ކަޝްމީރުގައި އީދު ނަމާދު ކުރިޔަ ނުދޭތާ މިއީ 8 ވަނަ އަހަރު

އިންޑިއާއިން ކަޝްމީރުގެ މައި މިސްކިތް ކަމަށްވާ ސިރީނަގަރްގެ ޖާމިއާ މަސްޖިދުގައި އީދު ނަމާދު ކުރުމުގެ ފުރުސަތު މިއަހަރުވެސް ކަޝްމީރުގެ ރައްޔިތުންނަށް ދީފައެއް ނުވެއެވެ. މިއީ ޖެހިޖެހިގެން މި މިސްކިތުގައި އީދު ނަމާދު ކުރިޔަ ނުދޭތާ 8 ވަނަ އަހަރެވެ.

ކަޝްމީރު މީޑިއާ ސާވިސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންޑިއާގެ ސަލާމަތީ ބާރުތަކުން ވަނީ ޖާމިއާ މަސްޖިދުގައި ތަޅު އަޅުވައި ބަންދުކޮށްފައެވެ. އަދި މިސްކިތް ހިމެނޭ ސަރަހައްދުގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

މީގެ އިތުރުން، ހުއްރިއްޔާތު ކޮންފަރެންސްގެ ލީޑަރު މީރުވާއިޒް އުމަރު ފާރޫގު އަދިވެސް ހުންނެވީ ގޭބަންދުގައެވެ. އޭނާ އިއްޔެ ވެސް ގޭބަންދުގައި ބެހެއްޓުމުގެ ސަބަބުން ހުކުރު ނަމާދަށް ވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގެންފައެއް ނުވެއެވެ.

ކަޝްމީރު މީޑިއާ އިން ފާހަގަކޮށްފައިވާ ގޮތުގައި، 2019 ވަނަ އަހަރު ކަޝްމީރަށް ދީފައި އޮތް ހާއްސަ އިމްތިޔާޒުތައް އިންޑިއާ ސަރުކާރުން އުވާލި ފަހުން، ކޮންމެ އީދެއްގައި ސިރީނަގަރްގެ އެންމެ މައި މިސްކިތް ކަމަށްވާ ޖާމިއާ މަސްޖިދު ދަނީ ބަންދުކުރަމުންނެވެ. މިއީ ކަޝްމީރުގެ ރައްޔިތުންގެ ދީނީ މިނިވަންކަމަށް ހުރަސް އެޅުމުގެ ގޮތުން ކުރަމުންދާ ކަމެއްގެ ގޮތުގައި އެ ސަރަހައްދުގެ މީޑިއާއިން ސިފަކުރެއެވެ.

ހިއްސާ ކުރައްވާ!