ޖުމްހޫރީ ދުވަހާއި އިންޑިއާ-އީޔޫ ސަމިޓާ ދިމާކޮށް ދެފަރާތުގެ ގުޅުން ވަރުގަދަކުރުމުގެ މަޝްވަރާ

އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތާއި 16 ވަނަ އިންޑިއާ-އީޔޫ ސަމިޓާ ދިމާކޮށް، އިންޑިއާ އާއި ވިލާތުގެ އިއްތިހާދު (އީޔޫ) ގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް ދެ ފަރާތުން ތައްޔާރުވެއްޖެއެވެ. އީޔޫގެ ވެރިން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސުލާ ފޮން ޑަ ލޭޔަން އަދި ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ ނިއުދިއްލީއަށް ވަޑައިގެން އިންޑިއާގެ ޖިުމްހޫރީ ދުވަހުގެ ހަފްލާގައި ބަިއވެރިވެ ވަޑައިގަތެވެ.

  • މި ބައްދަލުވުންތަކުގެ އެންމެ މުހިންމު އެއް ބަޔަކީ ގިނަ ދުވަސްތަކެއް ވަންދެން މަޑުޖެހިފައި އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) އެކުލަވާލުމުގެ ފަހުގެ މަޝްވަރާތަކެވެ. އިގްތިސާދީ ގޮތުން ދެ ފަރާތަށް ވެސް ފައިދާހުރި މި އެއްބަސްވުމުގައި، އީޔޫގެ ކާބަން ބޯޑަރ އެޖަސްޓްމަންޓް މެކޭނިޒަމާ މެދު އިންޑިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިންޑިއާއިން ގަބޫލުކުރާ ގޮތުގައި މީގެ ސަބަބުން އިންޑިއާގެ އެކްސްޕޯޓަރުންނަށް ލިބޭނެ ފައިދާތަކަށް ހުރަސް އެޅިގެންދާނެއެވެ.
  • އިގްތިސާދީ ގުޅުމުގެ އިތުރުން، ދިފާއީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ވެސް ދެ ފަރާތުން ދަނީ މަޝްވަރާ ކުރަމުންނެވެ. މީގެ ތެރޭގައި ދިފާއީ އާލާތްތައް ގުޅިގެން އުފެއްދުމާއި ޓެކްނޮލޮޖީ ހިއްސާކުރުން ހިމެނެއެވެ. މިއީ އިންޑިއާގެ މެނުފެކްޗަރިންގ ދާއިރާ ކުރިއެރުވުމަށް ގެންގުޅޭ ސިޔާސަތުތަކާ ގުޅޭ މުހިންމު ފިޔަވަޅެކެވެ.

މުހައްލިލުން ބުނާ ގޮތުގައި، އެމެރިކާ، ޗައިނާ އަދި ރަޝިއާއާ އެކު އޮންނަ ގުޅުންތަކަށް ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައި، އިންޑިއާ އާއި އީޔޫއިން ބޭނުންވަނީ ސްޓްރެޓީޖިކް ގޮތުން މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކުރުމަށެވެ. މިއީ ދުނިޔޭގެ ބާރުތަކުގެ މެދުގައި އޮންނަ ނުތަނަވަސްކަމުގެ ތެރެއިން ދެ ފަރާތަށް ވެސް ލިބޭ ރަނގަޅު ފުރުސަތެކެވެ.

އިންޑިއާއާއި އީޔޫއަށް އިދާރީ ހުރަސްތަކުން އަރައިގަނެވިއްޖެ ނަމަ، އިންޑިއާ އާއި އީޔޫއަށް ދުނިޔޭގެ އާ ނިޒާމެއް ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމެވެ. މި ސަމިޓަކީ ދެ ފަރާތުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެކެވެ. މި ސަމިޓްގެ ތަފްސީލުތައް އަންނާނީ މާދަމާ އެވެ. ދެފަރާތުގެ ރަސްމީ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.

ހިއްސާ ކުރައްވާ!