އިގްތިސާދާ ހެދި ދުނިޔޭގެ ބާޒާރުގައި ބެޓެރިން ދުއްވާ ނުވަތަ އިލެކްޓްރިކް ކާރުތަކަށް އޮތް ޑިމާންޑް ދަށްވުމާއި، އެމެރިކާގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ މަޝްހޫރު ކާރު އުފައްދާ ކުންފުނިތަކުން އެ ތަކެތި އުފައްދާ މިންވަރު މަދުކުރަން ނިންމައިފިއެވެ. އިނގިރޭސިވިލާތުގެ ފައިނޭންޝަލް ޓައިމްސް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަދުވެގެން 12 ކުންފުންޏަކުން މިހާރު ވަނީ އިލެކްޓްރިކް ކާރަށް ބަދަލުވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ބަދަލު ގެނެސްފައެވެ.
މި ބަދަލު ގެނައި ކުންފުނިތަކުގެ ތެރޭގައި ޖަޕާނުގެ ހޮންޑާ، ޖަރުމަނުގެ މާސިޑީޒް ބެންޒް، އެމެރިކާގެ ފޯޑް، ސްވިޑަންގެ ވޮލްވޯ އަދި މަލްޓިނޭޝަނަލް ކުންފުންޏެއް ކަމަށްވާ ސްޓެލާންޓިސް ހިމެނެއެވެ. މި ކުންފުނިތަކުން މިފަދަ ނިންމުމެއް ނިންމީ އިލެކްޓްރިކް ކާރު އުފެއްދުމަށް ހިނގާ ޚަރަދު ބޮޑުވުމާއި، ހަނގުރާމައާއި އެމެރިކާ އާއި ޔޫރަޕްގައި މިފަދަ ކާރުތައް އުފެއްދުމަށް ދެމުންދިޔަ އިނާޔަތްތައް ނުވަތަ ސަބްސިޑީތައް ކުޑަކުރުމާ ގުޅިގެންނެވެ.
ލަގްޒަރީ ކާރު އުފައްދާ ދާއިރާއަށް ބަލާއިރު، ބީއެމްޑަބްލިއު އާއި ރޯލްސް ރޮއިސް އިން ވަނީ 2030 ވަނަ އަހަރުގެ ފަހުންވެސް ޕެޓްރޯލް އިންޖީނުލީ ކާރުތައް އުފެއްދުން ކުރިއަށް ގެންދާނެ ކަން އިއުލާންކޮށްފައެވެ. މީގެ އިތުރުން ޕޯޝް، ބެންޓްލީ، ލޯޓަސް އަދި އައުޑީ ފަދަ ކުންފުނިތަކުންވެސް ވަނީ އެ ކުންފުނިތަކުގެ އުފެއްދުންތެރިކަމުގެ ލަނޑުދަނޑިތައް އަލުން މުރާޖައާކޮށްފައެވެ.
މި ކުންފުނިތަކުން މިހާރު ބޮޑަށް އިސްކަންދެނީ ހައިބްރިޑް ކާރުތައް ނުވަތަ ޕެޓްރޯލާއި ކަރަންޓު ދެބައި ބޭނުންކޮށްގެން ދުއްވާ ކާރުތައް އުފެއްދުމަށެވެ. މިއީ ފުރިހަމަ އިލެކްޓްރިކް ކާރަކަށް ބަދަލުވުމުގެ ކުރިން އޮތް މެދުމިނުގެ ހައްލެއްގެ ގޮތުގައި އެ ކުންފުނިތަކުން ދެކެއެވެ. މި ބަދަލުތަކަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކާއި، ދުނިޔޭގެ އިގްތިސާދީ ހާލަތަށް އަންނަ ބަދަލުތަކާ ގުޅިފައިވާ ކަންކަން ކަމަށް މާހިރުން ފާހަގަކުރެއެވެ.



