހިއްސާ ކުރައްވާ!