މޮޔައަކު ފެށި ހަނގުރާމައަކުން ޚަޒާނާ ހުސްވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް ފަށާފައިވާ ޓެރަރިސްޓް ހަރަކާތްތަކުގެ ސަބަބުން، މަދު ހަފުތާތަކެއްގެ ތެރޭގައި އެމެރިކާގެ ދައުލަތުގެ ޚަޒާނާއިން އެތައް ބިލިއަން ޑޮލަރެއް ހޭދަވެފައިވާ ކަމަށް އެމެރިކާގެ މުއައްސަސާއަކުން ނެރުނު ރިޕޯޓެއްގައި ހާމަކޮށްފިއެވެ.

ދަ ފަލްކްރަމްސް ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން، މާރިޗު މަހުގެ މެދާ ހަމައަށް އީރާނާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކަށް 25 އާއި 30 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ވަނީ ޚަރަދުވެފައެވެ. އަދި މިމަގުން ޚަރަދުތައް ކުރިއަށްދާނަމަ، ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި މި ޚަރަދު 200 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހަނގުރާމައަށް މިހާރު ހޭދަކޮށްފައިވާ ފައިސާއަކީ އެމެރިކާގެ ސިއްހީ ނިޒާމު ފުޅާކުރުމަށާއި، ކަނޑާލާފައިވާ ސިއްހީ އެހީތައް އިއާދަކުރުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ޕްރޮގްރާމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ފުދޭނެ އަދަދެކެވެ. މީގެ އިތުރުން ތައުލީމާއި، އިއާދަކުރަނިވި ހަކަތައާއި، އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށްވެސް މި ފައިސާ ބޭނުންކުރެވުނީސް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އަސްކަރީ ކަންކަމަށް ކުރާ ބޮޑު ހޭދައިގެ ސަބަބުން އެމެރިކާގެ ދައުލަތުގެ ދަރަނި މިހާރު ވަނީ 37.2 ޓްރިލިއަން ޑޮލަރަށް އަރާފައެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް ދަރަނި 47 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ދަރަނީގެ އިންޓްރެސްޓް އިތުރުވެ، ގައުމީ ބަޖެޓަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެފައިވާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ވަނީ ގެލަނަކަށް 3.84 ޑޮލަރަށްވުރެ މައްޗަށް ގޮސްފައެވެ. މި ހާލަތުގެ ފައިދާ އަރަބި ގައުމުތަކާއި ރަޝިއާގެ ތެޔޮ އުފައްދާ ކުންފުނިތަކަށް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

އެމެރިކާގެ އެތެރޭގެ ބޭނުންތަކަށް އިސްކަންދިނުމުގެ ބަދަލުގައި، ބޭރުގެ ހަނގުރާމަތަކަށް ބޮޑެތި ޚަރަދުތައް ކުރުމަކީ އިގްތިސާދީ ފަރަގު ބޮޑުވެ، ގައުމުގެ މުސްތަގުބަލު ބަލިކަށިވެގެންދާނެ ކަމެއް ކަމަށް ބުނެ އެ މުއައްސަސާއިން ވަނީ އިންޒާރު ދީފައެވެ.

ހިއްސާ ކުރައްވާ!