ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ރާއްޖޭގެ ތަރައްގީގެ ދުވެއްޔަށް ވަރަށް ބޮޑު ނުފޫޒެއް ފޯރުވާނެ އިންތިހާބެކެވެ. މި އިންތިހާބާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ގައުމުގެ ތަރައްގީ މަޑުޖައްސަން އެއްވެސް ފުރުސަތެއް ނުދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް މަސައްކަތްކުރާނެ މަންދޫބުން ކައުންސިލްތަކަށް ހޮވުމަކީ ރައްޔިތުންނަށް ލިބޭ ހިދުމަތްތައް އަވަސްވެ، ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ދިއުމަށް އޮތް އެންމެ ބޮޑު ބާރެވެ.
"ސިޔާސީ ސަކަރާތް ޖެހުމާއި، ސިޔާސީ ޖަގަޑާ ހެދުމާއި، އެކި ކަހަލަ ގޮތްގޮތުން ރައްޔިތުންނާއި ސަރުކާރާ ދޭތެރެއަށް ހުރަސްތަކެއް ކުރިމަތިވާނެ ފުރުސަތު ކައުންސިލް އިންތިހާބުގައި ނުދެއްވާށޭ، މި ސަރުކާރު މި އޮތީ އަޅުގަނޑުމެންގެ ރައްޔިތުންނާއި އެކީގަ" ރައީސް ޑރ. މުޢިއްޒު
ޕީއެންސީން ބޭއްވި ކެމްޕޭން އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރަކީ ރައްޔިތުންގެ ފަޅީގައި އޮތް އަދި ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ ސަރުކާރެއް ކަމަށެވެ. ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ހީނަރުވެ، އިދިކީލަ ވިސްނުންތަކެއް ވަންނަން ފަށައިފިނަމަ، އޭގެ ނޭދެވޭ އަސަރު ކުރާނީ ސީދާ ރައްޔިތުންނަށެވެ. އެހެންކަމުން، ސިޔާސީ ހަލަބޮލިކަމާއި ޖަގަޑާ ހެދުމުގެ ބަދަލުގައި، ސަރުކާރާއެކު އެއް މިސްރާބަކަށް މަސައްކަތްކުރާނެ ބަޔަކު އިސްކުރުމަކީ މިއަދު ގައުމަށް އެންމެ ފައިދާހުރި ގޮތެވެ.
"އެކަމަށް ޖާގަ ނުދެއްވައި، ރައްޔިތުންނާއި އެކީގައި މި އޮތް ސަރުކާރު، ރައްޔިތުންނާއި އެކީގައި ހިތްވަރާއެކު ކުރިއަށް ވަޑައިގަންނަވާ، އަޅުގަނޑުމެންގެ ފަރާތުން ކުރިމަތިލާފައިވާ 1300 އަށްވުރެ ގިނަ ކެންޑިޑޭޓުން ހެޔޮހިތުން ބަލައިގަނެ ހޮއްވަވައިދެއްވާށޭ" ރައީސް ޑރ. މުޢިއްޒު
ރައީސް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ވެފައިވާ ވައުދުތައް ބާރު ސްޕީޑްގައި ކުރިއަށްދާއިރު، އެ ކަންކަމަށް ހުރަސްއަޅާނެ ބަޔަކު ކައުންސިލްތަކަށް ހޮވުމަކީ ތަރައްގީ މަޑުޖެހިގެންދާނެ ކަމެކެވެ. ކައުންސިލްތަކަކީ ސަރުކާރުގެ ސިޔާސަތުތައް ރަށްރަށުގައި ތަންފީޒުކުރުމަށް އޮތް އެންމެ މުހިންމު ބާރެވެ. އެ ބާރުގެ ބޭނުން ހިފައިގެން ތަރައްގީއަށް ހުރަސްއަޅައި، އެކި ކަހަލަ އުޒުރުތައް ދައްކާނަމަ، ރައްޔިތުން އެދޭ ފަދަ ކުރިއެރުމެއް ނުލިބޭނެއެވެ. އެހެންކަމުން، ސަރުކާރުގެ މަޝްރޫއުތަކަށް ހިތްވަރުދީ، މަގުފަހިކޮށްދޭނެ ކެންޑިޑޭޓުން ހޮވުމަކީ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެކެވެ.
ރާއްޖޭގެ މުޖުތަމައަށް މިހާރު ގެނެވިފައިވާ ހަމަޖެހުން ދެމެހެއްޓުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ. ސިޔާސީ ބޭނުމަށްޓަކައި ހަމަނުޖެހުން އުފައްދައި، ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދާ ބަޔަކަށް ފުރުސަތު ދިނުމަކީ ގައުމު ފަހަތަށް ސާސްކަފެއް އެޅުން ފަދަ ކަމެކެވެ. ރައީސް ވިދާޅުވި ފަދައިން، ތަރައްގީ މަޑުޖައްސަން ޖާގަ ދިނުމަކީ އެއްވެސް ރައްޔިތަކު ކުރަން ބޭނުންވާނެ ކަމެއް ނޫނެވެ. މިއަދު ގައުމަށް ބޭނުންވަނީ އަމާންކަމާއި، އެކުވެރިކަމާއެކު ކުރިއަށްދާނެ ސިޔާސީ މާހައުލެކެވެ.
"ރައްޔިތުންނާ ސަރުކާރާ ދޭތެރެއަށް އިދިކީލަ ވިސްނުންތަކެއް ނުވައްދަވާށޭ. ވައްދަން ފުރުސަތު ނުދެއްވާށޭ.،" ރައީސް ޑރ. މުޢިއްޒު
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ރައްޔިތުން ނިންމާ ނިންމުމަކީ ގައުމުގެ މުސްތަގުބަލާ ގުޅިފައިވާ ނިންމުމެކެވެ. ސަރުކާރުން ކުރިމަތިލާފައިވާ 1300 އަށްވުރެ ގިނަ ކެންޑިޑޭޓުންނަކީ ސަރުކާރުގެ ތަރައްގީގެ ތަސައްވުރު ތަންފީޒުކުރުމަށް ތިބި ބައެއްކަން ރައީސް ވަނީ ހަނދާންކޮށްދެއްވާފައެވެ. އެހެންކަމުން، ގައުމުގެ ތަރައްގީ ބާރު މިނުގައި ކުރިއަށް ގެންދިއުމަށްޓަކައި، ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ ހެޔޮލަފާ މަންދޫބުން ހޮވުމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު މަގެވެ.


