އެމެރިކާގެ ޓެރަރިޒަމާ ގުޅިގެން ދުނިޔޭގެ ބޮޑެތި އެއާލައިންތަކުގެ އަގުން 50 ބިލިއަން ޑޮލަރު އުނިވެއްޖެ

ފެބުރުއަރީ މަހުން ފެށިގެން އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ އެންމެ ބޮޑު 20 އެއާލައިންގެ މާކެޓް ވެލިއު ނުވަތަ ކުންފުނިތަކުގެ އަގުން ގާތްގަނޑަކަށް 53 ބިލިއަން އެމެރިކާ ޑޮލަރު އުނިވެފައިވާ ކަމަށް ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓްކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ނޫހުން ހާމަކޮށްފައިވާ ގޮތުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށް މި ހަނގުރާމަ ވަނީ ވެފައެވެ. މި ހަނގުރާމައިގެ ސަބަބުން ގަލްފް ސަރަހައްދުގެ މުހިންމު އެއާޕޯޓްތަކުގެ ދަތުރުތަކަށް ބުރޫއަރައި، ގިނަ ފްލައިޓްތަކެއް ވަނީ ގްރައުންޑް ކުރަން ޖެހިފައެވެ.

ހަނގުރާމައަށް މަސް ދުވަސް ވާއިރު އެއާލައިންތަކުގެ އިސްވެރިން ދަނީ ތެލުގެ ދަތިކަން ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދެމުންނެވެ. އެއާލައިންތަކުގެ ޚަރަދުތަކުގެ ތިންބައިކުޅަ އެއްބައި ހިއްސާކުރާ ޖެޓް ފިއުލްގެ އަގު، ފެބުރުއަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން މިހާރު ވަނީ ދެގުނައަށް ބޮޑުވެފައެވެ.

މި ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ވައިގެ ދަތުރުފަތުރުގެ ޓިކެޓްގެ އަގުތައް ބޮޑުވުމުގެ ފުރުސަތު ބޮޑެވެ. މީގެ ސަބަބުން ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ސިނާއަތަށް އިތުރު ލޮޅުންތަކެއް އަރާނެ ކަމަށް މާހިރުން ލަފާކުރެއެވެ.

ހިއްސާ ކުރައްވާ!